English Edition
Dhivehi Edition

ސާޖިދުގެ ފޯނު އޮތީ ކަނޑާނުލެވިއެވެ. އެއީވެސް މިފަހަރު ދިމާވި ނަސީބެއް ކަހަލަ ކަމެކެވެ. ރީމާގެ އެމަރޖެންސީ ކޯލް ލިބުނީ އެ ފޯނުހުޅުވާފައިވާތީ އެވެ. އަވަސް ގޮތަކަށް އެއަރ ހޮސްޓެސްއެއްގެ އެހީގައި އެފޯނު ޕައިލެޓަށް ފޮނުވާލެވުނެވެ. ޕައިލެޓާއި ދިރާގާ ގުޅުމުން އެވަގުތު ޖީއެސްއެމްގެ ސިގްނަލް ކެނޑިފައި ހުރިކަން ޔަގީންވި އެވެ. އޮޓޯ ޕައިލެޓްގެ މަސްއަލައެއް ހުރިކަމުގެ އިންޒާރެއް ނުލިބޭތީ އެއީ ކޮމިއުނިކޭޝަންގެ މަސްއަލައެއްކަން ޔަގީން ވިއެވެ. ބޯޓްގައި ތިބި 200 މީހުން ސަލާމަތުން އިސްޓޝަނަށް ތިރި ކުރެވެން އޮތީ ރީމާގެ އެހީ ލިބިގެން ކަން ދިރާގުން ކަށަވަރު ކޮށްދިނެވެ.

ޑޮކްޓަރ ޒިޔާން އެވަގުތު ރީމާގެ އަތުން ފޯން އަތުލިއެވެ، އަދި އޭނާއަށް އެވަގުތު އެވަނީ އެހާވަރުގެ ކަމަކާ ކުރިމަތިލާވަރަށް ވުރެން ބޮޑަށް އެނަސްތެޓިކްގެ އަސަރު ފޯރާފައި ކަމަށް ބުންޏެވެ.

“އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި ޖީއެސްއެމްގެ ސަރވިސް ކޯޑް”

ޑޮކްޓަރ ރީމާގެ އަތަށް ފޯން ދިނުމުން އޭނާ ފުރަތަމަވެސް ގުޅަން ބޭނުންވީ ސާޖިދު އާއެވެ.

“ބޭވަފާތެރިވީ އަހަރެން ނޫންކަން ސާޖިދަށް މިވަގުތު ޔަގީންކޮށްދޭން ބޭނުން.” ދެން ރީމާ ސުވާލު ކުރުމުގެ ގޮތުން އަހާލިއެވެ. ސާޖިދު އަހަންނާ ރުޅިވާން ޖެހުނީ ކޮން ސަބަބެއް އޮވެގެންތަ؟”

“ރީމާ! މިއީ ދިރާގުން. ތިޔަ ސުވާލުގެ ޖަވާބު ފަހުން ލިބިދާނެ . އަވަހަށް ކޯޑް ބުނެދީބަލަ!”

“އަހަރެން އެރޭ ސަންއައިލެންޑްގެ ބީޗަށް ދިޔައީ ސާޖިދު ހޯދަން” ރީމާ އަށް ދިރާގުން ދައްކާ ވާހަކައިގެ އަޑު އިވޭހެނެއް ހިއެއް ނުވެއެވެ. “އަހަރެންގެ އަނބުރައިގަތީ އެވަގުތު. ޒިޔާން އަހަރެންގެ ކާރީގައި ނެތް ނަމަ…..” . . . ..

“ރީމާ! ” ދިރާގުން މިހާރު ކެތްމަދުވެފައި ވާކަން އެނގެއެވެ. “ތި ވާހަކަ މެދު ކަނޑާލާ ! ސާޖިދުގެ ފޯން ނިވާލާ!.”

ރީމާ ބޮލުގައި އަތް އެޅުމަށް ފަހު އެނދުގައި އޮށޯތެވެ. ޒިޔާން ރީމާ ތަޅުވައިގަތެވެ. “ރީމާ އަވަހަށް ކޯޑް ނަމްބަރު ބުނެބަލަ!”

ރީމާ މަޑުމަޑުން އަކުރުތަކެއް ކިޔަން ފަށައިފިއެވެ. ……783398

ރީމާގެ ހޭ ނެތުނީ އެވެ. ޑޮކްޓަރ އޭނާ ކީ ނަމްބަރު ދިރާގަށް ކިޔާދިނެވެ

“އަދި އެއް އަދަދު މަދު ދިރާގުން ބުންޏެވެ.”

