English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފިއެވެ.

މިއަދު މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ، ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށް، އެމަނިކުފާނަށާއި މަޖިލީހުގެ މެންބަރުންނަށް ސިޓީ ފޮނުއްވާފައެވެ.

ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާ އެކު ގައެވެ. އެމްޑީޕީ އިން ބުނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުގެ މަސައްކަތުން ވަކިކުރުމަށް ހުށަހެޅީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ތަކުރާރުކޮށް އެމަނިކުފާނު ގަވައިދާ ހިލާފުވެވަޑައިގެންފައިވާތީ ކަމަށެވެ.

މީގެއިތުރުން އެމްޑީޕީ އިން ވަނީ މަޖިލީހުގެ އެޖެންޑާ ތައްޔާރު ކުރުމުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ބަހެއް ރައީސް ނަޝީދު ނުހޯއްދަވާކަމަށް ބުނެފައެވެ.

މީގެ ކުރިންވެސް އެމްޑީޕީ އިން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް އެ މައްސަލަ އަބުރާ ގެންގޮސްފައެވެ.