ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ، ނައިބު ރައީސް އީވާ އަބްދުﷲ ނެތަސް ކުރިއަށް ގެންދެވޭނެ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަން ނައިބު ރައީސް އުޒުރުވެރި ވެއްޖެނަމަ ދެން ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެތެރެއިން މެންބަރެއް ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއްތިފާގުވެފައެވެ.
މީގެ އިތުރުން މަޖިލިހުގެ ރައީސާއި، ނައިބް ރައީސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތުގައި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނާ މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއްތިފާގުވެފައެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު ޖަލްސާތައް ކެންސަލް ކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވެސް ފަނޑިޔާރުން ވަނީ އިއްތިފާގުވެފައެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.