“ރީމާ މުޅިން ހޭނެތުނީ!” ޑޮކްޓަރ ބުންޏެވެ. އަހަންނަށް ހީވަނީ ދެން އޭނާކީ އެސް ހެން”

ދިރާގުން އަވަހަށް އެ ކޯޑް ނަމްބަރ ޖެހިއެވެ. އެހެންނަމަވެސް އެންމެ ފަހު އަކުރާ މެދު ޔަގީން ކަމެއް ނެތެވެ. އެހެން ހުރިހާ އަކުރަކީ ހިސާބު އަދަދެކެވެ. އެސް އެއް އަންނަން ވީ ކީއްވެހެއްޔެވެ. “އެސް ފޯ އެސް ފޯރ ސާޖިދު” ޒިޔާން ބުނެލިއެވެ. އެ ބިޔަ ބޯޓް މާލޭ އިންޓަރނޭޝަނަލް އެއަރ ޕޯރޓާ ދިމާއަށް ބާރު ސްޕީޑެއްގައި ތިރިވަމުން އަންނަން ފެށުމުން ފުރަތަމަ ފަހަރަށް 747 އެއް ވެއްޓޭ މަންޒަރު ހަމަ ލޮލުން ދުށުމުގެ މަންޒަރުބަލަން ޒާހިދު ލޮނުޒިޔާރަތް ކޮޅުގައި އެއަރޕޯރޓް ރީއްޗަށް ފެންނަ ދިމާއެއްގައި ހުއްޓެވެ. އޭނާގެ ހިތް އަވަސްވެފައިވަނީ ނޭނގޭ ކަހަލަ އުފަލަކާ އެކުގައެވެ.

ރީމާގެ ނިތްކުރީގައި ޒިޔާން ޖެހި ތިކި ނޫން އެހެން ހުރިހާ ތަނެއްވަނީ ނިވާ ކޮށްލެވިފައެވެ. ބުރުމާއެއް ކަހަލަ އެއްޗަކުން ޒިޔާން ރީމާގެ ބޯ ތޮރުފަން ފަށައިފިއެވެ. ސިކުނޑީގެ ދިޔަވަރާ އެކު ހުދި ކުލައިގެ އަޅިމާއްދާގެ ބައެއް އެ ލޯވަޅުން ނުކުންނަން ފެށުމުން ތަޖްރިބާ ހުރި ނަރުސްވެސް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ސާޖިދު އަވަސް ކަމާއެކު އެ ލޯވަޅުން ޚާއްސަ ޕްރޯބެއް ރީމާގެ ބޮލުތެރަށް ވެއްދިއެވެ. މަޑުމަޑުން އެކި ދިމަދިމާއަށް ހަރުފައެއްހެން ގުދުލަމުން މި އެތި އޭނާގެ ސިކުނޑީގެ ތެރޭން ފޮނުވަމުން ގެންދިޔައީ ވަރަށް ހަނި މަގުތަކަކުންނެވެ. ކޮމްޕިއުޓަރގެ މޮނިޓަރުން މި ހޮޅި ދާމަގު ފެންނަމުން ދިޔަ ނަމަވެސް ޒިޔާން ގެ އިނގިލިތަކުގެ ހަރަކާތަށް ގެންނަ ކުޑަ ބަދަލަކުން ރީމާގެ ހުރިހާ ހަނދާނަކާއި ވިސްނުމެއް ގެއްލިގެން ދިއުމުގެ އިތުރަށް މުޅި އުމުރަށް ނުކުޅެދޭ މީހެއްގެ ގޮތުގައި ހޭދަކުރަން ޖެހިދާނެކަން ނޭނގޭ އެކަކުވެސް އެ ތިއޭޓަރގެ ތެރެއަކު ނެތެވެ. އެހެންކަމުން އެންމެންގެ ނޭވާ ހުއްޓިފައިވާހެން ހީވެއެވެ

