English Edition
Dhivehi Edition

މިދިޔަ ދެމަހެއްހާދުވަހުވެސް މިހާބޮޑަށް ރީމާ ނަލަހެދިލައިގެން ތައްޔާރުވެގެން ހުރިތަނެއް ގޭގެ އެކަކުވެސް ނުދެކެއެވެ. އެންމެންވެސް ހީކުރީ މުޅިރާއްޖެއަށް ފޯނު ގުޅުން ފާހަގަ ކުރުމުގެ ރަސްމިއްޔާތައް ދިއުމަށް ރީމާ ތައްޔާރުވަނީ ކަމަށެވެ. އެހެންނަމަވެސް އެކަން ހަމަޖެހިފައި ވަނީ ދުވާލުގެ ގަޑިއެއްގައިކަން އެންމެންނަށްވެސް އޮތީ އެނގިފައެވެ. ރީމާގެ މިތައްޔާރުވުމާއި ގަޑިޔަށް ބަލަމުންދިޔަ ދިއުން އެންމެނަށްވެސް ފާހަގަ ކުރެވޭވަރުވިއެވެ. އެތައް ދުވަހެއްގެ ފަހުން ސީދާ ސާޖިދުއާ ބައްދަލުވުމަށް ލިބުނު ފުރަތަމަ ފުރުސަތަކީ މިއީއެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވެފައިވަނީ ވަނީ ހީވެސް ނުކުރާ ދަރަޖައަކަށެވެ. ސާޖިދަށް އެހަގީގަތް ކިޔާދޭނެގޮތެކެވެ. އޭނަޔަށް ގަބޫލުކުރެވޭ ވަރުގެ ހެއްކެއް ދައްކާނެގޮތެކެވެ.

ބައެއްފަހަރު އޭނާގެ ހިތްއެދެނީ އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ. ސާޖިދު ކަންތައްކުރީ އަކީ ރަގަޅަކަށް ނޫނެވެ. އޭނާ ކުރެން އަހާވެސްނުލާ އެއްވެސް ކުށެއްނެތި ގުޅުންކަނޑާލީއެވެ. ލޯބީގެ ގުޅުމަކީ ކުޅޭކުޅޭ އެއްޗަކަށް ހަދާލީއެވެ. ދ ހިތުގައި އުފެދޭ ޖަޒްބާތުގެ އެއްވެސް އަގެއް ނުބަހައްޓައެވެ. އެއީ މިޒަމާނުގެ ފިރިހެނުންގެ އިންސާފެވެ. މިހުރިހާ އެއްޗެއް މިރޭ ސާޖިދުގެ ކުރިމަތީގައި ހާމަކޮށްލަން ބޭނުންވެއެވެ. ސާޖިދަށް އޭނަޔާމެދު ކުރެވޭނެ ޝަކުވާއެއް ނޯންނާނެއެވެ. ހަގީގަތް އޮޅުންފިލުމުން ސާޖިދު ދެރަވާތަން ދެކެންބޭނުންވެއެވެ. މިރޭ އެހާވަރުން އެތަނަށް ދާން ބޭނުންވަނީ ވެސް ހިތުގައި އުފެދިފައިވާ މިބުރަދަން ލުއިކޮށްލުމަށެވެ. ހަމަ އެއާއެކު ގެއްލިފައިވާ ލޯބި އަލުން އަނބުރާ ލިބުމުން ލިބޭނެ އުފަލެއްގެ ބޮޑުކަންވެސް ހިތަށް އަރައެވެ. އެކަމަކު މިހާވަރަށް އޭނާގެ ހިތް އަވަސްވެގެން ދާންވީ ސަބަބެއްވެސް ނޭނގެއެވެ..

