ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ފޭކު އެކައުންޓުތައް ހައްދަވައިގެން ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަ ކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ތުހުމަތު ކުރައްވައިފިއެވެ.
ޣައިރު ދީންތަކުގެ ޝިއާރުތައް ރައީސް ނަޝީދު ފަތުރަމުންދާ ކަމަށް ބުނެ ފުލުހުންގެ މުއައްސަސާއަށް ދީނީ އިލްމުވެރިންގެ ޖަމިއްޔާތައް ހިމެނޭ “ޖަމިއްޔަތުލް އިއްތިހާދު” ވަނީ މައްސަލައެއް ހުށަހަޅާފައެވެ. ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި މި މައްސަލަ ބަލައި ދިނުމަށް “ޖަމިއްޔަތުލް އިއްތިހާދު” ން އެދިފައިވާއިރު ފުލުހުން ވިދާޅުވީ ރައީސް ނަޝީދު ދީނާ ހިލާފު ކަމެއް ކުރެއްވި ކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
ރައީސް ނަޝީދާއި ދެކޮޅަށް މައްސަލައެއް އުފައްދައިގެން ފުލުހަށް ހުށަހެޅުމަކީ ބޮޑު ކުށެއް
މި މައްސަލަ އާއި ގުޅިގެން އެމްޑީޕީގެ މެމްބަރުންވެސް ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި “ވަގުތު” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ ރައީސް ނަޝީދާ ގުޅޭ ގޮތުން ރައްޔިތުންގެ އިއްތިހާދުން ހުށަހެޅި މައްސަލައަކީ ބެލެން ޖެހޭ މައްސަލައެއް ކަމަށެވެ. ރައީސް ނަޝީދު ފޭކް އައިޑީތައް ހައްދަވައިގެން ދީނަށް ފުރައްސާރަ ކުރައްވާކަމަށް ތުހުމަތުކުރައްވަމުން އުމަރު ވިދާޅުވީ އެމަނިކުފާނުގެ މައްސަލަ ބެލި އިންސާފު ލިބިގެން ދިއުމަކީ އެފަދަ ކަންކަން ތަކުރާރުވުން ކުޑަވެގެންދާނެކަމަށް ކަމަށެވެ.