ސިކުންތަކު މިލިމީޓަރެއްހާ ލަސްލަހުން ޒިޔާން މި ހޮޅި ވައްދަމުން ދިޔައީ ކުޅަދާނަ ކަމާ އެކުގައެވެ. އަދިވެސް ދާންޖެހޭ ހިސާބުގެ ދުރުމިނުގައި އެތަކެއް މޭލެއް ހުރި ހެން ހީވެއެވެ. ކުރިމަތީގައި ވަނީ ލޮލުގެ އޮޕްޓިކް ނަރވް އެވެ. އޭގައި އެއްގޮތަކަށްވެސް ޖެހިގެން ނުވާނެއެވެ. މޮނީޓަރުން މި ނާރު ރީއްޗަކަށް ނުދައްކައެވެ. އެހެނިހެންވެސް ސެލްތަކާ އެއް ކުލައިގައި ހުންނާތީ އެވެ. އޮޕަރޭޝަން ކުރަން ޖެހޭ ބަޔާ ހަމަޔަށް ފޯރާނީ މި ނާރުގެ ވަށާލައިގެން ގޮހެވެ. މިއީ އެންމެ ނާޒުކުވަގުތެވެ. ޒިޔާންގެ ނިއްކުރިން ނަރުސް ކުއްޖަކު ދާ ފޮހެލަ ދިނެވެ.

ސްޓެލްކޯގެ ޕަވަރ ހައުސް ތެރޭގައި ފައިރޫޒް ދަނޑިވަޅެއް ބަލަން ހުއްޓެވެ. ޒާހިދު ބުނާ ގަޑިގަޑީގައި އޭނާ ބޭނުން ހިސާބަކުން ކަރަންޓް ކަނޑާލުމަކީ އޭނަޔަކަށް މާ އުނދަގޫ ކަމެއް ނޫނެވެ. ޒާހިދު ކަމަކު ބުނާނީ ހާލަކުން ފަހަރަކުއެވެ. އޭގެ ފައިދާ އޭނަޔަށް ކުރެއެވެ. ޒާހިދުގެ މިނިވަން ކޮޓަރި އަށް އޭނާ އަށް ދެވޭ އަދަދު އެއަށްވުރެން މާގިނައެވެ. އެ ތަނުން އޭނާގެ ހިތުގައިވާހައި އުންމީދެއް ފުރިހަމަ ވާނެ ގޮތް ހަމަޖައްސާދެއެވެ. މި ފަހަރު ޒާހިދުގެ ކޮޓަރިން އޭނަޔަށް ހާސިލްވާނީ އެންމެ ކުއްޖެއް ނޫނެވެ. ދެ ކުދިން ނެވެ. އެއް ފަހަރާ އެވެ. މިއީ ފައިރޫޒް އަބަދުވެސް ދެކޭ ހުވަފެނެވެ.

“މިފަހަރު ކޮން ބިޓެއްތަ.” ފައިރޫޒު ހުރީ ކެތް މަދުވެފައެވެ

“މާ ސުވާލު ގިނަ ނުކުރޭ.” ޒާހިދަކަށް ވަގުތެއް ނެތެވެ. “ހަމަ މިހާރު އަވަސް ކުރަންވީ.” .

ފައިރޫޒް ބަލާކަށް ނުހުރެ ހިމަ ނަރުކޮޅަކުން 7 ނަމްބަރު ޓްރާންސްފޯރމްގެ ފިއުޒް ދުއްވާލިއެވެ. އެއީ ހޮސްޕިޓަލެއްގެ ލައިނެއްކަން އޭނަޔަށް އެނގެއެވެ. އެކަމަކު އެމަރޖަންސީ ޖެނެރޭޓަރ ހިންގުމަކީ އެތަނުގެ ކަމެކެވެ. އޭނާ ހިތް ބާރަށް ތެޅެމުން ދިޔައީ ކުރެވުނު ކަންތަކާ ހެދިއެއް ނޫނެވެ. ޒާހިދުގެ ކޮޓަރިއަށް އޭނާ އަށް ދައުވަތު ލިބޭނެ ވަގުތާމެދު ޚިޔާލު ކުރެވުމުންނެވެ.