9އެއްޖަހަން 5މިނިޓަށް ވީތަނާ އޭނާ ޓެކްސީއަކަށް ގުޅާލިއެވެ. ޑްރެސިންގް ޓޭބަލްގެ ލޯގަނޑުން އެންމެފަހުގެ ބެލުން ބަލާލިއެވެ. އަމިއްލަ އަށްވެސް ހިތްހަމަޖެހޭހާ ރީތި ވެވިފައިވާކަމަށް ހީކުރެވުނެވެ. ވަރަށް ލުއިކޮށް ބްލަޝް ފުށްކޮޅެއް މޫނުގައި ހާކާލުމަށްފަހު ކަރުދޮށުގައި ވެސްހާކާލިއެވެ. ކުޑަކުޑަ ބިއްސެއް އިންހެން ހީވިއެވެ. ފުއްކޮޅަކުން ބިހި ފޮރުވާލުމަށް ފަހު ދޮރުމަތީގައިއޮވެ ބަރުގޮނުއަލާ ޓެކްސީއާ ދިމާއަށް ހިގައިގަތެވެ.

” ނަސަންދުރާއަށް.”

ކާރު ނަސަންދުރާއަށް މަޑުކުރަން ސިގްނަލްދޭން ފެށިތަނާ ރީމާ ބުންޏެވެ.

” ނޫން. ޑޮކްޓަރ ޒިޔާންގެ ކްލިނިކަށް”

ރީމާގެ ބޮލުގައި ދެއަތުގައި ހިފަހައްޓައިގެން އިނެވެ. ބޮލުގައި ރިއްސާތީ ކެއްނުކުރެވިގެން އުޅޭކަން ކުރިމަތީގައި ހުރި ލޯގަނޑުން ޑްރައިވަރަށްވެސް އެނގޭވަރުވިއެވެ.

ރީމާގެ ކޯލްއައީ އޭޑީކޭގައި އެމްއާރއައި ސްކޭންކޮށް ނިނމާލުމަށް ފަހު ޒިޔާންގެ ނިތްކުރިން ދާ ފޮހެލާފައި ކޮފީތައްޓެއްބޯން ފެށިތަނާއެވެ.

“މިރޭ ރީމާއަށް ވަގުތެއްލިބޭނެކަމަށް ހިޔެއްނުކުރަން” ޒިޔާންއަށް ރީމާގެ އަޑުއިވުމުން އުފާވިކަން މޫނުމަތިން އެގޭވަރުވިއެވެ. ކަނޑައެޅިފަ އޮތް ވަގުތުގެ ކުރިން ހުރިހާ ފޯންތައް ޑިޖިޓަލްކޮށް ނިމުނީތަ؟”

“ވަގުތު ޖެހުނުއިރު ހުރިހާކަމެއް ބޮއްސުންލީ” ރީމާ ބުނި އެއްޗެއްގެ މާނަ ޒިޔާންއަކަށް ނޭގޭނެއެވެ. “އަހަރެން މިއިނީ ޒިޔާންގެ ލައިބްރަރީގަ. ޑިޖިޓަލްއަށް ބަދަލު ކުރަންވީ އަހަރެންގެ ސިކުނޑި. އެކަހަލަ ފޮތެއް ފެނޭތޯ މި ހާވަނީ”

“ފަސް މިނިޓެއްހާއިރަށް އިންތިޒާރުކުރެވިދާނެތަ؟” ޒިޔާން ބުންޏެވެ. “ތިޔަ ސިކުނޑިއަށް ގޮތެއް ހަދަން މިހާރުވެސް މިއޮތީ ލަސްވެފަ”

ސާޖދު ކޮންމެ 5 މިނިޓަކުން އެއްފަހަރު ގަޑި ބަލާލަބަލާލަ އިނެވެ. ރީމާއަކީ ގަޑިޔަށް ފަރުވާ ބަހައްޓާ މީހެއްކަން އޭނާ ދަނެޔެވެ. ކިތަންމެ ބޭވަފާތެރި އަންހެނެއްގެވެސް ރަގަޅު ސިފައެއް ހުރެދާނެއެވެ.

ވެއިޓަރ ގެނަސްދިން ކޯކް ތަށިބޯން އިންއިރު އޭނާގެ ޚިޔާލުތަކުގެ ސިލްސިލާ މެދުކެނޑުމެއްނެތި ކުރިޔަށްދިޔައެވެ.

ރީމާއާއި ޒިޔާންގެ އެހަރަކާތްތައް ހަމަލޮލުން އޭނައަށް ނުފެނުނުނަމަ އެހާވަރަށް އޭނައަށް ގަބޫލުވެސް ނުކުރެވުނީހެވެ. ރީމާގެ ކިބައިން އޭނަޔަށް ފެނިފައިވާ އެއްވެސް އުނިސިފައެއް އެނޫނީ ނެތެވެ. ޒިލްމާ އެދަނޑިވަޅުގެ ބޭނުން ނުހިފިނަމަ ރީމާގެ ކުށެއްނ ެތްކަން ސާބިތުކޮށް ދިނުމުގެ ފުރުސަތުލިބުނީހެވެ.

