English Edition
Dhivehi Edition

ރީމާގެ ހިތުގައިވާ ހުރިހާ ބުރަދަނެއް ޒިޔާންގެ ކުރިމައްޗަށް އޮއްސާލިއެވެ. ސަންއައިލެންޑަށް ކުރިދަތުރުންފެށިގެން ޒިލްމާއާއި ސާޖިދުގެ ކާވެނީގެ ކާރޑްލިބުމާހަމައަށް ކަންތައްވީގޮތް ކިޔާދިނެވެ. އެހެންނަމަވެސް މިހުރިހާކަމެއްގެ އަސްލަކަށްވީ ޒިޔާން ކަމަކަށް އޭނާނުބުނެއެވެ. ޚުދު އޭނާއަކަށް ވެސް އެސަބަބެއްނޭގެއެވެ.

މިވާހަކަތައް ހަމަހިމޭންކަމާއެކު އަޑުއަހަން ޒިޔާންއިނެވެ. “ތިޔަހާގިނަ ކަރުނަ ތި އޮއްސާލީ ކަލެއަށް ބޭވަފާތެރި މީހާއަށްޓަކައި ތަ؟” ޒިޔާން އަސަރެއް އެކުނުލެވޭފަދައަކުން ބުންޏެވެ.

“ރީމާކަހަލަ ކުއްޖަކަށް ބޭވަފާތެރިވާނީ އަހަރެންދެކޭ ގޮތުގައި ނަސީބުދެރަ މީހެއް.”

ޒިޔާން ރީމާގެ ދަތްދޮޅީގައި އަތްޖައްސާލައި އުފުލާލިއެވެ. “ތިޔަކަމާ ދެން ނުވިސްނާ ކަލެއާމެދު އަޅާލާނެ މީހަކު އަންނާނެ. ބަގީޗާއެއް އޮވެއްޖެއްޔާ ބަލަހަށްޓާނެ މީހުންވެސް ވެސް ވާނެ.”

ޒިލްމާގެ ލޮލުން އޮހެމުންދަނީ އަދަދެއް ނުވާހާގިނަކަރުނައެވެ. މާޒީގެ އުފާވެރިދުވަސްތައް ގެއްލިދިއުމުންނެވެ. މިހާރު މި އުޅެން ޖެހިފައިވާ ހާލު ހިތަށް އެރުމުންނެވެ. ހަނދާނަށް އަންނަނީ ރަށުންފުރިއިރު އަހުމަދު އޭނާގެ ލޯބިހަނދާނުގައި ދިންކުޑަރުމާލެވެ. މަންމަދިން ނަސޭހަތްތަކެވެ. މާލެއައިތާ މަހެއްވެސް ނުވަނީމިހުރިހާ ހަނދާންތަކެއް އުދަރެހުގައި ކުރަހާލި ރޮގެއް ފަދައެވެ.

އަހުމަދު އޭނާގެ ނަންޖަހާފައި ދިންރުމާ އެއްފަހަރު އަރިދަފުސްފޮޅަން ބޭނުންކޮށްފައި އެއްލާލީއެވެ .

ރަށުންއަންނަ ކޮންމެ ދޯންޏަކުން މަންމަގެ ސިޓީއެއް ނަޔަސް އަހުމަދުގެ ސިޓީއެއް އޭރު އާދެއެވެ. މިއިން ސިޓީއަކަށް އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. ރަށު ދޯނި ފުރަންދާ ކޮންމެ ފަހަރަކު ދޯނީގެ މީހަކު އައިސް އޭނަޔ ާބައްދަލުކޮށް ރަށަށް ގެންދާނެ ސިޓީއެއް އެއްޗެއް އޮތްހޭ އަހައެވެ. ގިނަފަހަރަށް އެމީހާއައުމުން ކުއްޖެއްގެ ގާތުގައި އޭނާ ނޫޅޭކަމަށް ބުނުވައިގެން ފޮނުވާލަނީއެވެ. އޭނާއުޅޭ މުއްސަނދިރީތިގެޔަށް އެކަހަލަ ނާތަހުޒީބު މީހުން އަންނާތީ ލަދުވެސްގަނެއެވެ. އެއްފަހަރަކު އައި މީހެއްގެ ގާތުގައި އެގޭމީހުން ރުޅި އަންނާނެޔޭ، ދެން ނާންނައްޗޭވެސް ބުންޏެވެ. އޭނާފޮނުވަން ބޭނުން އެއްޗެއް ބަލާނަޔަކަސް ފޮނުވާފާނަމޭ ބުންޏެވެ

