English Edition
Dhivehi Edition

މި އަހަރުގެ ޖަނަވަރީމަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކުރި ހޯމްސްޓޭ ޓުއަރިޒަމް ހިންގުމުގެ ހުއްދަ ގއ.ދާންދޫ ކައުންސިލަށް ލިބިއްޖެ އެވެ.

ޓުރިޒަމާއި ބެހޭ ޤާނޫނުގެ ދަށުން, ހޯމްސްޓޭގެ ގޮތުގައި ގެސްޓަހައުސް ހިންގުމަށް ރަށްރަށަށްދެވޭ ހުއްދަ، ދާންދޫ ކައުންސިލަށް ދީފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ،

ދާންދޫގައި ފުޅާދާއިރާގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރިއެރުވުމަށް ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން އެ ރަށު ކައުންސިލުން މިހާރު ވަނީ ދާންދޫގައި ޓޫރިސްޓް ގެސްޓް ހައުސް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ޚާއްސަ ކުރެވޭ ކޮޓަރިތަށް ނުވަތަ ގެތަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ދާންދޫ ކައުންސިލުން ބުނީ ހޯމްސްޓޭ ވިޔަފާރިއަށް ގެއަކުން އެންމެ ކޮޓަރިއެއްވެސް ރަޖިސްޓްރީ ކުރެވޭނެކަމަށެވެ. އަދި އެންމެ ގިނަ ވެގެން ގެއަކުން ރަޖިސްޓްރީ ކުރެވޭނީ 5 ކޮޓަރި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ހޯމް ސްޓޭ ހުއްދައާއިއެކު ދާންދޫގެ އައިލެންޑް މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އެރަށު ބްލޫނިޔާގެ، ނަސްރާ އަލީ އެވެ. ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގައި ރަށު ޓޫރިޒަމް ޑެސްކުގެ ދައުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރަށު ޓޫރިޒަމް ޑެސްކަކީ އެ ރަށެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ހޯމްސްޓޭތަކާއި، ފަތުރުވެރީންނަށް ކެއިންބުއިމާއި، ދަތުރުފަތުރު ބަލަހައްޓާ މަސްއޫލުވެރި ފަރާތުގެ ގޮތުގައެވެ،އަދި އެ ފަރާތަކީ އެކިއެކި ހަރަކާތްތައް ރާވައި ހިންގުމާއި، މިފަދަ އެހެނިހެން ޚިދުމަތްތައް އެ ރަށެއްގައި ފޯރުކޮށްދޭ ހަރަކާތްތަކާއި، ރަށަށް ފަތުރުވެރީންގެ ގޮތުގައި އައިސްގޮސްވާ ފަރާތްތަކުގެ އެންމެހައި ކަންކަން ރަށުފެންވަރުގައި ބަލަހައްޓާ މަސްއޫލުވެރި ފަރާތެވެ.

ރަށު ޓޫރިޒަމް ޑެސްކުން ކަނޑައަޅާ ތަނެއްގައި ޓޫރިސްޓް އިންފޮމޭޝަން ޑެސްކް ގާއިމުކުރަންވާނެއެވެ. ޓޫރިޒަމް ޑެސްކުގެ މަސައްކަތުގެ ތެރެއިން އެ ރަށެއްގައި ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގޭ މިންވަރަކުން މިކަމާ ގުޅުންހުރި ވަކިވަކި ދާއިރާތަކަށް ފޯކަލް ޕޮއިންޓުންގެ ގޮތުގައި މީހުން ހަމަޖެއްސިދާނެއެވެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯމްސްޓޭ ޓުއަރިޒަމް ފަށާފައިވަނީ މ. ދިއްގަރުންނެވެ.