English Edition
Dhivehi Edition

ޒާހިދަށް ކުރެވެން އޮތްހާ ކަމެއް ކުރިއެވެ. ޒީނިޔާގެ ގާތުގައި ސާޖިދާ ބެހޭގޮތުން ހަދަހަދައިގެން ވާހަކަ ދައްކަމުން ގެންދިޔަ އެވެ. މުއްސަނދިން ރީތި އަންހެން ކުދިންގެ ބޭނުން ކުރަނީ ފެންބޮވައިގެންފައިވާ މީހަކު ކޯކް ދަޅެއް ބޭނުން ކުރާހެންނޭ އޭނަ ބުނދިނެވެ. އެތެރޭގައި ހުރި ދިޔަވަރު ހުސްވީމާ ދަޅު ޗިސްކޮށްފައި އެއްލައިލާ ބީދައިންނެވެ.

ޒާހިދުގެ މިވާހަކަ ޒީނިޔާ އަޑު އެހިއެވެ. އެހެނަސް އެހެނިހެން ވެސް ޒުވާން އަންހެން ކުއްޖެކޭ ޒީނިޔާ އެކޭ ތަފާތެއް ނެތެވެ. މުއްސަނދި ކަމުގެ ދަޅައިގައި ނުޖެހިއެއް ނުހުރެވޭނެއެވެ. މީހުންގެ ނަސޭހަތުގެ ބަސްތައް ބޭރުވަނީ ވަންނަ ކަންފަތުންއެވެ. ޒިލްމާއާ މެދު ކަންތައް ވީގޮތް ވެސް ޒީނިޔާ އަށް އޮތީ ފެނިފައެވެ.

ޒާހިދު އެ ދައްކަނީ ހަމަ ރަނގަޅު ވާހަކަ ތަކެއް ކަމަށް ޚުދު އޭނަޔަށްވެސް އެނގެއެވެ. އެހެން ނަމަވެސް ޒާހިދާ މެދު ކުޑަވެސް ހިތެއް ޖެހޭނެ ގޮތެއް ނުވިއެވެ.

ސާޖިދަށް އަންނަ އީމޭލް ޗެކްކޮށް އެއަށް ޖަވާބުދީ ހަދަނީ ޒީނިޔާ އެވެ. އެހެންކަމުން ކެލިފޯނިއާގެ ޖެނެޓިކް އިންސްޓިޓިއުޓުން ސާޖިދަށް އައި އީ މޭލް ވެސް އޭނައަށް ފެނުނެވެ. އެއާ އެކު އޮތް ރިޕޯރޓްވެސް ކިޔާލެވުނެވެ. ޒިލްމާގެ ޔޫރީންގެ ސާމްޕަލް އާއި ސާޖިދުގެ ލޭގެ ސާމްޕަލްގެ ޓެސްޓް ރިޕޯރޓުން ދައްކާ ގޮތުގައި ޒިލްމާ ބަލިވެ އިނީ ސާޖިދުގެ ދަރިއަކަށް ނޫނެވެ. އެކަން ޔަގީން ކޮށްދިނުމަށް އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރ ސޮއިކޮށް ތައްގަނޑު ޖަހާފައި އޮތެވެ.

އަދި ޕޯސްޓުން އައި ހާރޑްކޮޕީ އޭނާގެ ވަތްގަނޑަށް ލިއެވެ. ޒީނިޔާ އެ އެމެއިލް އަލުން ސާޖިދުގެ ލެޕްޓޮޕަށް ފޯވާޑް ކޮށްލިއެވެ.

ޒީނިޔާ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ. ޒާހިދު ސާޖިދާމެދު އޭނާގެ ހިތުގައި ނަފްރަތު އުފައްދަން ދެއްކި ހުރިހާވާހަކައެއް އޭނާގެ ޚިޔާލަށް ގެންނަމުން ދިޔައެވެ. އެ ދެއްކި ވާހަކައިގައި ހަގީގަތާއި ދުރު ކިތަންމެ ވާހަކައެއް ހުއްޓެވެ. އަދި ސާޖިދާއި ޒިލްމާއާއި ދެމެދު ހިނގި ކަންތަކުގެ ހަގީގަތްވެސް އޭނާއަށް މިއަދު ފެނިއްޖެއެވެ. ސާޖިދާއެކު އޭނާ ކިތަންމެ ދިގުވާހަކައެއް ދެއްކިޔަސް އެވާހަކަތަކުގައި ނަހަމަ އެއްވެސް ވާހަކައެއް ނުހުރެއެވެ. އެހެންކަމުން އޮޅުން އަރާފައިވަނީ ޒާހިދުމެންނަށްކަން އޭނައަށް އެނގެއެވެ. އަދި ސާޖިދާ މެދު އޭނާގެ ހިތުގައި ނަފްރަތެއް އުފެއްދޭނެ އެއްވެސް ގޮތެއް ޒާހިދަކަށް ނުހެދުނެވެ.

“ރީމާގެ މަންމަ މާދަމާގެ ފްލައިޓުން އެބަ ގެންނަން” ޒިޔާން ބުންޏެވެ. އޮޕަރޭޝަން ދުވަސް ޑިސެމްބަރ 1 އަށް ނިންމަން ޖެހިއްޖެ.”

“އެ ދުވަސް އެހާ ޚާއްސަވީ ކީއްވެ؟”

“ވައިޓޫކޭ ގެ މަސްއަލަ ކުރިމަތި ވުމުގެ ކުރިން އެ އޮޕަރޭޝަން ނިންމަންޖެހޭ. ކަމުގެ ބާވަތުން އެއްވެސް ކަހަލަ އެކްސިޑެންޓަކަށް ފުރުސަތު ދެވޭކަށް ނެތް. އަދި ޔަގީންކަމާއެކު ތިއެޓަރ ލިބެން އޮތީވެސް އެ ދުވަހަށް”

“ތިޔަ ބުނާ ދުވަހަކާ ދެމެދު 1 މަސް އެބައޮތެއް ނޫންތަ؟ އެ ދުވަހު ޤިޔާމަތް ވާނެޔޭ ވެސް އެއްބަޔަކު ބުނޭ.” ރީމާ ހުރީ ސަމާސާ މޫޑެއްގައެވެ. ” އެވާހަކަ ވެސް ޒިޔާން ޤަބޫލު ކުރަންތަ؟”

“ކޮމްޕިއުޓަރ ތަކުގެ ބައެއް ޗިޕް އޭގެ ފަނަރަ ދުވަސްކުރިން މަސްއަލަ ޖެހެން ފަށާނެ. އެއީ އިންޒާރެއް.” ޒިޔާން އެވާހަކަ މެދު ކަނޑާލިއެވެ. “މިއީ އިލެކްޓްރޯނިކް އިންޖިނިއަރުންނަށް އޮޅިފައި އޮންނާނެ ކަމެއް ހެނެއް ހިއެއް ނުވޭ.”

“އެއީ 15 ޕަރސެންޓްގެ ޗާންސެއް.”

“އޮޕަރޭޝަންގެ ކާމިޔާބު އޮތީ 15 ޕަރސެންޓަށް ނަމަ އެވަރުގެ ޗާންސެއް ނަގަން ޖެހޭނެ ތަ؟”

ރީމާ އެއްޗެއް ބުނާނެ ތަނެއް ނެތެވެ. އެއީ އެކަންތައް އޮތްގޮތް ވީމައެވެ.

“އެންމެ ޕަރސެންޓެންގެ ޗާންސެއްވެސް ކަލެއަށް ޓަކައި ގެއްލުވާލާކަށް އަހަރެން ބޭނުމެއް ނޫން.”

ގާދިރަށް ޒާހިދުގެ ފޯނެއް އައުމުން ނިތްކުރިން ދާހިއްލައިފި އެވެ. ދެލޯ ބޮޑުވިއެވެ. ޒާހިދާއި ގާދިރަކީ އެތަކެއް ދުވަހެއް ވަންދެން އެކު އެކީގައި މަސައްކަތް ކުރަން އުޅެފައިވާ ދެމީހުންނެވެ. އެކަކު އަނެކަކަށް ނޭނގޭ ސިއްރެއް ނޯވެއެވެ.

ޒާހިދުގެ ކޮޓަރިއަށް ޝީލާ ގޮވައިގެން ކިތަންމެ ރެއަކު ގާދިރު ގޮސްފައިވެއެވެ. އޭރު ގާދިރު ބުލެކް މޭލް ކުރަނީ ސަޔަށެވެ. ޒާހިދު ހަދާގޮތަކީ ކޮޓަރި ތެރޭގައި ހުންނަ ޝީލާގެ ބޮލުގެ އިސްތަށިތައް ހޮވައިގެން އޮފީހަށް ދަނީ އެވެ. ދެން ގާދިރަށް އެ ވިއްކަނީއެވެ. އިސްތަށްޓަކަށް ސަޔެކެވެ. ނުވަތަ ކެއުމެކެވެ. އޭނާ ބޭނުން ކަމެއް ކޮށް ނުދީފިނަމަ އަންހެނުންނަށް ފަޅާ އަރުވާލާނެ ކަމަށް ބުނެއެވެ. ކުރީ ކޮޅު އޭނާ ސަޔަށް ބްލެކްމޭލް ކުރިޔަސް ފަހުން އެކަންތައް އެ އަށް ވުރެން މައްޗަށް ދާން ފަށައިފި އެވެ. ޒާހިދު އޮފީހު ގަޑީގައި ބޭރަށް ދިއުމާއި އޮފީހަށް ހާޒިރު ނުވުން ކަހަލަ ކަންތައް ވެސް ކުރަން ފަށައިފިއެވެ. މިއީ ގާދިރަށް ސިއްރު ކުރަން މަޖްބޫރު ކަންތަކަށް ވެއްޖެއެވެ. ގާދިރުއަކީ އެކަންތައް ބަލަން ހުންނަމީހާ ކަމުގައިވިޔަސް އެކަމާމެދު ފިޔަވަޅެއް އެޅޭކަށްނެތެވެ. އޭނާގެ އަތުގައި މިހާރު ގާދިރާއި ޝީލާގެ ގައިގޯޅިކަން ބޮޑު ފޮޓޯ އެއްވެސް އޮވެއެވެ. އެއީ ވެސް އޭނާގެ ރޭވުމަކުން ނެގި ފޮޓޯ އެކެވެ. އަދި ވީޑިއޯއެއް އޮތްވާހަކަވެސް އޭނާ ބުނެއެވެ. އެއީ ހަގީގަތަކަށްވެސް ވެދާނެއެވެ. ގާދިރަކަށްވެސް އެކޮޓަރީގައި ކެމެރާއެއް ފޮރުވާފައި ހުއްޓަކަސް ނޭނގޭނެއެވެ. މިކަންތައްގަނޑެއްގެ ފަހުން ގާދިރު ހުންނަނީ ބަނދެވި ހަފުސް ވެފައެވެ.

ޒާހިދު އޮފީހުން ފޯންކޯލްތަކެއް އަޑު އެހި މަސްއަލާގައި އޮފީހުން ކަނޑާލުން ގާދިރަށްވީ ބޯމައްޗަށް އުނބު ފައިބާ ރުކެއް ކަނޑާލުންހާ ފަސޭހަވި ކަމަކަށެވެ. އޭނާ އޮފީހުން ވަކިވީ ގާދިރުގެ ރޭވުމަކުން ކަމަށް އޭނާ ހީކުރެއެވެ. އެހެން ކަމުން މިހާރު އޭނާ ގުޅާ ކޮންމެ ފަހަރަކީ ގާދިރަށް ބިރުވެރި އިންޒާރަކަށް ވެއެވެ . އޭނާ ހާސްވެ ކަންބޮޑުވެ ގޮތް ހުސްވެއެވެ.

“މިރޭ އަހަރެން ބޭނުންވަނީ ވަކި ވަގުތަކަށް މޯބައިލް ފޯނުގެ ޚިދުމަތް މެދު ކަނޑާލަން.”

“ޒާހިދު، ސަކަރާތް ނުގަނޭ.” ގާދިރު ވަރަށް ހާސްވިއެވެ. “ތިޔަ ކަން އަހަރެން ކުރާނީ ކިހިނެއް ހެއްޔެވެ”

“ފްރެންޑް، އަހަންނަކަށް އޮޅުވައެއް ނުލެވޭނެ.” ޒާހިދުގެ ރާގުގައި ވަނީ އިންޒާރެވެ.” ގާދިރަށް ކުރެވޭނެ. ބޭނުމީ 3 ނަމްބަރު ލައިން ކަނޑާލަން. ބަރާބަރު މިރޭގެ 9 ޖަހާއިރު.”

“ތިޔަ ކަންތައް ކުރާނީ ކިހިނެއް؟ ޑޮކްޓަރުންގެ އެމެޖަންސީ ގުޅުން ހުންނަނީވެސް ތި ލައިނުގަ.” ގާދިރު ހާސްވިއެވެ. “އެއަށް ވުރެވެސް ނުރައްކަލީ މަތިންދާބޯޓާ ގުޅުން ގާއިމު ކުރާ ނިޒާމުގެ ލައިންވެސް ނަގާފައި ހުންނަނީ އެ ކަނެކްޝަނުން. ކަލެއަށްވެސް އެނގޭނެ އެއީ އާންމު ކަނެކްޝަނެއް ނޫންކަން

” އާންމު ނޫން ކިތަންމެ ކަމެއް ހުރޭ.” ޒާހިދު ހަތިޔާރު ނެގިއެވެ. “ވިޑިއޯ ވަރަށް ސާފު އިނގޭ. ކޮޕީއެއް ފޮނުވާލަންތަ ބަލާލަން.”

“ދެން ހެޔޮ. ގަޑިއިރަށް ވުރެ ގިނަ އިރަކު ކަނޑައެއް ނުލެވޭނެ” ގާދިރު ދާހިއްލާ ފޯވިއެވެ. “އެކަމަކު ތި ވީޑިއޯ ކޮޕީއެއް ނުބާއްވައި ގެނަސްދޭ މަތިން.”

” ގެނަސްދޭނަން. ސައިވެސް ދީފާނަން” ޒާހިދު ހީނލިއެވެ. ” މީ އެންމެ ފަހު ފަހަރު.”

ދެން ގާދިރުގެ ނިތްކުރިން ދާ ފޮހެލިއެވެ.

ސާޖިދު ދަތުރުކުރި ބޯޓް ޖައްސަން އޮތީ އެރޭގެ 9 ޖަހާ އިރުގައެވެ. ޒާހިދު އޮތީ ވަރަށް ރަނގަޅަށް މައުލޫމާތު ހޯދާފައެވެ.

ޒާހިދަށް ފެންނަނީ ބޯޓު ރަންވޭ އިން ކަހާލާފައި މޫދަށް ވެއްޓޭ މަންޒަރެވެ. މަރުވެގެން ގެނައި މީހުންގެ ތެރޭން އޭނާ އަށް އެންމެ ސާފުކޮށް ފެނުނީ ސާޖިދު އެވެ. މިހާ ބޮޑު ހާދިސާއެއް އުފެއްދުމުގެ މުގުލުގައި އޭނައަށް ހުރެވުނު ކަމީ ވަރަށް ބޮޑު ފަޚުރެކެވެ.

ދެން އޭނާ އަށް ޒީނިޔާގެ ލޯބި ހާސިލް ވެދާނެއެވެ. މިއީ ޒާހިދުގެ ޚިޔާލީ ހުވަފެނެވެ. އޭނާ މިހާރު އެވަނީ ހަމަ ރަނގަޅަށްވެސް ބުއްދި ގޯސްވެފައެވެ.

ވޭންވަރު އައީ އޭގެ ތިންމަސްފަހުން އެއްރެއަކު ދަންވަރު އެވެ. ފޫޅުމައި ދައިތަގެ ގެޔަށް ޒިލްމާއަށް ދެވުނީ ކިރިޔާ އެވެ. އެއީ ވަލުތެރެއާ ވަރަށް ކާރީގައި ހުންނަ ފަޅު ގެއެކެވެ. ދައިތަ އުޅެނީ އެކަންޏެވެ. ދައިތަ ލޯފޮހެމުން އައި އިރު ބޮޑު އަށީގައި ޒިލްމާ އޮތީ ވިހައިގެންނެވެ. ދަރިފުޅު ރޮއިގަތް އަޑު އިވުމާއި އެއަޑު ކެނޑިގެން ދިއުމާއި މި ދެކަންތައް ހިނގީ އެއް ވަގުތެއްގައެވެ. ދައިތަ އުޅެގަތީ މަސް ވިއްސުމުގެ ކަންތަކުގައެވެ. ފޫޅު ދަނޑި ބުރިކޮށްލީވެސް ޒިލްމާ އަމިއްލައަށެވެ. އޭނާ އެކަމަށް ގެނައި ކަޓަރަކުންނެވެ.

ދައިތަ މަސް ނަގާ ތަން ސާފު ކޮށްފައި އައި އިރު ކުއްޖާގެ ކަރުގައި އައްސާފައި ހުރި ވާފަށް އަދި ނައްޓައެއް ނުލެވެއެވެ. އޭރު އަދި ރަނގަޅަށް މަރުނުވާތީ އެވެ.

“ދައިތާ! އަހަރެން އިހައްރޭ ގެނައި ދަޅު ގެނަސްބަލަ.”

“ދަރިފުޅާ ތިޔަހެން ހަދާކަށް ނުވާނެ!” ދައިތައަށް ކަންތައްވީ ގޮތް ރޭކާލީ އަދި ކިރިޔާ އެވެ. “އެއް ފާފައިގެ މައްޗަށް އަނެއް ފާފަ އިތުރު ނުކުރޭ. ތިޔައީ ދިރި އޮތް ފުރާނައެއް. ދަރިފުޅު ބަނޑު އަޅާ ވިހޭ ދަރި އެއް. ދައިތައަށް ތި ކުއްޖާ ގެނޭ. ދައިތަ ބަލާފާނަން.”

“ދައިތަ މާ ވާހަކަ ގިނަ ކުރާނެ ކަމެއް ނެތް.” ޒިލްމާގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. “ދަޅެއް ދަޅުގެނަސްދީ. މިހާތަނުން ހުރިހާ ކަމެއްވެސް މި ނިމުނީ”

އެކަން އެހާ ހިސާބުން ނުނިމޭނެ ކަން ދައިތައަށް އެނގެއެވެ.

ޒިލްމާ އޭގެ އަނެއް ދުވަހު ރައްޓެހިންގެ ގޭގެއަށް ހިނގާ އުޅުނެވެ. ދައިތަ ބުނި އެއްވެސް އެއްޗެއް އޭނާ އަޑު އަހާކަށް ނެތެވެ. ރޭގައި އެ ހިނގި ކަންތަކުގެ އަސަރެއް ވެސް އޭނަގެ މޫނު މައްޗަކުން ނުފެނެއެވެ. ފޮށީގައި ހުރި މޭކަޕް ސާމާންތަކުގެ އެއީގައި މޫނު މައްޗަށް ލޭ ކުލަ ގެނަސްފައި ހުއްޓެވެ. ހަވީރު ބަށި ކުޅޭ ތަނަށް ވެސް ދިޔައެވެ. އެހެންނަމަވެސް ކުޅެން އަރާހާ ހިއްވަރެއް ނުކުރެވުނެވެ.

ދައިތަ އޮތީ އެ ތިންދުވަހު ގަދަޔަށް ހުން އައިސްފައެވެ. ޒިލްމާ ގަސްދުގައި އެގެއަށް ނުދިޔައީ ވެސް ދައިތައާ އޭނަޔާ ދެމެދު ގާތްކަމެއް އޮތްކަން މީހަކަށް ވިސްނިދާނެތީ އެވެ. އަދި ހަމަ އެއާއެކު އެ ހުންގަނޑުގައި ދައިތަ މަރުވެއްޖެއްޔާ ދެން ހުރިހާ ބިރެއް ދިޔައީ އެވެ. އެކަން އެނގޭނެ ހުރި އެންމެ މީހާވެސް ދިޔައީ އެވެ. އެހެންކަމުން ދަންވަރު ގަޑީގައި އެގެޔަށް ގޮސް ދައިތައަށް ބޭސްގުޅައެއް ދިނެވެ. އޭގެފަހުން ތިން ދުވަސްވީ އިރުވެސް މީހަކަށް ހިލަމެއް ނުވުމުން އެ ހުރިހާކަމެއް އެހާހިސާބުން ނިމުނީކަމަށް ޒިލްމާ އަށް ހީކުރެވުނެވެ. ދާދި އަވަހަށް އޭނާއާއި ކަތީބު ކާވެނި ކުރުމުން ދެން ހުރިހާކަމެއް ނިމި އަލުން އޭނާއަށް ހިތްހަމަޖެހޭ ދިރިއުޅުމެއް ލިބިގެން ހިނގައިދާނެއެވެ. ގެއްލިގެން ދިޔަ އުފާވެރިކަން އަނބުރާ ލިބިގެން ހިނގައިދާނެއެވެ.

ޑިސެމްބަރ މަހުގެ 1ވަނަ ދުވަހުގެރޭ 8:30 ގައި ރީމާ އޮޕަރޭޝަން ތިއޭޓަރަށް ގެންދެވިއްޖެއެވެ. ހޭނައްތާ ޑޮކްޓަރުންނާއި އެމަރޖެންސީ ސާމާންތަކާއިގެން ނަރުހުން ކޮޅުކޮޅަށް ހަރަކާތްތެރި ވާން ފަށައިފިއެވެ.