މަންމަ ބަލިވެގެން ފޮނުވިސިޓީގެ ޖަވާބު އޭނާލިޔެފައި ފޮނުވީ ފާސްޓް ޕޯސްޓުންނެވެ. ސިޓީ ލިބުނުއިރު މަންމަ ދުނިޔެ ދޫކޮށްފިއެވެ.

މިއަދު އެއްވެސް ދިމާލަކުން ކުޑަވެސް ހަމްދަރުދީއެއް ނުލިބުނެވެ. ޒާހިދުއާ ގުޅީވެސް އެހެންގޮތެއް ނުފެނުނީމައެވެ. އޭރު އޭނާ ފޮނުވިސިޓީއެއްގައި ޒާހިދުގެ ދިރިހުރުމަކީވެސް އޭނާކަމަށް ބުނެފައިއޮތެވެ. އެހާވެސްލޯބިވިއެވެ. އެކަމަކު މިއަދު އޭނާ ކުރި އާދޭސްތަކަށް ފުރަގަސް ދީފައި ޒާހިދުވެސް ދިޔައީއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އޭރު އޭނާގެ ޗާލާކީ ދުވަސްވަރު ހަޔާތުގެ މިފަދަ ދުވަސްތަކަކާ ކުރިމަތިލާން ޖެހިދާނެއެކޭ ހިތަށްވެސް އަރާފައެއްނެތެވެ.

މިހާރު އޭނާ ކޮންމެގޮތަކުންނަމަވެސް މިބަދުނާމުން ސަލާމަތްވާން މަޖްބޫރުވެއްޖެއެވެ. ބޭހަކުން ހައްލު ކުރެވޭ ވަރަށްވުރެން ގިނަދުވަސް ފާއިތުވެއްޖެއެވެ. އެއީ ހުސްނީމެން ސާޖިދުމެންގެ އެހީ ލިބޭނެކަމަށް ހީކުރެވިގެންނެވެ. އޭނާއަށް ކުރެވުނު ކަންތަކުގެ ކުށް ގަބޫލުކުރަން މިއަދު މިވަނީ ޖެހިފައެވެ. މިއޮތްފަދަ ބޮޑު ބަދުނާމު އޭނާ އެކަނި އުފުލާނީ ކިހިނެއްހެއްޔެވެ؟ އުޅެނީ ރައްޓެއްސެއްގެ ކޮޓަރިއެއްގައި ނަމަވެސް މިއަންނަމަހު އޭނާގެ ފިރިމީހާ އާދެއެވެ. އެގެއަކު އެހެން ތަނެއްނެތެވެ.

ރަށަށް ދިޔަޔަސްވެސް އެހީވާނީ ކާކުހެއްޔެވެ؟ ބަލިވެއިނދެގެން ދިޔައީމާ ރަށުންވެސް އިންނާނެ މީހަކުވާނެހެއްޔެވެ؟ އަހުމަދުގެ މަތީން އޭނާ ހަނދާންވިއެވެ. އެކަކުވެސް އޭނަޔާ އެހީވާނެ ނަމަ ހަމަގައިމު އަހުމަދު އެހީވާނެއެވެ. އާދައިގެ މަސްވެރިއެއްކަމަކު ހަން އަނދާ ކަޅުވެފައި ހުއްޓެއްކަމަކު، އުމުރުން ވީދުވަހަށް ވުރެން މުސްކުޅިވެ ރޫޖެހިފައި ހުއްޓެއް ކަމަކު ބޮލުގެ އިސްތަށި މަދުވެ ތަލަވެފައި ހުއްޓެއްކަމަކު ބޭޒާރުވުމުން ސަލާމަތްވާނެއްޏާ އެކަންވެސް ކުރަން އޭނާ ތައްޔާރުވެއްޖެއެވެ. އުފަލާއި އަރާމުގައިވެސް އުޅެވިއްޖެއެވެ. ދެން އޮތީ އަސްލަށް އެނބުރި ދިއުމެވެ.

