ރާއްޖޭގެ އުތުރުގައި އެންވެރިކަމަށް ނުކުމެ އުޅުނު މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހަކު، ރަށެއްގެ ގޮނޑުދޮށަށް ލައްގާފައި އޮއްވައި މިއަދު ފަތިހު ފެނިއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހދ. ހޮނޑާފުށި ކައިރީގައި އެންވެރިކަން ކުރަން އޮތް “ބަހުރު” ނަމަކަށް ކިޔާ މަސްދޯންޏަކުންނެވެ. އެ މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 4:00 ޖެހިފަހުންނެވެ.
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާއި އާންމުން ގުޅިގެން ކުރަމުން ދަނިކޮށް، އޭނާ ފެނިފައިވަނީ ހދ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ހޮނޑާފުށީގެ ދެކުނު ފަރާތު ގޮނޑުދޮށަށް ލައްގާފައި އޮއްވައެވެ. އޭނާ ފެނުނީ ގެއްލިގެން ހޯދުމުގެ މަސައްކަތުގައި ޑިންގީއެއްގައި އުޅުނު ބަޔަކަށް، ރިޕޯޓްކުރިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުންނެވެ.
އެ މީހާ ފެނުމާއެކު، އަވަސް ފަރުވާ ދިނުމަށްޓަކައި ވަނީ ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ހަނިމާދޫ ސިއްހީ މަރުކަޒާ ހަވާލާދީ އެމްއެންޑީއެފުން ބުނީ، ފަރުވާ ދިނުމަށްފަހު އެ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
މި ހާދިސާގައި ގެއްލުނު މީހާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.