English Edition
Dhivehi Edition

ރާއްޖެއަށް އިސްލާމް ދީން ގެނައީ ސަލަފް ޖަމިއްޔާ އިން ނޫންކަމަށާއި، އެ ބޭފުޅުން ނެތް ކަމުގައި ވިޔަސް ރާއްޖޭގައި ދީން އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

މެންބަރު ވަހީދު މިހެން ވިދާޅުވެފައިވަނީ، ހޯމް ސްޓޭ ވިޔަފާރި ތަރައްގީ ކުރުން ހުއްޓާލުމަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި ސަލަފު ޖަމިއްޔާއިން ގޮވާލަމުން އަންނައިރު، މި ވިޔަފާރީގެ ސަބަބުން އުފެދޭނެ އިޖްތިމާއީ މައްސަލަތަކާއި މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅޭ ގޮތުން މުހައްމަދު ވަހީދު ވިދާޅުވީ މިހާރުވެސް ގިނަ ގޭގޭގައި އެއްވެސް ލިޔެކިޔުމެއް ނެތް، ކޮން ދީނެއްކަންވެސް ނޭގޭ ބިދޭސީން އުޅެމުންދާކަމަށެވެ. އަދި ކުށުގެ ރެކޯޑްތައް އޮތް ބިދޭސީންވެސް ގިނަ ގޭގޭގައި މަސައްކަތްކުރަމުންދާ ކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ލިޔެކިއުންތައް ބަރާބަރަށް ހަމައަށް ހުރި، ޓްރެވެލް ޑޮކިއުމަންޓްސް ހުރި، މާ ތަހުޒީބުކޮށް އުޅޭ ފަތުރުވެރިން ރަށްރަށުގެ ކައުންސިލްތަކުގެ ބެލުމުގެ ދަށުން އައިސް އުޅުމުން ވާނެ އިތުރު ގޯހެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.

ޖަމިއްޔާއިން ދީނުގެ ނަމުގައި ދައްކާ ވާހަކަތަކަކީ ދީނުގެ އެޖެންޑާއެއް އޮވެެގެން ދައްކާ ވާހަކަތަކެއް ނޫންކަން ފާހަގަކޮށް ވަހީދު ވަނީ އެ ޖަމިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ،މީގެ އިތުރުން ވަހީދު ވިދާޅުވީ އެ ޖަމިއްޔާގެ ގިނަ ބޭފުޅުން ވެސް ބެންކޮކް ފަދަ ގައުމުތަކަށް ގޮސް އެ ގައުމުތަކުގެ ގެސްޓްހައުސް ތަކުގައި ތިއްބަވާކަމަށެވެ.

 

1 ކޮމެންޓް
އަބްރަހަމް
ޖެނުއަރީ 3, 2022
މި ނާގާބިލު އިންސާނާ އަށް އެނގޭތަ މުންކަރާތް މަނާކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް ވެގެންވާ ވާޖިބެއްކަން.