ދެހަފްތާއެއްގެ ތެރޭގައި ލިބުނު ވަރަކަށް ލާރި ހޯދައިގެން ޒިލްމާ ރަށަށް ދާން ދޯންޏަށްއެރީ ބުރުގާއެއްވެސް އަޅައިގެންނެވެ.

“އަހަރެންގެ ހުރިހާ ޕްރޮޖެކްޓެއް މިހާރު ފުރިހަމަ ވީނު” ސީރިއަސް ކަމާ އެކު ރީމާ ޒިޔާންއާ ސުވާލު ކުރިއެވެ. “ދެން އޮޕަރޭޝަން ލަސްކުރަނީ ކީއްވެތަ؟”

ޑޮކްޓަރ ޒިޔާން އޭގެ ޖަވާބުގައި ވަކި އެއްޗެއް ނުބުނެއެވެ. ހަމަހިމޭން ކަމާ އެކު ރީމާ އަށް ބަލަން އިނީ އެވެ. އޭނާ ފުންނޭވާއެއް ލުމަށް ފަހު އިސްޖަހާލިއެވެ.

“އޮޕަރޭޝަން ކާމިޔާބު ނުވެދާނެތީ މިހާރަކު އަހަރެން ކަން ބޮޑެއް ނުވޭ.” ދެންވެސް ވާހަކަ ދެއްކީ ރީމާއެވެ. “އަހަރެންގެ ހުރިހާ އުންމީދުތަކެއް މިވަނީ ފުރިހަމަވެފަ.”

“ތި ބުނީ ރަނގަޅަކަށް ނޫން.” ޒިޔާން ފިކުރެއްގެ ތެރޭގައި އިނދެގެން ޖަވާބު ދިނެވެ. “ސާޖިދަށް ހުރިހާ ކަމެއް އޮޅުން ފިލަން ޖެހޭނެ”

” އެކަމުގަ އޮތީ ކޮން ތަފާތެއް؟” ރީމާ ފުން ނޭވާއެއްލިއެވެ. “ކުޑަ ދުވަސްކޮޅަކު ދުނިޔޭގަ އުޅޭނެ މީހަކު ކަމެއް އޮޅުން ފިލުވައިދިނުމުގެ ބޭނުމެއް ކޮބާ؟ . ސާޖިދު ހީ ކުރާނެ އެއްޗެއް ހީ ކޮށްފާނެ އެއްނު؟”

“އޮޕަރޭޝަނެއް ކާމިޔާބުވުމަށް %15 އަކީ ވެސް ބޮޑު އެއްޗެއް” ޑޮކްޓަރގެ ހުރިހާ އުންމީދެއް ގެއްލުވައެއް ނުލައެވެ. “އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ މުހިންމު ސާމާންތަކެއް މި ދިޔަ ހަފްތާގައި ލަންޑަނުން ގެނަސްފިން.”

ޑޮކްޓަރ އިރު ކޮޅެއްގެ ފަހުން ބުންޏެވެ. “ބައެއް އެއްޗެހި ޖެހުނީ އަލުން

ޑިޒައިން ވެސް ކުރުވަން”

“ޒިޔާން ތިހާ ބޮޑަށް އަހަރެންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވަނީ ކީއްވެކަން ބުނެދޭންވީނު.” ރީމާ އިސްދަށަށް ޖަހާލިއެވެ. “ދުނިޔެއަށް އަހަރެން އައި ބޭނުން މިހާރު މިވަނީ ފުރިހަމަ ވެފަ”

“ތިމާގެ ހިތުގައި އެމީހަކާމެދު ޚާއްސަ ގަދަރެއް ދެވިފައިވާނަމަ އިންސާނީ ތަބީއަތުގައި އެމީހަކާމެދު ޚާއްސަ ސަމާލުކަމެއް ދެވޭނެ. އެކަމަކު ރީމާގެ ތިޔަ ކޭހަކީ ފުރާނައާ ގުޅިފައިވާކަމެއް ކަމުން އެކަމަކީ ޑޮކްޓަރެއްގެ ހައިސިއްޔަތުން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭކަންތައް.”