ރީމާގެ ކުށެއްނެތްހެއްޔެވެ؟ އަންހެނުންނަށް އިތުބާރު ކުރެވޭނީ ކިހިނެއްހެއްޔެވެ؟ އެންމެ އަންހެނަކު ދިހަބާރަ ފިރިހެނުން އޭނާގެ ވަށައިގެން ބުރު ޖައްސާފާނެކަން ސާޖިދަށް އެނގެއެވެ. އޭނާއަށް އެކަން ފެނިފައި ވެސް އެބަހުއްޓެވެ. ސާބިތުކުރަން އިތުރު ހެކި ބޭނުންވާނެކަމެއް ނޫނެވެ. ޒިލްމާ ކަންތައް ކުރިގޮތުން އެކަނިވެސް އެކަން އެވަނީ ސާބިތުވެފައެވެ.

ޒާހިދު އެވާހަކަތައް ފުރަތަމަ ދެއްކީމާ އޭނާހީކުރީ ޒާހިދުއަކީ ޒިލްމާ ކޮންމެ ގޮތަކުން ނަމަވެސް ކާމިޔާބުކުރަން ކަމަށްވާތީ ހަދާލި ދޮގެއްކަމަށެވެ. އެކަމަކު ހުސްނީގެ ގޭދޮށުން ރީމާ ކާރަށް އެރުވީ ޚުދުއޭނާއެވެ. އޭނާ އައީވެއް އޮފީހާވީ ކޮޅުން ނޫންކަން ވިސްނުނީ މިހާރުއެވެ. އެރޭ އެހާވަރު ވެސް ސާޖިދަށް ވިސްނައިގަންނަނާކަށް ނޭގުނެވެ. އެރޭ ޒިލްމާ ކަންތައްކުރީ އަބުރުވެރި އިއްފަތްތެރި އަންހެނަކު ކަންތައްކުރާނެ ގޮތަކަށް ނޫނެވެ. ބަލިވެއިނުމުގެ ފުރުސަތު ހޯދީވެސް އެކަހަލަ ގޮތަކަށެވެ.

ރީމާވެސް ކަންތައްކުރީ އެހެންނެވެ. މިރޭ އޭނާ މިފުރަނީ މުހިންމު ދަތުރެއްގައެވެ. ދިމާވި ނާކާމިޔާބީއާ ގެއްލުނު ލޯބީގެ ނުތަނަވަސް ކަމާއެކުގައެވެ. ރީމާގެ ދުލުން އޭނާގެ ކުށަށް އިއުތިރާފުވާ އަޑުއަހަންވެސް އޭނާއަށް ކެތް ކުރެވިދާނެއެވެ. އެހެންނަމަވެސް ބައްދަލުވާނެ ފުރުސަތެއް ނުދިންކަން އެއީ ކެއްކުރެވޭވަރުގެ ކަމެއްނޫނެވެ.

ސާޖިދުގެ ހުރިހާ ރުޅިއެއްބޭލީ ރީމާއަށް ދިނުމަށް އޭނާގެނައި ހުދުފިނިފެންމަލަށެވެ.

ޑޮކްޓަރ ޒިޔާންހުރީ އެކަމަށް ތައްޔާރު ވެގެންނެއް ނޫނެވެ. ރީމާ ފެނުމުން ފުރަތަމަ އެއީ ކާކުކަމެއް ނުވެސް އެނގުނެވެ. އެހާ ރީތި ވެލައިގެން ރީމާހުއްޓާ މީގެ ކުރިއަކުން އޭނަޔަށް ފެނިފައެއްނުވެއެވެ. މިރޭ އޭނާ ތައްޔާރުވެގެން އެއިނީ ވަރަށް ޚާއްސަ މުނާސަބަތަކަށްޓަކައި ކަން އެގެއެވެ. ފޯންގުޅުމުގެ ރަސްމިއްޔާތައް ކަންގައިމެވެ. އެހެންނަމަވެސް މިހާ ކުއްލިގޮތަކަށް އޭނާ އެއައީ ކީއްވެގެންކަން ބަލާލުމާއެކު ޒިޔާންއަށް ވިސްނިއްޖެއެވެ.

