English Edition
Dhivehi Edition
ފޮޓޯ:ލ.އަތޮޅު ކައުންސިލް

ލ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ކުރިޔަށްގެންދާ ‘އެންހޭންސިންގް ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއެންޓް އައިލެންޑްސް” އެންދެރި މަޝްރޫއު އާއި ގުޅޭ ތަޖުރިބާ ދަތުރެއްގައި ފުވައްމުލައް ސިޓީއަށް ޒިޔާރްތަކޮށްފިއެވެ.

ފުވައްމުލަކު ސިޓީގައި ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ ތަޖުރިބާ ހޯދުމަށް ކުރަމުންދާ މި ދަތުރުގައި ލ. އަތޮޅު ކައުންސިލާއި, ލ. ގަމު ކައުންސިލް, ލ. މާބައިދޫ ކައުންސިލާއި އަދި ލ. ހިތަދޫ ކައުންސިލުން ވަނީ ބައިވެރިވެފައެވެ.

ފުވައްމުލައް ސިޓީގެ މެންގްރޯވް އާއި ވެޓްލޭންޑް ސަރަހައްދާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ލ.އަތޮޅު ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ. މި ގޮތުން ކައުންސިލުން ވަނީ ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކާއި ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާތައް ކޮށްފައިވާއިރު މި މަޝްރޫއުގެ ކާމިޔާބީތަކާއި ގުޅޭގޮތުންވެސް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ލ. އަތޮޅުގެ ކައުންސިލް ޓީމުން އިއްޔެ ފުވައްމުލައް ސިޓީ ނޭޗާރ ޕާކަށް ޒިޔާރަތްކޮށްފައިވާއިރު ބަންޑާރަ ކިޅި އާއި ކޮނޑަކިޅި އަދި ދަނޑިމަގި ކިޅިއަށްވެސް މި ޓީމުން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ފުވައްމުލަކު ސިޓީގައި ހިމާޔަތް ކުރެވިފައިވާ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ މައުލޫމަތު ވަނީ ހޯދާފައެވެ.

ލ.އަތޮޅުގައި ކުރިއަށްދާ “އެންދެރި” އަކީ ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރައުސްމާލު ވަޒަންކޮށް، މިވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި، މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ލާމު އަތޮޅުގައި ތިމާވެށީގެ ގޮތުން މުހިންމު ސަރަހައްދުތަކެއް ހިމާޔަތްކޮށް އެސަރަހައްދުތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރެވިގެންދާނެއެވެ. އަދި މީހުންއުޅޭ ރަށްރަށަށް އަމާޒުކޮށް މާހައުލީ ނިޒާމްތައް މެނޭޖްކުރެވޭނެ ގޮތްތަކެއް ގާއިމް ކުރެވޭނެއެވެ.

މި ޕްރޮޖެކްޓުގެ މައިގަނޑު އެއް މަސައްކަތަކީ ދުނިޔޭގެ ގިނަ ޤައުމުތަކަކުން މިހާރު އެޑޮޕްޓް ކުރަން މަސައްކަތްކުރާ ޤުދުރަތީ ރައުސްމާލު ނުވަތަ ނެޗުރަލް ކެޕިޓަލް އެކައުންޓެއް ގާއިމް ކުރުންކަމަށާއި، އެގޮތުން ލ. އަތޮޅުގެ މާހައުލީ ނިޒާމްތައް އިޔާދަކުރުމަށާއި، ވިލުން އިތުރުކުރުމަށް ބޭނުންވާނެ މައުލޫމާތާއި ޑޭޓާ މިޕްރޮޖެކްޓް ދަށުން ހޯދުމާއި، އީކޯ ސިސްޓަމް އެކައުންޓިން ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރެވޭނެއެވެ.