English Edition
Dhivehi Edition

އަހުމަދުގެ އެހީތެރިޔަކު އާއިލާގެ މީހަކު ހައްވާ ދައިތަ ނޫން މީހަކު އެރަށަކު ނުހުރެއެވެ. އޭނާ ރަށަށް އައިސް ހައްވަ ދައިތަގެ ގެޔަށް ދިޔައިރު ދައިތަގެ ނޭވާ ހިނގާކަމުގެ ޔަގީން ކަމެއްވެސް ނެތެވެ. އޭނާ ކޮންމެވެސް ގޮތަކުން ރަށުގެ ހެލްތު އެސިސްޓެންޓް ގޮވައިގެން ހިނގައްޖެއެވެ.

ދައިތަ ކުކުރަމުން އެ ހުރިހާވާހަކައެއް ކިޔާދީފިއެވެ. “އެއީ އަހަރެންގެވެސް ދަރިފުޅު. އަހަރެންނަށް މި ކުރެވުނު ފާފައަށް މާތްކަލާނގެ އަފޫކުރެއްވުން އެދި ދުއާ ދަންނަވަން.. އަޝްހަދު އައްލާއިލާހަ…. ” ދައިތަގެ ފުރާނަ ދިޔައީ އެހިސާބުންނެވެ.

ޒިލްމާގެ ހުވަފެން ފުނޑުވެ އޭނާގެ ބޯމައްޗަށް އުޑުވެއްޓުނީ އެހިސާބުންނެވެ. ކުށްވެރި ފާފަވެރި ހަޔާތެއް ހޭދަކުރުމުގެ ނަތީޖާ ފެނިގެންދިޔައީ ވިސްނާ ބަޔަކަށް އިބްރަތަކަށް ވާނެ ފަދައަކުންނެވެ. އެއީ ގުދުރަތުގެ އަދުލުވެރި އިންސާފެވެ.

ޗެޕްޓަރ 6

އާ އަހަރުގެ އާމިލޭނިއަމް ފެށުނީ ސަން އައިލެންޑް ގައެވެ. އެރެއަށްޓަކައި މުޅިރަށް އޮތީ ކުލަބޮކިތަކުން ފެންވަރުވާފައެވެ. އެކިގޮތް ގޮތަށް ދިއްލެމުން ނިވެމުން ދާ ޑިޒައިން ތަކުން މުޅި މާހައުލަށް ވަނީ އުފާވެރި ކަމާއި މަޖަލާއި މަސްތުކަން ގެނުވައިފައެވެ. އެރެއަށް ޓަކައި ދުނިޔޭގެ ކަންކޮޅުތަކުންނާއި ރާއްޖޭގެ ޚާއްސަ މެހުމާނުންތައް ރަށް ފުރިގެން ބަންޑުންވާހާ ގިނައިން އައިސްފައި ތިއްބެވެ.

ދުވާލުގެ ވަގުތުތަކުގައި ވާދެމުމާއި މޫދު ކުޅިވަރުތަކުގެ މުބާރާތް ތަކުގައި ބައިވެރިވެ އުޅުނު ގެސްޓުން އަރާމު ކުރުމާއި ހިތް އުފާ ކުރުން ނޫން ކަމެއް މިރެއަކު ނެތެވެ. އެންމެން ފުނި ޖެހިފައިވަނީ މެއިން ބާރ އާއި ގުޅިފައިވާ ބޮޑު ސްވިމިންގ ޕޫލާއި ދާދި ކާރީގައި އޮތް ކޮޅާ ކޮޅުން ނުލާހާ ދިގު ގޮނޑޮށް ތަކުގައެވެ. ރީތި މިލަ ހަނދުވަރެއް ދީފައި ވާ ގޮނޑުދޮށުގައި ހަމަހިމޭން ކަމުގެ އިންތިހާ ޚާއްސަވެފައިވަނީ ޒުވާން ލޯބިވެރިންނަށް ހެން ހީވެއެވެ. އެކި ހިސާބުން އެކި ދިމަދިމާގައި އެ ހިތްގައިމު މަންޒަރުގެ ތެރެއަށް ފީނައިގެން ތިބި ޖޯޑުތައް އުފާނޫން ކަމެއް އިހްސާސެއް ނުކުރެއެވެ.

ހަރަކާތްތެރިކަމަށް ލޯބި ކުރާ މީހުން ޑިސްކޯގެ ކުލަ އަލީގައި ދައްކަމުން ދިޔަ ޖާދޫގެ ޝޯތައް ބެލުމާއި އެމީހުންގެ ލޭ ހޫނު ކޮށްލާފަދަ ބޮޑުބެރާއި ލަނގިރި ފަދަ ކުޅިވަރުގެ ތެރެއަށް ގެއްލި ހުސްވެފައި ތިއްބެވެ. މެންދަމު 12 ޖަހަން ކާރިވަމުން އައި ވަރަކަށް މަޖަލާއި ފޯރި އިތުރު ވަމުން ދިޔައެވެ. ހަމަހިމޭންކަން ޝައުގުވެރިކަމަށް ބަދަލުވަމުން ދިޔައެވެ. ގަރުނެއްގެ ނިމުމެވެ. އާ ގަރުނެއް ފެށެން މަދު ވަގުތު ކޮޅެކެވެ.

ރީމާއާއި ޒިޔާން ރެސްޓޯރެންޓުން އެރޭ ކެއީ ދިވެހި ކެއުމެވެ. ދިވެހި ބޮޑު ބެރާއި ސަގާފީ ޝޯވެސް ރީމާއަށް ވީ އާ އެއްޗަކަށެވެ. މި ރަށާއި މިރަށުގެ މާހައުލުވެސް ވީ އާ ކަމަކަށެވެ. ކޮންމެ ކަމަކީ އާކަމެކެވެ. ކޮންމެ މީހަކީ އާ މީހެކެވެ. އެހެންނަމަވެސް ޑޮކްޓަރ ޒިޔާން އޭނާގެ އަތުން ދޫކޮށެއް ނުލައެވެ. ހުރިހާ ކަމެއް އޮޅުންފިލުވައިދެމުން ގެންދިޔައީ އޭނާގެ ގެއްލިފައިވާ ހަނދާންތައް އަނބުރާ ހޯދައި ދިނުމުގެ މަގްސަދުގައެވެ. އެއީ އޭނާ ކޮށްދޭން ޖެހޭ ކަމެއް ކަމަށް ދެކިގެންނެވެ. އެއީ އޭނާ ކުރި ސާރޖަރީ ފުރިހަމަ ކުރުމުގެ ގޮތުންވެސް މެއެވެ.

މިރަށަށް އައިފަހުން ރީމާގެ ހަނދާނަށް ކޮންމެވެސް ކަމެއް އަންނަން އުޅޭހެން ހީވެއެވެ. އެހެންނަމަވެސް އެއީ ކޮންކަމެއްކަން ސާފު ކޮށް ނޭނގެއެވެ. ވިސްނިވަރަކަށް ވަނީ އުނދަގުލެކެވެ. ޒިޔާން ލަފާ ދިނީ ހަނދާން ކުރުމަށް މަސައްކަތް ނުކުރުމަށެވެ. އަދި ފެންނަ ކޮންމެ މަންޒަރެއް އާ ކަމެއްކަމުގައި ދުށުމަށެވެ. އަދި އެކަމުން ހިތްހަމަ ޖެހުން ލިބިގަތުމަށެވެ.

ރީމާ ކަންތައް ކުރީ ވެސް އެހެންނެވެ. ޒިޔާން އާ އެކު ސަންއައިލެންޑްގެ ދިއްލާފައިވާ ހަނި މަގުތަކުން ހިނގަމުން އައެވެ. އާ އަހަރުގެ ހުރިހާ ހަރަކާތެއްގެ މައި މަރުކަޒު ކަމަށްވާ މެއިން ބާރގެ ގޮނޑު ދޮށަށް އެ ދެމީހުން އެކު އެކީގައި އައެވެ. އަތާއި އަތް ގުޅާލައިގެންނެވެ. މުޅިތަނަށް ފެތުރިފައި ވަނީ ލޯބީގެ ހަމަހިމޭން ކަމެވެ. ރީމާގެ ހަޔާތުގައި ހުރިހާވެސް މީހަކީ ޒިޔާންކަމަށް އޭނާ ދުށްޓެވެ. އެހާވަރުން އޭނާއަށް ފުދެއެވެ.

އިންތިޒާރުގެ ވަގުތަކީ ސުންގަޑިއެވެ. ގަރުނުގެ ނިމޭ ވަގުތު ކޮޅެވެ. އާ ގަރުނެއްގެ ފެށުމެވެ. އެއީ ގަރުނުގެ ހިތާމަވެރި ހަނދާންތަކަށް އަލްވަދާއު ކިއުމަށް ފަހު އުފާވެރި އުންމީދު ތަކަކަށް މަރުހަބާ ކިއުމުގެ ވަގުތެވެ.

ރެއަށް އިންތިޒާމު ކުރެވިފައިވާ ޕްރޮގްރާމް ތައް ބެލުމަށް ދައުވަތު ލިބިފައިވާ މެހުމާނުން އައިސްތިއްބެވެ. ސަންއައިލެންޑްގެ އެއޮތް ބޮޑު ބީޗް އެއްކޮށް އޮތީ ފުރިބާރުވެފައެވެ. އައިސްތިބި މެހުމާނުންގެ ތެރޭގައި ސާޖިދު ވެސް ހިމެނެއެވެ. ކުރިމަތިލާން ޖެހުނު ނުރައްކާތެރި އެކްސިޑެންޓެއްގެ ޝޮކަށްފަހު ހިތަށް އުފަލެއް ލިބުމަށް އޭނަޔަށް ލިބުނު ފުރަތަމަ ފުރުސަތަކީ މިއެވެ.

ސާޖިދަކީ ޚާއްސަ މެހުމާނެކެވެ. މިރަށުގެ އޯނަރ އާއި ސާޖިދު އަކީ ބިޒިނަސް ޕާރޓްނަރުންނެވެ. ރަންމުތުގެ ކާމިޔާބު ޕްރޮޖެކްޓަކީ ސާޖިދުގެ މިންނެތް މަސައްކަތެވެ. އެ ޕްރޮޖެކްޓަށް ކުރަންޖެހޭ ހުރިހާ ޚަރަދުތަކެއް އަދިވެސް ބަލަހަށްޓަނީ އަނެއް ޕާރޓްނަރ އެވެ.

ޒިޔާންއާއި ރީމާ ސާޖިދަށް ފެނުނީ މީގެ އަހަރުތަކެއްގެ ކުރީގައި އެދެމީހުން އެކު އެކީގައި ތިބީތީ ފެނުނު ތަނުންނެވެ. މި ފަހަރު ވެސް ސާޖިދު އެތަނަށް ދިޔައެވެ. ރީމާގެ ހާލު އޭނާ އަށް ވަނީ އޮޅުން ފިލާފައެވެ.

“އަހަރެންގެ ސިކުނޑީގެ މި އޮޕަރޭޝަން ކުރީ ކާކުތަ؟ އެއީ ކީއްވެތަ؟” ރީމާ ޒިޔާން ކުރެން އަހާލިއެވެ. އަހަރެންނަކަށް އެއްވެސް ކަމެއް ހަނދާނެއް ނުވޭ.”

” މަސްއަލައަކީ ތިޔައީ.” ޒިޔާން މި ފަހަރު ސަމާސާ ކޮށްލީ އެވެ. “ބޭނުމަކީ ބައެއް މީހުންގެ މަތީން ހަނދާން ނައްތުވާލުން. އަދި އެހެން ނޫނަސް …..”

” އެހެންނޫނަސް ކީކޭތަ؟”

“ރީމާއާއެކު މި ކަހަލަ އުފާވެރި ވަގުތެއް ހޭދަ ކޮށްލުމުގެ ފުރުސަތެއް ލިބޭނީވެސް އޭރުން ނޫން ތަ؟”

ރީމާ ޒިޔާންގެ ކޮނޑުގައި އަތް އަޅާފައި ދުރަށް ކޮށްޕާލިއެވެ. ޒިޔާން ހުރީ މަޖާ މޫޑެއްގައެވެ.

ގުޑް ބައި ޓު މިލޭނިއަމް ގެ ބޯޑް ދިއްލަން ތައްޔާރު ކޮށްފައި ހުއްޓެވެ. ބާކީ ހުރީ މަދު މިނިޓް ކޮޅެކެވެ.

ރީމާ މަޑުމަޑުން ހިނގަމުން އައީ ޕޫލާއި ދިމާ އަށެވެ. އެ ވަގުތު އޭނާގެ ކުރިމައްޗަށް ހުއްޓުނީ ސާޖިދު އެވެ. ރީމާ ސާޖިދުގެ މޫނަށް ބަލާލިއެވެ. ދަންނަ މޫނެއް ހެން ހީވެއެވެ. ކާކުބާއެވެ. އޭނާގެ ސިކުނޑި ހޯދާ ބަލަން ފަށައިފި އެވެ. ވަރަށް ދެކެ ފަރިތަ މޫނެކެވެ. ޚާއްސަ މީހެކެވެ.

” ސާޖިދު!” ކުއްލިއަކަށް ރީމާ އަށް ބުނެވުނެވެ.

ރީމާ ސާޖިދު ރީމާގެ ދެ ކޮނޑުގައި ހިފެހެއްޓިއެވެ. އަހަރެންގެ މަތިން ހަނދާންވީތަ؟” ސާޖިދަށް ލިބުނީ އުފާވެރި ޝޮކެކެވެ.

” އަހަރެމެން ކުރީގައި މިރަށަށް އައިން ދޯ ؟ ޒިޔާން އާއި އަހަރެން އައީ ސާޖިދު ފެނޭތޯ . ދެން އަހަރެން އަނބުރައިގަތީ. ސާޖިދަށް ޝައްކު ކުރެވުނީ. އަހަރެމެންގެ ދެމީހުންގެ ގުޅުން ގެއްލެން މެދުވެރިވީ އެ ހާދިސާ. ދެން ޒިލްމާ ….”

ސާޖިދު ރީމާ ބުނަން ފެށިވާހަކަ ހުއްޓުވާލުމަށް ރީމާގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ.

” އެއީ ޒިލްމާގެ އޮޅުވާލުމެއް. މިހާރު ހުރިހާ ކަމެއް އޮޅުން ފިލައިފި . އޭނާ އަހަރެން ބްލެކް މޭލް ކުރީ . އެކަހަލަ މާގިނަ ހާދިސާއެއް ނުހިނގާ ކަން ޔަގީން ކުރޭ. އަހަންނަށް ކުރެވުނު ކުށަށް މައާފު ކުރޭ. އެކަންތައް މި ގަރުނާއެކު މާޒީގެ ތެރެއަށް ދޫކޮށްލާ!”

“އާނ. ހުރިހާ ކަމެއްވެސް މިހާރު ހަނދާންވެއްޖެ!”

“ޒިލްމާގެ ޑައެރީ އަހަންނަށް ލިބުނީ ޕޮލިސްގެ ފަރާތުން. އަހަރެންގެ ކްރެޑިޓް ކާރޑް ބޭނުން ކޮށްފައިވާ ކަން ތަހުގީގު ކުރުމުގެ ތެރޭގަ. އަހަންނަށް ނިދާ ބޭސްތަކެއް ދީގެން ނިންދެވީ އޭނާ އެކަމަށް ރޭވި ރޭވުމެއްގެ ތެރޭގައި.”

“އަހަރެން ލޯބިވީ ސާޖިދު ދެކެ. އެހެންވެ އަހަރެން ސާޖިދަށް އިތުބާރުވެސް ކުރިން.”

” އަހަރެން ލޯބިވީ ރީމާދެކެ. އޭރުވެސް އަދި މިހާރުވެސް ލޯބި ވަން. އިތުބާރު ވެސް ކުރަން. “

ގުޑް ބައި މިލޭނިއަމް ދިއްލުނީ ބީޗާ ދިމާ މޫދު ތެރޭންނެވެ. މުޅި ތަނުގެ ބޮކިތައް ނިވިގެން ދިޔަ އެވެ. ހަނދުވަރުގެ ފަނޑު އަލީގެ ތެރޭގައި ފެންނަނީ ހިޔަނި ތަކެކެވެ. އިވެނީ އަތްތިލަބަޑީގެ އަޑެވެ. އުފަލުން ފުރިގެން އެންމެން ލަވަމުން ދިޔަ ހަޅޭކުގެ އަޑެވެ. މުޅި މާހައުލު ބަދަލުވެގެން ދިޔައެވެ. އެ އަނދިރި ކަމުގެ ތެރޭގައި ސާޖިދާއި ރީމާ ފުރަތަމަ ފަހަރަށް ލޯބީގެ ބަހުރުވައިން އެކަކު އަނެކަކު ދެކެވާ ލޯބި ހާމަ ކުރަމުން ދިޔަ އެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އެވެ. ވަގުތު އެމީހުނަށްޓަކައި ހުއްޓިފައިވާ ކަހަލައެވެ.

“ޑޮކްޓަރ ޒިޔާން!” ޒިޔާން އެނބުރި ބަލާލިއެވެ.

ޖަވާބެއް ދެވޭނެ ފުރުސަތެއް ނެތެވެ. އޭނާގެ ތުންފަތް ގައިދު ވެއްޖެއެވެ. ލޯބީގެ ކަސްތޮޅު އެޅިއްޖެއެވެ. ދެމީހުން އެކަކަށް ވެއްޖެއެވެ.

“ޖެނީ!……” ޒިޔާން އަށް ނޭވައެއް ލެވުމުން އޭނާގެ މޫނު ދުރަށް ޖައްސާލިއެވެ.

” މިލޭނިއަމް ސަޕްރައިޒް!” ޔޫކޭގައި ހުރި ޒިޔާންގެ ފިޔާންސޭ އަދިވެސް ބޮޑަށް ޒިޔާންގައިގައި އޮޅުލައިގަތެވެ. “އަހަރެންނަށް ޓިކެޓް ނުލިބުނީ. ކޮންމެހެންވެސް މިރޭ އަންނަން ޖެހޭތީ މި އައީ ސްޕެޝަލް ފްލައިޓެއްގަ. މުޅި ރަށް ފުރިފައި އޮތީތީ މިސްޓަރ ޤާސިމް އޭނާގެ ސުއީޓް އަހަންނަށް ދެއްވީ.”

ވެލްކަމް ޓު ނިއު މިލޭނިއަމް ގެ އަލިތައް ދިއްލިއްޖެ އެވެ. ހަވާތައް އަރަންފަށައިފި އެވެ. ހަވާގެ ކުލަކުލައިގެ އަލިތަކުގެ ދޯދި ތަކުން ދިއްލެމުން ދިޔައީ އާ ގަރުނު އާ ލޯބީގެ “ފޮނި އިންތިޒާރު ނިމުނީ” އެވެ.

ނިމުނީ