ޒިޔާންއަށް ރީމާއަށް ދޭން ވާފަރުވާ ރަގަޅަށް އެނގެއެވެ. އޭނާގެ ކަނދުރާއާއި ކޮނޑުގެ އަވަސް މަސާޖެއް ހަދާލުމާއެކު ބޮލުގެ ރިހުން ކުއްލިއަކަށް ކެނޑިގެންދިޔައެވެ.

“މާބޮޑަށް ކަންތަކާ ވިސްނަންފެށީދޯ؟” ޒިޔާން ވަރަށް ގާތް ގޮތަކަށް ބުންޏެވެ. އަދި އޭނާގެ ކަރުދޮށުގައި ނަގަން ފަށާފައިހުރި ބިހިތަކަށް ބަލާލިއެވެ . “ބޭސް އުގުޅަންވެސް ހަނދާން ނެތުނީދޯ؟”

މިރޭ އާދަވެގެން ޒިޔާންގެ ހުންނަ ޑޮކްޓަރެއްގެ ސީރިއަސް މޫޑު ނެތްކަން ރީމާއަށް އެގުނެވެ.

“ހުރިހާ ކަމަކަށްވުރެން ބޮޑެތި ކަންތަކާ ދިމާވީމާ ކުދި ކަންތައް ހަނދާނެއް ނުހުންނާނެ އެއްނު”

“ފޯން ލައިނެއް ގުޅާލުމަކީ ރީމާއަށް މާބޮޑު ފިކުރެއް ކުރަންޖެހޭވަރުގެ ކަމެއްތަ؟” ޒިޔާން ރީމާގެ ނުތަނަވަސްކަން އެކުލެވިފައިވާ ލޮލަށް ވަރަށް ފުންކޮށް ބަލާލިއެވެ. “ރީމާގެ ބޮލުތެރޭގައި ތިޔަ އެނބުރެމުންދާ ޚިޔާލުތައް އަހަރެންގެ ގާތު ބުނެލެވޭހާވަރަށް އިތުބާރު ލިބޭނީ ކިހިނެއް؟”

ޒިޔާން އޭގެޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ހިނގައިގަތެވެ.

“10ވަރަކަށް މިނިޓް ދީބަލަ”

ޒިޔާންއަށް އޭނާގެ 10މިނިޓްދިނުން ހައްގެވެ. މިހާރު ހުރިހާ ބޮލުގެ ރިއްސުމެއް އެ ދިޔައީއެވެ. .

ކާރަށް އަރާ ދުއްވާލަމުން ޑޮކްޓަރެއްގެ ސީރިއަސް ރާގުގައި ޒިޔާން ބުންޏެވެ. ” އޮޕަރޭޝަންގެ ވާހަކަ ނުދައްކާ މި ހަފްދާ މި ދިނީވެސް ރީމާގެ ތިޔަ ފިކުރު ބޮޑުވުން ހުއްޓުވުމަށް. ބޭހާ ނުލާ ސިކުނޑިއަށް އަރާމު ދިނުމަށް. އެހެންނަމަވެސް ރީމާގެ އޮފީހުގެ މަސައްކަތް މާ ބުރަކޮށްލީދޯ؟”

“ނޫން. އެކަމަކާނޫން.” ރީމާއަށް އެވާހަކަ ކިޔާދޭނެ ގޮތެއްވެސް ނުވިސްނުނެވެ.

“ސަންއައިލެންޑުން އަހަރެން ފުރަތަމަ ކަލޭ ފެނުނު ދުވަހު އޮތް ދިގު އިސްތަށިގަޑު އަދިވެސް އަހަންނަށް މާކަމުދޭ.” ޒިޔާންގެ އަޑުގައި ސީރިއަސްކަމެއް މިހާރަކުނެތެވެ. “ކަލޭ ތިއިނީ މިރޭ ނުވެސް ކައެއްނު؟”

މީހުންގެ ސިކުނޑީގައި ހުންނަ ޚިޔާލުތައް ދެނެގަންނަ ޑޮކްޓަރެއްގެ ވާހަކަ އޭނާ އަޑު އަހާފައެއް ނެތެވެ. “ތިޔަ ސުވާލަށް އަހަރެން ޖަވާބެއް ދޭން ޖެހޭނެތަ؟.”

ޒިޔާންގެ ކާރުލަނބާލީ އެންމެ އަތިރިމަތިން އާރޓިފިޝަލް ބީޗާއި ދިމާއަށެވެ. އޭރު ހަނދުގެ ދެބައިކުޅައެއްބައި ފެނުން އުފުލިފައި ހުއްޓެވެ. މުޅި ޖައްވުގައި ވަނީ ލޯބި މިނަން ލިޔެވިފައިކަހަލައެވެ. އެކަމަކު އެ ލަފްޒު އެއީ ރީމާގެ ހިތާ އެންމެ ދުރު ލަފްޒެވެ.

އެވަގުތު ރީމާ ހައިރާންކަމާއެކު ސިހިގެން ދިޔައީ ޒިޔާންގެ ކާރު ނަސަންދުރާގެ ޕާކްލައިނަށް މަޑުކޮށްލީމައެވެ.

“ކަލޭ ތިޔަރީތި ހެދުމާއި މިރޭގެ މިވަގުތު އެންމެ އެކަށީގެންވަނީ ކެއުމުގެ ދައުވަތަކަށް”

މިއީ ޒިޔާންގެ ދައުވަތުދިނުން ހުންނަގޮތެވެ. “ކަލޭގެ ހިތްހަމަޖައްސާލުމަށް މިއަށް ވުރެން ރަގަޅު މާހައުލެއް އަހަންނަކަށް ނުވިސްނޭ.”

ކާރުން ފައިބައިގެން ރީމާގެ އަތުގައި ހިފައިގެން ޒިޔާން ޓްރެންޑްސް އާ ދިމާއަށް ހިނގައިގަތެވެ.

ޗެޕްޓަރ 5

ސަމުސަލުގައި ހުރި އައިސްކްރީމްކޮޅު ބޯލަމުންޒާހިދުހީނލިއެވެ.

“އަބަދުމިރޭ ޒާހިދުތިއިންނަނީ ހާދަވަރަކަށް ހެވިފައޭ.” އިބްރާހިމް އާޓިފިޝަލްބީޗްގެ ހިލަގޮނޑިއެއްގައި އައިސްކްރީމް ބޯންއިނެވެ.

“ވާނީވެސް އެހެންނޫންދޯ؟” ސަމުސަލަށް އެކަނިއެރީއަކީނޫނިއްޔާއެވެ. “ތަށިހުސްކޮށް ބޯލަންވެސް ލިބުނީ ވިއްޔަ؟”

“ތިއީ ހަމަތެދެއް.” ޒާހިދުފަޚުރުވެރިކަމާއެކު ބުންޏެވެ.

“ޒާހިދު އިނދެފާނަންތަ؟.” އިބްރާހިމް އޮޅުންފިލުވާލަން ބޭނުންވިއެވެ. “ނަހަލާލަށް ބަލިވެއިންކަން އެގޭއިރުވެސް ؟”

“އަހަރެން ޒިލްމާދެކެ އިރެއްގައި ވަރަށް ލޯބިވިން.” ޒާހިދު އަރަމުން އަންނަ ފަޅިހަނދަށް ބަލަންއިނެވެ. “އޭރު ޒިލްމާއަކީ އަހަރެންގެ ފެންވަރެއް ނޫންކަންވެސް އެނގޭ. އެކަމަކު ލާފައިހުންނަ ރީތި ހެދުންތަކާއި މޭކަޕާއި ކާރިވީމާ ދުވާ މީރުވަހުން އަހަންނަށްވެސް ކެއް ނުކުރެވުނީ.” ޒާހިދު އެއް މިޔަކަނުން ހީނލާފައި ބުންޏެވެ. “ލަދުހަޔާތް ކެނޑޭހިސާބަށް ދިޔައީ އެފިކުރުގައި އެތައްރެއަކު ނުނިދި ނުކެވި ހާލެއްގައި އުޅުމަށްފަހު. އޭނާ އައިސްކްރީމުތަށީގެ އެންމެ ފަހު އެތިކޮޅު ބޯލިއެވެ. “ލަދަކާހުރެގެން ތަދެއްނުފިލާނެތާ!”