” އަހަރެން ސާޖިދަށް ކިޔާދޭން ޖެހޭނެ ވާހަކައެއް ނެތް.” ރީމާ ބުންޏެވެ.” ބޭވަފާތެރި ވުމުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނީ ސާޖިދަށް. ވަފާތެރި ލޯތްބެއްގެ 4 ދުވަހަކީ މުޅި ހަޔާތުގެ ހުރިހާ ދުވަހަކަށް ވުރެން ފޮނި ދުވަސްތަކެއް.”

“ރޮމޭންޓިކް ސަބްޖެކްޓަކީ އަހަރެން ވިސްނާ އެއްޗެއް ނޫން.” ޒިޔާން ބުންޏެވެ.

“ތިޔަ ކަން އަހަންނަށްވެސް އެނގޭ.” ރީމާ ސަމާސާ ރާގަކަށް ބުންޏެވެ. “ލޯބި އެއީ ޒިޔާން ދަންނަ އެއްޗެއް ނޫން. ޒިޔާން އަށް ލޯބި މާނަ ކުރެވޭނީ ސިކުނޑީގެ ކެމިކަލެއްގެ ގޮތުގައި”

” ރޯންގ.” ޒިޔާން އޭނާގެ ތޫނު ލޮލުން ރީމާގެ ލޮލަށް ބަލަހަށްޓައިގެން އިނެވެ. “ޑޮކްޓަރުންގެ ބްރޭން ކެމިކަލަށްވެސް ބައެއް ކުދީންގެ ސަބަބުން ބަދަލުއާދޭ.”

“މާނައަކީ؟”

ޑޮކްޓަރ އޭގެ ޖަވާބެއް ދޭކަށް ބޭނުމެއް ނުވިއެވެ. އޭނާ ގޮނޑިން ތެދުވެގެން ގޮސް ކުޑަދޮރުން ބޭރަށް ބަލަން ހުއްޓެވެ.

ސާޖިދުފުރައިގެން ދިއުމުން އެމަސްއޫލިއްޔަތު އުފުލަންޖެހުނީ ޒީނިޔާއަށެވެ. މިކަމާ އެންމެބޮޑަށް ދިމާކުރީ ޒާހިދުއެވެ. އެކަކުވެސް ޒީނިޔާއާ ދިމާކުރާނެ ތަނެއް ނެތެވެ. ޒިލްމާއަށް ވުރެން ހުރިހާ ރޮގަކުން ޒީނިޔާގެ ހިންގުންތެރިކަން ރަނގަޅެވެ. ފެންވަރު މައްޗެވެ. އޭނާއަށް ސާޖިދުގެ ސެކްރެޓަރީއެއްގެ މަގާމު ނުލިބިފައި ވަނީ ޒިލްމާގެ ނުފޫޒުންކަން ޒާހިދަށްވެސް އެނގޭނެއެވެ. ޒާހިދަކީ އޮފީހުގައި މުޅިން ތަފާތު މަސައްކަތެއް ކުރާމީހެކެވެ. އެހެންނޫނަސް ސެކްރެޓަރީއަކަށް ވާކަށް އޭނާ ބޭނުމެއްވެސް ނުވެއެވެ. ޒާހިދުއޭނާޔާ ދިމާކުރީ އާދައިގެމަތިންނެވެ. ޒިލްމާ ހާސިލް ނުވުމުން އެހެންކަމަކާ ދިމާކުރާނެ ހިއްވަރެއް އޭނާގެ ކިބައަކުނެތެވެ. ޒީނިޔާއަކީ ޒިލްމާއާ ބަލާލާފައި ރަންމުތެކެވެ. މިހާރު ސާޖިދު އުފައްދަން އުޅޭ ރަންމުތަކީ ޒީނިޔާކަމަށްވެސް ވެދާނެއެވެ.. މިފަހަރު ޖަޕާނަށް އޭނާ ގެންދިޔަ ސާމްޕަލް ކާމިޔާބުވެއްޖެނަމަ ބްލޫޕާރލް ވެގެންދާނީ ވިލާ ޝިޕިންގް އެންޑް ޓްރޭޑްސް ފަދަ އަނެއްކުންފުންޏަށެވެ. މިލިނިއަރުންގެ ލިސްޓަށް ސާޖިދުއަރާނެ ކަންކަށަވަރެވެ. އެހެންނަމަވެސް ސާޖިދުގެ ހަޔާތުގައި ޖެހުނު ލައްގަޑު ފިލުވާނީ ކިހިނެއްހެއްޔެވެ. އޭނާގެ ސެކްރެޓަރީ ބަލިވެ ބައިންދާފައި ރަށުން ފުރައިގެން ދިޔައީ އޭނާ ވަޒީފާއިންވެސް ވަކިކޮށްލާފައެވެ. މުޅިއޮފީހުގައިވެސް ވާހަކަ ދެކެވެނީ އެގޮތަށެވެ. ދެން މިހެން ދިމާވާނީ ޒީނިޔާއަށެވެ. މިއީ ޒާހިދު އަރުވާ އަޑެކެވެ. ބަދަލްހިފުމުގެ ޖޯޝް އަދިވެސް އޭނާގެ ހިތުން ފިލައިގެންނެއް ނުދެއެވެ.

