މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އޭ ބުނުމުން ސިފަވާ މޫނުތަކަކާއި ސިފަވާ މީހުންތަކެއްގެ އިތުރުން ސިފަވާ ރަށްތަކެއް ހިމެނޭ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޗެއަރޕާރސަން އިންތިޚާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (އިންތި) ގެ މެނިފެސްޓީ އިފްތިތާހްކުރުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ގދ ތިނަދޫއަކީ އެގޮތަށް އެމްޑީޕީއޭ ބުނުމުން ސިފަވާނެ އެއް ރަށްކަމަށެވެ. އެގޮތުން އެރަށަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ ބޮޑު ހިއްސާއެއްވާ އެއް ރަށްކަމަށް ވެސް ވިދާޅުވިއެވެ.
“އެމްޑީޕީ އުފެދިގެން އައީ ރައީސް ނަޝީދުގެ އިތުރުން ތިނަދޫ މުހައްމަދު ލަތީފު އާއި ޚާއްސަކޮށް މަރްހޫމް އެސްޓީއޯ ސަލީމްމެން ފަދަ ތިނަދޫއަށްވެސް އުފަން ގިނަ ބަޔެއްގެ ވަރުގަދަ، ހިތްވަރުގަދަ ބަޔަކު ކުރި އާދަޔާޚިލާފު ހިތްވަރުގަދަ މަސައްކަތްތަކުން.” ވައްޑެ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ މެނިފެސްޓޯ ޕާޓީގެ ދަފްތަރު ސާފުކުރުމާއި ލާމަރުކަޒީ ނިޒާމާއި ޕާޓީގެ އޮނިގަނޑު އެއްގޮތްކުރުމާއި އެމްޑީޕީގެ ބަސް ވިކޭނެކަން ކަށަވަރުކުރުމާއި އަންހެނުންނާއި ޒުވާނުންނަށް ޖާގަ ތަނަވަސްކުރުމަށް ވަނީ ހިމަނާފައެވެ.
މީގެ ތެރެއިން ވެސް ލާމަރުކަޒީ ނިޒާމާއި ޕާޓީގެ އޮނިގަނޑު އެއްގޮތްކުރުމާއި އަންހެނުންނާއި ޒުވާނުންނަށް ޕާޓީގައި ޖާގަ ތަނަވަސްކުރުމަށް ބޮޑު ބަދަލުތަކެއް ގެނައުމަށް ވަނީ ފާހަގަކޮށްފައެވެ.