“ރައްޓެހި ވާން އެހީމާ އޭނާ ކުރީ މަލާމާތެއްނު”

އިބްރާހިމް އަދިވެސް ހަނދާން ހުރެއެވެ. “މުޅި އޮފީހަށް ކަލޭ ބޭޒާރުކޮށްލީ ނޫންތަ؟”

“އަހަރެން ބޭޒާރު ވިޔަސް އޭރަކުލަދެއް ނުގަނޭ . ޒިލްމާ އަކީ ކޮންމެ ފިރިހެނަކުވެސް އަޅައިގަންނަ ކަހަލަ ސިފަތަކެއް ހުރިކުއްޖެއް. އެކަން އޭނައަށް ވެސް އެނގޭ.” ޒާހިދުގެ މޫނުމަތީގެ ކުލަ ފަނޑުވިއެވެ. “އަހަރެންކަހަލަ އާދައިގެ މީހަކާ އޭނަޔާ އަރާ އަރަފޯދޭނެތަ؟”

” އެކަން އެނގިހުރެއެއްނު އެ މަޅިއަށް ފުންމާލީ؟” އިބްރާހިމް ބުނެލިއެވެ.

“އެވަރު ނުވިސްނެނީ އެއްނޫން.” ޒާހިދު މޫދަށް ތަށި ހޫރާލިއެވެ. “ލޯބީގައި ދިވާނާވެޔޭ މީހުންބުނެއުޅޭ ނޫންތަ؟ ލޯބަށްޓަކައި މީހުން ފުރާނަ ދޫކޮށްލަނީ ދުނިޔޭން އަންހެނުން ހުސްވީމާތަ؟”

“ދެން މިހާރު ތިއޮތީ ކަލޭ ހިތުގައިލީ ކަންތައް ވެފައެއްނު؟.” އިބްރާހިމްދިމާ ކޮށްލިއެވެ. “ދެންހެވިފައި އިނދޭ.”

“އަހަރެން ހެވިފައި މިއިނީ އެކަމަކާއެއް ނޫން.” ޒާހިދު ސީރިޔަސް ވެފައި ބުންޏެވެ. “މިހާރު ޒިލްމާ އަކީ އޭރު އަހަރެން ދުށް ޒިލްމާއެއް ނޫން. ފުރަތަމަ ކާކުކަންވެސް ނޭގުނު. ކުރީގައި ތުންފަތުގައި ހުންނަ މޭކަޕްތަކާއި މޫނުގައި ހުރި ދޮންކަމެއް ނެތް. ކާރިވީމާ އެދުވާ ވަހެއް ބުނަންވެސް ނޭގޭ. ކޮޓަރިގަނޑު ތެރެއަށް ބޯކޮށްޕާލަން ނުކެރުނު. މުޑުދާރުތަނެއް. ދިޔައިރު ދިޔައީ ލައްކަ ރޭވުން ރާވައިގެން.”

“ހުރިހާކަމެއް ދިޔައީ ސުމަކަށް ދޯ” އިބްރާހިމް ހީގެންފައިބުންޏެވެ.”.

” އަހަރެން ދާން ހިނގައިގަތީމާ ޒިލްމާ އަހަރެންގެ ދެފައިގަ ހިފާއާދޭސް ކުރި. ބުނިގޮތެއް ހަދައިގެން އަހަންނާ އިނދެގެން އުޅެން ހުރިކަމަށް ބުނި. މިބޭޒާރުން އޭނާ ސަލާމަތްކޮށް ދޭށޭކިޔާ ރޮއި އާދޭސްކުރި. އަހަރެން ގާތަށް ހިނިއައީ އެކަމާ.”