ޒިލްމާ ހަންޏާ މީދުއަށް ފޭބި އިރު އޭނާ އަކީ ކާކުކަން އެނގޭ މީހަކު ހުރިހެނެއް ހިއެއް ނުވެއެވެ. ގަޔަށް ދޫ ހައުސްކޯޓެއް ލާފައި ހުދު ބުރުގާ އެއް އަޅާފައި ހުރި އިރު އޭނާ މާ ފަލަ ކަމަށް ދައްކައެވެ. އުމުރުންވެސް މާ ދުވަސްވެއްޖެ ކަމަށް ދައްކައެވެ. އަދި ބަލިމީހެއް ކަމަށްވެސް ދައްކައެވެ.

ޒިލްމާގެ މަންމަ ނިޔާވީ އޭނާ މާލޭގައި ހުއްޓައެވެ. އޭރު ކަންތައް ހުރިގޮތުން ރަށަކަށް ނާދެވުނެވެ. ރަށުގައި ދުރުތާ ތިމާގެ މީހުން އުޅެއެވެ.

ޒިލްމާ ބުރުގާ އަޅާފައި ހުރުމުން ރީތިވެގެން ރަށުގެ ދުވަސްވީ މީހުން އެވާހަކަ ދައްކާ ހެދިއެވެ. ބައެއް ޒުވާނުންގެ ތެރޭގައި ވެސް އެފުރާގެ މީހުންނާ ގަޔާ ވާ ކުދިބަޔަކު އުޅެއެވެ. ޒިލްމާ އަކަށް އޭނާޔާ ގަބޫލު މީހުން މަދެއް ނުވިއެވެ. ކަތީބުވެސް ހުރީ އޭނަޔާ ދެ އަތްނބަށް އިންނަން ތައްޔާރުގައެވެ. އޭރު ޒިލްމާ ހުރީ އަވަސް ގޮތަކަށް އަޙްމަދާ އިނުމަށް ނިންމައިގެންނެވެ. އަހްމަދަކީ އަބަދުވެސް އޭނަޔާ ހެދި މޮޔަވެފައި ހުންނަ މީހެކެވެ. އޭނާގެ ބަނޑު ބޮޑުކަން އެނގުނަސް އަދި ދުވަސް ނުފުރާ ވިހެޔަކަސް މަސްއަލަ އަކަށް ނަހަދާނެއެވެ.

