English Edition
Dhivehi Edition
ފޮޓޯ:ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަސް އަހަރަށް ވުރެ އިތުރަށް ރާއްޖޭގައި ވެރިކަމުގައި ހުންނަވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މާފުށީގައި އަލަށް ހިއްކި ބިމާއި ޕިކްނިކް އައިލެންޑް ރަސްމީކޮށް، މާފުށީ ކައުންސިލާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަސްލަމް ވިދާޅުވީ މީގެކުރިން ރާއްޖޭގައި، މަޝްރޫއުތައް މިހާ ހަލުވިމިނެއްގައި ކުރިއަށް ދިޔަ ދުވަސްވަރެއް ދުވަހަކު ވެސް ދެކެ ވަޑައިނުގަންނަވާ ކަމަށެވެ.

މި ސަރުކާރުން ވެރިކަމަށް އައި ފަހުން އެކިކަހަލަ ތަރައްޤީގެ 373 މަޝްރޫއު ކުރިއަށް ގެންދާކަމަށެވެ. އަދި މިހާތަނަށް ނިމުނު މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ހަރަދު ކުރެފިވައިވާކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އަސްލަމް ވިދާޅުވީ މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި ސޮއިކޮށްފައި ހުރި މަޝްރޫއުތަކާއި އަދި ޓެންޑަ މަރުހަލާގައި ހުރި މަޝްރޫއުތަކުގެ އަގު 16.2 ބިލިއަން ރުފިޔާ އަށް އަރާނެކަމަށެވެ.

ކޮވިޑް-19 ގެ ހާލަތުގައި ވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓޭކަށް ރައީސް ބޭނުންފުޅުނުވާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކާ ކައިރިއަށް ރާއްޖެ ގެންދިއުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަސް އަހަރަށް ވުރެ އިތުރަށް ވެރިކަމުގައި ހުންނަވަންޖެހޭ ކަމަށެވެ.