“ދެން ކަލޭ ތި އައީ ދަރިޔާހަވާލުވެ އެފާފަވެސް ބޮލުގަ އަޅައިގެންދޯ ؟”

“އަޗީ. ފާރުބުރި މަތިން އެދުވާތަނުން ކަކުންޏެއް ނެގިޔަސް ޒިލްމާއަކާ ވައިވެސް ނޭޅޭނަން.” ޒާހިދު ފޫހި ރާގަކަށް ބުނެލިއެވެ. ” މީން ކޮންމެ މީހަކުވެސް ގޮތްދައްކާފައި ހުންނަނީ ބޭރުފުށުން. އެތެރެ އޮންނަގޮތް މި އެނގެނީ ހަގީގަތް ފެނުނީމަ”

“އައްދޭ މިހާރު ޒިލްމާއާހެދި ދަންޖެހެން އުޅުނުހަނދާން ވެސްނެތީދޯ!” އިބްރާހިމަށް އޮތީ ހުރިހާ ކުޅިވަރެއްވެސް ފެނިފައެވެ. “އެއްޗެހިގޮވާ ހެއްދެވި ނުހެއްދެވިއަށް ގޮވާއިރުވެސް ފޫބުޑުން ދުރަށް ނުދެވިގެން އުޅުނު ހަދާން ނެތުނީ ދޯ.”

“ރަންކުލައިން ވިދަވިދާ ހުންނައިރު އެއީ ގިރިޓީއެއްކަމެއް އެނގެނީ ކާކަށްތަ؟ ” ޒާހިދު ދިފާއުގައި ބުންޏެވެ. ” ހަގީގަތް އެގުނީމަ ބައިލާރިއެކޭވެސް ހިތަކަށް ނާރާނެ.”

” ތިހެންވީއިރު މިހާރު ޒީނިޔާ ވަރެއްނެތިގެން ތިއުޅެނީ އެއީ ވަކި ގިރިޓީއެއް ނޫންދޯ.”

ޒީނިޔާ އެއީ ސާފު ރަތުރަން.” ޒާހިދު ސަމާސާ ކަނޑާލާފައި ބުންޏެވެ. “އޭނާއަކީ ޖަވާހިރެއް. ލިބޭމީހަކަށް ޚަޒާނާއެއް. ރަންމުތެއް.”

“އެންމެނަކީ ގިރިޓީއެއްވެސް ނޫންތާ! އެތެރެއާއި ބޭރުވެސް ރީތިތާ!.” އިބްރާހިމް ވެސް ސީރިއަސް ކަމާއެކު ބުންޏެވެ.”ދެންހެޔޮ. ޒާހިދު ދެން ތިކަމާ އުޅޭނެކަމެއްނެތް. އެކަމަކު ޒިލްމާގެ މަގާމަށް އެދިޔައީ ޒީނިޔާ. ސާޖިދު ދިމާކޮށްފިއްޔާ ޓަސް. އެކަންފުޅުވެސް އެ ދިޔައީ.”

“އަހަރެން މި ރާވަނީ ތިޔަ ހުރަސްވެސް ގިރާ ކޮށްލެވޭވަރުގެ ޕްލޭނެއް.”

އައިސްކްރީމް ތަށީގެ އެންމެ ފަހު ސަމުސާބުއިމަށްފަހު ރީމާގެ ލޮލުން އޮހުނު ކަރުނަ ތިކި ފޮހެލިއެވެ.

ހަމަހިމޭންކަމާއެކުރީމާ އޭނާގެ ހަޔާތުގެ ހިތާމަވެރި ސަފްހާތައް ކިޔާދޭއަޑު އަހަން ޒިޔާން އިނެވެ.

މޭޒުމަތީގައި ފުނޑުފުނޑުވެފައި އޮތް ހުދު ފިނިފެންމަލެއް ފެނުމުން ރީމާގެ ހިތުގެ ޖަޒްބާތު ކޮންޓްރޯލުން ނައްޓާލިކަނ ޒިޔާނަށް އެގުނެވެ. ރީމާއަށް ކަމުދާނީ ލުއި ކާނާއެއްކަން އެނގޭތީ ޒިޔާންއޯޑަރުދިނީ ފިޝްއެންޑް ޗިޕްސްއަކަށެވެ. ރީމާ ހަމަހިމޭންކަމާއެކު ކަމުންގެންދިޔައިރު ޓިޝޫއެއްގެ އެހީގައި ދޭތެރެދޭތެރެއިން ކަރުނަފޮހެލައެވެ.