އެ 10 ސިކުންތަކީ ޒިޔާންގެ ހަޔާތުގައިވެސް އައި އެންމެ ދިގު ވަގުތު ކޮޅު ކަމަށް ހީވިއެވެ. ކަރަންޓް ކެނޑުމާ އެކު ކުއްލިއަކަށް މެޝިން ގުޅިފައވާ މޮނީޓަރުން ކަރަންޓް ދިޔައީ އެވެ. މޮނިޓަރއަށް ކަރަންޓް ލިބުނަސް ދިއްލެން 10 ސިކުންތު ނަގާނެއެވެ. މި ކަހަލަ ދަނޑިވަޅެއްގައި ތިއޭޓަރުން ކަރަންޓް ދިއުން އެއީ ވެދާނެ ކަމެއް ކަމަށް އޭނާ ހީކޮށްފައެއް ނެތެވެ. އެކަމަކު އޭނާ ވަނީ ކަރަންޓް ހިނގައިދާނެ ކަމަށްވެސް ވިސްނާފައެވެ. އެހެންކަމުން އޭނާ ގެންގުޅުނު ޚާއްސަ ހަތިޔާރަކީ ކަރަންޓާއި އެއްވަގުތަކު ބެޓްރީން ހިނގާ ގޮތަށް ހަދާފައިވާ އެއްޗެކެވެ. އެހެންކަމުން އޭގެ މަސައްކަތް ނުހުއްޓެއެވެ. އޮޕަރޭޝަން ތިއޭޓަރ ވަގުތުން އެމެރޖަންސީ ޖެނެރޭޓަރުން ދިއްލުނު ނަމަވެސް މޮނީޓަރ ނުދިއްލޭހާ ހިނދަކު ޒިޔާން އަށް އެއްވެސް އެއްޗެއް ނުފެންނާނެއެވެ. އެ އޮޕަރޭޝަން ކުރަން ޖެހުނީ ކަނު އަނދިރީގައެވެ. ހިތު ލަފައަށެވެ.

ސިކުނޑީގެ ހިޕޮތަލަމަސްގެ ތެރެއަށް ޕްރޯބް ވަނުމާއެކު އިޚްތިޔާރެއް ނެތް ހަރަކާތެއް ރީމާ އަށް އައެވެ. ޒިޔާން ނޭވާ ހިފަހަށްޓާލަން ޖެހުނެވެ. މި ވަގުތުކޮޅު ގެއްލިއްޖެ ނަމަ ރީމާގެ ފުރާނަ ގެއްލުނީއެވެ. ދެވަނަ ފުރުސަތެއް ނެތެވެ. އޭނާ ލޯމަރާލިއެވެ. އޭނާގެ ހިތުގައި ރީމާގެ ސިކުނޑީގެ ޗާރޓް ކުރެހިފައި ހުއްޓެވެ. އިތުރު 5 މިލިމީޓަރގެ ފުންމިނަށް ޕްރޯބް ވައްދާލިއެވެ. އަދި ހަމަ އެވަގުތު ލޭޒަރގެ ބާރުގަދަ ދޯއްޖެއް 5 ސިކުންތުގެ ވަގުތުކޮޅަކަށް ފޮނުވާލިއެވެ.

ޒިޔާން ދެން ލޯ ހުޅުވާލިއެވެ. ހުރިހާއެންމެންގެ ލޯ ހުއްޓިފައި ހުރީ އޭރު ދިއްލިފައިވާ މޮނީޓަރ އަށެވެ. ބަރާބަރު އޮޕަރޭޝަނެކެވެ. ރީމާގެ ސިކުނޑިތެރޭގައި ފުއްޕާ ހަމެއްހެން ފުފިފައިވާ ޕަލްޕް ބަލަބަލާ ހުއްޓާ ހިނދިގެން ދިޔައެވެ. އިންޑިއާގެ ސިކުނޑީގެ ޚާއްސަ ޑޮކްޓަރ ޝަންކަރު ވަރުމާ އުފާވި ވަރުން ޒިޔާންގެ ގައިގައި އޮޅުލައި ނުގަތީ ކިރިޔާ އެވެ.

މިއީ އަދި އެ އޮޕަރޭޝަންގެ ނިމުން ނޫން ކަން އޭނަ އަށް ވެސް އެނގެއެވެ. އެހެނަސް މިއީ ސިންގަޕޯރގައިވެސް ނުކުރެވޭ ވަރުގެ އޮޕަރޭޝަނެކެވެ. ވަރުމާ ހުރީ މި އޮޕަރޭޝަންގެ ނަތީޖާ ޝައުގުވެރިކަމާ އެކު ބަލާށެވެ. އޭނާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން އިންޑިއާގައި މި ބާވަތުގެ އޮޕަރޭޝަން ކުރެވޭ ވަރުގެ ތަނެއް ހުޅުވުމަށެވެ. އެހެންނަމަވެސް މިކަމަށް ކޮލިފައިވާ ވަރުގެ ޑޮކްޓަރުން އަދިވެސް އިންޑިއާގައި ނެތެވެ.