ނޫ ކުލައިގެ މާސްކަކުން މޫނު ނިވާ ކުރަމުން އޮޕަރޭޝަން ޓީމަށް އެންމެ ފަހުގެ އިރުޝާދު ދެމުން ގެންދިޔައެވެ. ހާސްކަމުގެ ކަންފުޅެއްވެސް ފެންނަން ނެތް ރީމާގެ ނިއްކުރީގައި އޭނާގެ ރަބަރު އަންގިން ބީހިލިއެވެ. ރީމާ އަށް އެބީހިލުމުން އިހްސާސްވި ފިނި ކަން އޭނާގެ ސިކުނޑިއާ ހަމަޔަށް ފޯރިއެވެ. އޭނާ ޒިޔާން އަށް ފުރިހަމަ އިތުބާރު އެބައޮތެވެ. ކޮންމެ ނަތީޖާ އެއް ނިކުތަސް އެންމެ ފަހުން އޭނާގެ ނަފްސް މި ހަވާލު ކުރެވެނީ ޒިޔާން އަށެވެ. ރީމާގެ މަރާއި ދިރުމާ ދެމެދު މިވަގުތު ވަނީ އެ އިނގިލިތަކުގައިހުރި ކުޅަދާނަ ކަމެކެވެ. އޭނާގެ ހަށިގަނޑާއި ފުރާނަ އެވަގުތު ޒިޔާނަށް ހިބަ ކޮށް ދީފިއެވެ.

ހޭނައްތާ މާސްކް ރީމާގެ މޫނުމަތީގައި އަޅާލެވުނެވެ. ފަރުވާތެރި ކަމާއެކު ގޭސް ދޫ ކުރެވެން ފަށައިފިއެވެ. އެވަގުތު ނަރުސް ކުއްޖަކު ދުވެފައި އައިސް ޒިޔާންގެ ގާތުގައި އެއްޗެއް ބުންޏެވެ. ޒިޔާން ހަމަ އެވަގުތު ހޭނައްތާ ޑޮކްޓަރަށް އިޝާރާތެއް ކޮށްލިއެވެ. އޭނާ ކުއްލިއަކަށް ވޭލް ބަންދު ކޮށްލިއެވެ.

އެވަގުތު ޑޮކްޓަރގެ އަޑު ރީމާ އަށް އިވެމުން ދިޔައީ އަނދިރީގެ ތެރޭންނެވެ

“ރީމާ! ” މާސްކް ނައްޓާލާފައި ރީމާގެ ބޮލުގައި ހިފާފައި ޒިޔާން ތަޅުވައިގަތެވެ.

ރީމާ ލޯ ހުޅުވަން މަސައްކަތް ކުރިއެވެ. އޭރު އޭނާގެ ހެއެއް މުޅިއަކުން ނުނެތެއެވެ. އޮޕަރޭޝަން ނިމުނީ ބާއޭ ރީމާގެ ހިތަށް އެރި އެވެ.

“މިއީ އެމަރޖެންސީ އެއް.” ޒިޔާން ބުންޏެވެ. “ޖީ އެސް އެމް ފޭލް ވެގެން ރީމާގެ ކުއްލި އެހީ އަކަށް ބޭނުން ވެއްޖެ! ފްލައިޓެއް ކްރޭޝް ވަނީ” .

ރީމާ އޮތީ އަދިވެސް ލޯ މަރައިގެންނެވެ.

” އެ ފްލައިޓްގައި ސާޖިދުވެސް ވެއްޖެ.”

“ސާޖިދު!” ހުވަފެނަކުން ހޭލިހެން ރީމާ ކުއްލިއަކަށް ލޯ ހުޅުވާލިއެވެ. އޭނާ ތެދުވާން އުޅުނެވެ..

އެވަގުތު ނަރުސް ކުއްޖަކު މޯބައިލް ފޯނެއް ރީމާއަށް ދިއްކޮށްލިއެވެ

“މިއީ ދިރާގުން … ލައިން 3 ފޭލްވެއްޖެ … ބެކަޕް ސިސްޓަމްވެސް އެކްޓިވޭޓެއް ނުކުރެވުނު

“-ނުނިމޭ-