English Edition
Dhivehi Edition

ޝަހީދުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ފުވައްމުލައް ސިޓީގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން “ސާފު ފުވައްމުލައް” ކެމްޕޭން އިފްތިތާހުކޮށްފިއެވެ.

އިއްޔެ ހެނދުނު ފުވައްމުލަކު ތޫނޑު ސަރަހައްދުގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ، ސްޓޭޓް ފޯރ ހޯމް އެފެއަރޒް އަލީ ނަޛީރު އާއި ފުވައްމުލައް ސިޓީ މޭޔަރު އިސްމާއީލް ރަފީޤު އެވެ. މި ރަސްމިއްޔާތުގައި ވަނީ “ސާފްފުވައްމުލައް” ބޯޑް ޖެހުން ވެސް އިފްތިތާހުކޮށްފައެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ގިނަ ހަރަކަތާތްތަކެއް ހިންގަމުން އަންނައިރު މި ދުވަސް ފާހަގަކުރުމަށް ގިނަ ތައްޔާރީތަކެއްވެސް އަންނަނީ ވަމުންނެވެ. މި ގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ފުވައްމުލައް ސިޓީ ތާރު މަގު ސާފުކުރުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ،

ފުވައްމުލައް ސިޓީ ތާރު މަގު، މާނޭރެ ސަރަހައްއްދުންފެށިގެން ގެންމިސްކިތާއި ހަމައަށް ކުރިއަށް ގެންދިޔަ މަގު ސާފުކުރުމުގެ މި ހަރަކާތުގައި ސިޓީކައުންސިލްގެ މުވައްޒަފުންނާއި، ދިރާގު އަދި ހާފިޡް އަޙުމަދު ސްކޫލުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން މިއަހަރުގެ ޝަހީދުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ފުވައްމުލައް ސިޓީގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ސްކޫލް ތަކުގެ މެދުގައިވަނީ ‘ސުވާލާއި ޖަވާބު’ގެ ނަމުގައި ކުއިޒް މުބާރާތެއް ބާއްވާފައެވެ. އަދި ފުވައްމުލައް ސިޓީގެ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރެހުމުގެ މުބާރާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.