ރީމާގެ ސިކުނޑި ތެރެއަށް ޒިޔާން ވެއްދި ޕްރޯބް އިތުރު ސެލް އަކަށް ގެއްލުމެއް ނުދީ ނެރުން ވީ އަދި ވަކީން އުނދަގޫ ކަމަކަށެވެ. އެއީ ރީމާގެ ބޭ އިޚްތިޔާރުގައި އިތުރު ހަރަކާތް ކުރެވޭތީ އެވެ. ޒިޔާން ރީމާގެ ބޮލުގައި ދައްޗެއް ހަރުކުރީ މިހެން ވެދާނެ ކަމަށެވެ. އޭނާ ވަނީ ހުރިހާ ކަމަކަށްވެސް ވެސް ތައްޔާރުވެފައެވެ.

އޭނާގެ ވިސްނާފައިވާ ގޮތުގައި 10 ސިކުންތު މޮނީޓަރ ނިވުނަކަސް މަސްއަލައަކަށް ނުވާނެއެވެ. އެއީ ކުޑަ ވަގުތު ކޮޅެކެވެ. މަސްއަލަ އަކަށް ވީ އެންމެ ނުރައްކާތެރި ދަނޑިވަޅު މޮނިޓަރ ނިވުނު ކަމެވެ. ކަނު އަނދިރީގައި ސިކުނޑީގެ ނާޒްކް އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމެވެ.

ޕްރޯބް ރީމާގެ ބޮލުން ނެރެވުމާ އެކު ޒިޔާން އެހެން ޑޮކްޓަރުންނާ ރީމާ ހަވާލު ކޮށްލިއެވެ. ދެން އޭނާގެ އޮފީހަށް ވަން ގޮތަށް ބޮލުގައި ދެއަތުން ހިފަހަށްޓައިގެން އިންގޮތަށް އިނީއެވެ.

ބޯޓް ކުރޭޝް ލޭންޑިންގ އަކަށް ތައްޔާރު ވުމަށް އެންމެ ފަހުން ޕައިލެޓް ޕަސެންޖަރުންނަށް އެންގިއެވެ. އެންމެންވެސް ބެލްޓް އެޅުމަށާއި ބަނޑުދަށަށް ބާލީސް ލެއްވުމަށް ފަހު ކަކުލުގައި ބޯ އަޅައިގެން ތިބުމަށް އެންގުނެވެ.

ރުއިމާއި ދުއާ ކުރުން ފަދަ ކަންތަކުގައި އެންމެން އެ ދިހަ ސިކުންތު ހޭދަކުރިއެވެ

ހީވީ ގަދަ އަލިފާންގަނޑެއް ރޯވި ހެންނެވެ. އެކިމީހުން އެކިފަރާތަށް ހޭބޯ ނާރާ ދުވަމުން ދަނީ އެވެ. ކޯސްޓް ދަޅެއްގައި އޮތް ކުޑަކުއްޖަކު ލެއްގީ އެވެ. އެ ކުއްޖާ އޮތީ ގުޅަކޮށްފައި ދަޅަށް ލާފައެވެ. ކަރުގައި ބަނދެފައިވާ ވާފަށް ކަނޑާލާއިރަށް ރޮއިގަތް ޚަބަރެވެ.

އެއްބަޔަކަށް މިކަން ގަބޫލެއް ވެސް ނުކުރެވެއެވެ. ރަށުގެ އެންމެން އެތަނަށް އެއްވެފައި އޮތެވެ. އޭގެ ތެރޭގައި ޒިލްމާވެސް ހުއްޓެވެ.

“ހެޔޮވާނީ ކިހިނެއްތަ.” ޒިލްމާ އަށް ހުރީ އަސަރު ކޮށްފައި ކަން އެނގުނެވެ. “އެއީވެސް ދިރޭ ފުރާނައެއް ވިއްޔާ!.”

“މީ މިރަށު މީހަކު ކުރި ކަމަކަށް ނުވާނެ.” އެހެން އަންހެނަކު ބުންޏެވެ .

“ދެން ކޮން ރަށެއްގެ މީހަކުކުރި ކަމެއްތަ؟” އެހެން މީހަކު ވިސްނުން ތެރިކަމާއެކު ބުންޏެވެ. “އެހެން ރަށަކުން މި ދަޅު މިހާ ހިސާބަށް މިހާ އަވަހަށް ފޯރާނެތަ؟ އެހެންނަމަ އެ ކުއްޖާ އޮންނާނީ ކުނިވެފަ.”

“އަހަންނަށް އެނގެނީ މިރަށުގައި ތިޔަ ވަރުގެ ކަމެއް ކުރާނެ މހަކު ނުހުންނާނެކަން.” ޒިލްމާ ރަށު މީހުންގެ ރުހުން ހޯދިއެވެ. “ތިޔަ ކަން ކުރިމީހަކީ އިންސާނެއް ވެސް ނޫން”

އެކި މީހުން އެކިގޮތްގޮތަށް ވިސްނަމުން ދިޔަ އިރުވެސް ގޮތެއް ނިންމާކަށް ނޭނގުނެވެ. މީހުން ކޮޅުކޮޅުމައްޗަށް ހަރަކާތްތެރިވެ މުޅިރަށުގެ ސަމާލުކަމަށް އެކަން އަތުވެއްޖެއެވެ..

ޒާހިދަށް އެ ޚަބަރު ލިބުނީ އެދުވަހު 2ގެ ޓީވީ ޚަބަރުގައެއެވެ. ޔަގީނެވެ. އެވާނީ ޒިލްމާގެ ކަމަކަށެވެ. އޭނާ ވަގުތުން އެރަށު ކަތީބަށް ގުޅިއެވެ. އަދި ޒިލްމާ ރަށަށް ދިޔައީ ބަލިވެ އިނދެގެން ކަމަށް ބުންޏެވެ. އެހެންނަމަވެސް މި ވާހަކައަކަށް ކަތީބު މާބޮޑު ސަމާލުކަމެއް ނުދިނުމުން އޭނާގެ މި ރޭވުންވެސް ނާކާމިޔާބުވެގެން ދިޔައީއެވެ.

ޒާހިދުގެ ހުރިހާ ރޭވުންތަކެއް ނާކާމިޔާބުވި ދަނޑިވަޅުގައި ގާދިރުގެ ހަމަލައެއް އޭނާއަށް އައެވެ. އޭނާގެ ހުރިހާ ރޭވުމެއް ފަޅާއަރުވާލިއެވެ. ކަމާއި ބެހޭފަރާތްތަކަށް އޭނާ ކުރަން އުޅުނު ކަންތައް އަންގައިފިއެވެ. ގާދިރަށް މަޖްބޫރުވެގެން ކުރެވުނު ކުށުގެ ފުރިހަމަ ޒިންމާ އޭނާ ނެގިއެވެ. އޭނާގެ އަންހެނުންނަށް އެ ހުރިހާ ވާހަކައެއް ކިޔާދިނެވެ.

ޚަދީޖާއަކީ ކެއްތެރި ވިސްނުންތެރި ސުލްހަވެރި އަންހެނެކެވެ. އެހެންނަމަވެސް މި އިވުނު ޚަބަރަކީ އޭނާގެ މުޅި ހަޔާތަށް އައި ވަރުގަދަ ޒަލްޒަލާއެވެ. 13 އަހަރުވަންދެން އިނދެގެން އުޅުނު ފިރިމީހާއާއި ވަކިވުމަކީ ފަސޭހަކަމަކަށް ނުވިއެވެ. ދަރިންނަށް ލިބޭނެ ދެރައަކަށްޓަކައިވެސް މެއެވެ. އެހެންނަމަވެސް ބޭވަފާތެރިއެއްގެ އަންބެއްގެ ގޮތުގައި އޭނައަކަށް ނޫޅެވޭނެއެވެ. އޭނާ ގެޔާއި ކުދިންނާއި ހުރިހާ އެއްޗެއް ދޫކޮށް ދާން ނުކުތެވެ.

ގާދިރު މައާފަށް އެދުނެވެ. އަދިއެފަދަ އަމަލެއް ދެން އޭނާގެ ފަރާތުން ދުވަހަކުވެސް ނުފެންނާނެ ކަމުގެ ޔަގީންކަން ދިނެވެ. އޭނާ އާދޭސް ކުރިއެވެ. ޚަދީޖާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ހިނގައްޖެއެވެ.

ކަތީބާއި ޒިލްމާގެ ކާވެނި ކުރެވެން އޮތް ރެއެވެ. ހައްވަ ދައިތަ އޮތީ މަރުގެ ތުންފަތްމަތީގައެވެ.

އަހުމަދު ރަށަށް އައީ އޭނާގެ މޮޔަބަލި ރަނގަޅުވުމުންނެވެ. އޭނާއަށް މި ހުރިހާ ކަމެއް މިހާރުވަނީ އެނގިފައެވެ. އަދި އެރޭ ކަތީބުގެ ކާވެނި ޕާޓީއަށް ދިއުމަށް އޮތީ އޭނާއަށްވެސް ދައުވަތު ދީފައެވެ.

-ނުނިމޭ-