އަހުމަދު ގުރައިދުއަށް ގެންދިޔަކަމެއް ކުރިޔަކުން ޒިލްމާ ނުދެނެ ހުއްޓެވެ. އޭނާ ޒިލްމާއާ ހެދި ރަނގަޅަށް މޮޔަވިއެވެ. އެކަނި ހުރެގެން ވެސް ރެޔާ ދުވާލު ދައްކަނީ ޒިލްމާގެ ވާހަކަ އެވެ. ހިތުން ހުންނަނީ ޒިލްމާ އާއި އިނދެގެންނެވެ. ދަރިންވެސް ތިބެޔޯލައެވެ.

ޒިލްމާގެ އެންމެ ފަހުގެ އުންމީދު ކޮޅުވެސް އެގެއްލުނީއެވެ. ކަތީބު އޭނަޔާ އިނދެފާނެއެވެ. އެކަމަކު ބަލިވެ އިންކަން އެނގުމުން އެކަމެއް ނުފޮރުވާނެއެވެ. މިހާރު އެކަން ސިއްރު ކުރެވޭ ވަރަށް ވުރެން މާ މައްޗަށް ހިނގައްޖެއެވެ. ދެން ބޭޒާރުވާކަށް މާގިނަ ދުވަހެއް ނެތެވެ. ރައްޓެހިން ބުނި ހުރިހާ ކަމެއް ކުރެވިއްޖެއެވެ. އެއްފަހަރާ 10 ގުޅަ ޑިސްޕިރިން ވެސް ކައިފިއެވެ. ފާޑެއްގެ ބޮތްކެއް ދިއްލައިގެން އޭގެ ހޫނުން ރޯ ފިލަންދެންވެސް އޮވެފިއެވެ. މީހަކު ޖެހި އިންޖެކްޝަނަކުން ވެސް ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. އޭނާ ބުނިހާ ގޮތަކަށް ބުނިހާ ތަނެއްގައި ލިޔެ ހެދިހާ އެއްޗެއް ހަދަންދެން ކެތްކުރެވިއްޖެއެވެ. މީގެ އިތުރުން މެދު ކެނޑުމެއް ނެތި 4ގަޑި އިރު ވަންދެން 12 ވަރަކަށް ޒުވާނުން ކުރި މަސައްކަތްވެސް ވީ ބޭކާރެވެ. ފުޓްބޯޅަ ޓީމެއްގެ ހުރިހާ ކުޅުންތެރިންގެ ކުރިމަތީގައި ބަޑިއެއްގެ ނަން ލިބި ބޭޒާރުވީ ވެސް މި މުސީބާތުން މިންޖު ވުމަށެވެ. އެކަމުންވެސް ލިބުނީ ހީނުކުރާ ވަރުގެ ގަދަ ވޭނެކެވެ. 3 ދުވަސްވަންދެން ލޭ މަނާ ނުވެ ދިޔަ އިރުވެސް ބަނޑަކަށް ލުޔެއް ނުވިއެވެ.

ފޫޅު މައި ހައްވަ ދައިތަގާތު އެސިއްރު ބުނަން މަޖްބޫރުވެއްޖެއެވެ އެންމެފަހުން.

“ދަރިފުޅާ ! ތި ދަރިފުޅު ވިއްސީވެސް އަހަރެން. މަގޭ ދަރިއެއްފަދަ. އެކަމަކު ދައިތަ ތިކަންތައް ހުއްޓާލިތާ ކިތަންމެ ދުވަހެއް. ލޮލުހާލު ދެރަކަމުން ނޫނަސް ތިވަރުގެ ކަމެއް ކުރާކަށް ދައިތައަކަށް ނުކެރޭނެ.”

ޒިލްމާ ހައްވަދައިތަ ގައިގައި ހިފާ ރޮއިގަތެވެ.

އަދި ޒިލްމާގެ އަތުގައި ހުރި ހުރިހާ ގަހަނާތައް އެއްކޮށް ހައްވަ ދައިތަގެ އުނގަށް އޮއްސާލިއެވެ. އެހާ އަގުހުރި އެއްޗެއް ހައްވަ ދައިތަގެ މުޅި އުމުރުގައި ވެސް ދެކެފައެއެއް ނެތެވެ. މުސްކުޅި ވީ ދުވަހު މި ލިބުނީ ޚަޒާނާ އެކެވެ.