ޒިޔާން އެއްވެސް ސުވާލެއް ނުކުރެއެވެ. އޭނާގެ ޖީބުންނެގި އިލެކްޓްރޯނިކް ޑައިރީގައި އެއްޗެއް ލިޔެލަލިޔެލާއިނެވެ. ދެމީހުން ދެދުނިޔެއަކަށް ގެއްލިފައި ތިބެގެން ކެއުން ނިންމާލިއެވެ.

ޒިޔާން އިސްއުފުލާ ބަލާލީ ވެއިޓަރ ތަށިބަލާ އައުމުންނެވެ. ވެނީލާއައިސްކްރީމަކަށް ޒިޔާން އޯޑަރދިނީވެސް ރީމާކުރެން އަހާލުމެއްނެތިއެވެ.

ރާއްޖޭގައިހުރި އެންމެކުޅަދާނަ އިލެކްޓްރޯނިކް އިންޖީނިއަރ މިފަދައިން ރޮއިފާނެކަމަކަށް އެކަކުވެސް ހިޔެއްނުކުރާނެއެވެ. މީހުން ހީކުރާގޮތުގައި ޑޮކްޓަރުންނާއި އިންޖީނޭރުންގެ ހިތުގައި ޖަޒްބާތެއް ނުހުރެއެވެ. ޒިޔާން އަކީ ސިކުނޑީގެ ތަޖްރިބާކާރެއްކަމުން ރީމާގެ އިހްސާސްތައް ރަގަޅަށް ވިސްނެއެވެ.

“އަހަރެންނަށް މިރޮވެނީ ކީއްވެގެންކަން ނާހާނަންތަ.”

ރީމާ ކަރުނައިގެ ޒިޔާންއަށް ބަލާލިއެވެ. “އަހަރެން މިވާހަކަތައް ޒިޔާންއަށް މިރޭ ކިޔާދޭން ބޭނުންވީ.”

“އަހަރެން ހީކޮށް މިހުންނަނީ އަހަރެންނަކީ ރީމާ އިތުބާރު ކުރާވަރުގެ ރައްޓެއްސެއްކަމަށް ނުދެކޭކަމަށް.” ޒިޔާން އާދައިގެ ގޮތަކަށް ބުންޏެވެ. މީހުންގެ ޒާތީ މައްސަލަތައް ކިޔާދެނީ ގާތްއެކުވެރިންނަށް. ޑޮކްޓަރުންނަށް ކިޔާދެނީ ވާ އުނދަގުލެއްގެ ވާހަކަ.”

“ޒިޔާން އާމެދު އަހަރެންދެކެނީ އެކަހަލަ ދެމީހުންގެ ގޮތުގަ.” ރީމާ މި ބުނިއެއްޗެއްގެ ހެކި ދައްކާލިއެވެ. “ޑޮކްޓަރެއްގެ ހައިސިއްޔަތުން ޒިޔާން އަޅުގަޑާއިމެދު ކަންތައް ކުރާނަމަ އަޅުގަޑު މިވަގުތު އިންނާނީ ހޮސްޕިޓަލުގައި ނޫންތަ”

ރީމާ އެތަނަށް އައިއިރު އެތަނުގައި ސާޖިދު ނެތްކަން އެގުމުން ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ސިރާޖުގެ ކުރިމައްޗަށް ޒިޔާންއާއެކު އައުމަކީ އޭނާ ކުރާހިތްވާ ކަމެއް ނޫނެވެ. އަދި އޭނާވަނީ ސާޖިދުގެ ހަޔާތުން ބޭރުގައި ކަމަށް ވިޔަސް އެކަމުން އޭނާއެއް އުނދަގޫވާނެވަރު ހިތަށް އެރިއެވެ. އިއްތިފާގުން އެމީހުންނަށް އިށީދެވުނީ ސާޖިދު އިންމޭޒުގައިކަން ރީމާއަށް އެގުނެވެ. އެއީ ފުޑުވެފައިވާ ފިނިފެންމަލާއި ހުސްކޮށްފައިހުރި ކޯކްތަށި ނަގާ މޭޒުމަތި ސާފުކުރަން އޭރު ވޭޓަރަށް ނާދެވޭތީއެވެ. މުޅިތަން އެކީހެންއޮތީ ފުރިފައެވެ.

-ނުނިމޭ-