“ދައިތަ އަށް އެކަކުވެސް ޝައްކެއް ނުކުރާނެ. އެކަކަށްވެސް މި ކަމެއް ނޭގޭނެ.” ދައިތަ ގޮތް ހުސްވިއެވެ.

“އަދި މިއަކީ އެއްޗެއް ނޫން. ދައިތަގެ ލޯ އޮޕަރޝަން ކުރުވާ އައިނުވެސް ހައްދާ ދޭނަން. އިންޑިޔާއަށް ގެންގޮސް މަ މި ކަންތައް ކޮށްދޭނަން. މިކަންތައް ނިމުނީމާ މާލޭގެ މަޝްހޫރު މުއްސަނދިން އަދިވެސް މަ ބޭނުންހާކަމެއް ކޮށްދޭނެ.”.

ދައިތަ ލޯ އޮޕަރޭޝަން ކުރުވަން ބޭނުން ވެއެވެ. މާމަ ދަރީގެ މޫނު މިހާރު ފެންނަނީ ހިޔަންނެއް ހެންނެވެ. އެކަމަކު މި ވަރުގެ ކަމެއް ސިއްރު ކުރެވިދާނެ ހެއްޔެވެ؟ މިއީ ދައިތަ ދުވަހަކުވެސް ކުރިކަހަލަ ކަމެއް ނޫނެވެ. ދައިތަ އަދިވެސް ޖެހިލުން ވަނީ އެވެ.

“މިއީ އެއްވެސް ކަމެއް ނޫން ދައިތަ އެއްކަމެއް ކުރާކަށް ނުޖައްސާނަން” ޒިލްމާއަށް ދައިތަގެ ބަލިފައި އަތުޖެހިއްޖެއެވެ. “ފޫޅުވެސް ކަނޑާނީ އަހަރެން އަމިއްލައަށް.”

” “ދަރިފުޅާ … އާ ފަހަރު. . . . .

“އާ ފަހަރެއް ނޫން. އިންޑިއާއިން މިހިރީ އެއްފަހަރު ދަތިވެސް އަޅުވާފަ. ވިހާކަށް ދައްޗެއް ނުވާނެ. ދައިތަ މަސް އަތުޖައްސައި ދެނިކޮށް އެ ނިމުނީ.”

އޮފީހުގެ އެންމެންގެ ސަޕޯޓް ޒީނިޔާއަށް ލިބެމުންދާން ފެށުމުން ޒާހިދު އެކަމާ ނުރުހެންވެ ހަސަދަވެރިވެއްޖެއެވެ. އޭނާ އުންމީދުކުރިހެން ޒީނިޔާ އޭނައަކަށް ސަމާލުކަމެއް ނުދެއެވެ. ގިނަވަގުތު ހޭދަކުރަނީ ސާޖިދުގެ އޮފީސްތެރޭގައެވެ. އެތައް އިރަކު ދިގު ފޯންކޯލްތަކެއް ކޮށް ސާޖިދާ ވާހަކަ ދައްކަމުންދެއެވެ. އެކަމާ އެންމެން ޒާހިދަށް މަލާމާތް ކުރަމުން ދެއެވެ. ފެށުނީއްސުރެ އޮފީސް މެނޭޖަރަކަށް ވުމަށް ފައި ނަގަމުން އައި ޒާހިދަށް އެކަން ކާމިޔާބު ނުވީއެވެ. ފުރަތަމަ އޭނަޔަށް ހުރަހަކަށް ވީ ޒިލްމާ އެވެ. މިހާރު އެހެރީ އިހަށްދުވަހު ގެނައި އަންހެން ކުއްޖަކު އޭނާގެ މައްޗަށް ވެރި ކުރުވާފައެވެ. އޭނާ ސާޖިދު ދެކެ އަންނަ ރުޅި ހައްތާ އިތުރުވާ ގޮތްވީ އެވެ.

-ނުނިމޭ