English Edition
Dhivehi Edition
ރައީސްގެ އައްޑޫ ދަތުރުފުޅު. އައްޑޫއިން އެމަނިކުފާނަށްވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއިން ވާދަކުރައްވާ ކެންޑިޑޭޓް ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

މިހާރު ކުރިއަށްދާ ރިޔާސީ ރޭހުގެ ކެންޕޭންގައި ދެކުނަށް ކުރައްވާ އެންމެ ފަހު ދަތުރުފުޅާއެކު އެމަނިކުފާނު އައްޑޫސިޓީއަށް ވަޑައިގެންނެވުމުން ގަމުގެ ވައިގެ ބަނދަރުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެމްޑީޕީގެ ރިޔާސީކެންޑިޑޭޓްގެ ރަނިންމޭޓް، ހިތަދޫ އުތުރު ދާއިރާގެ މަޖްލިސް މެންބަރ މުޙައްމަދު އަސްލަމްއާއި އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންނާއި އަދި ގިނަ ޢަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރާއި އަދި އެމްޑީޕީގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މިސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ބަދަލުތަކާއެކު އައްޑޫ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދުގެ މައި ހަބަކަށް ބަދަލުވެ، އޭގެ އެތަކެއް ފައިދާތަކާއި މަންފާއެއް ރައްޔިތުންނަށް ލިބިގެންދާނެކަމަށް ރައީސްވަނީ ވަޢުދުވެ ވަޑައިގެންފައެވެ. އެހެންކަމުންރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ، އައްޑޫ ސިޓީގެ ތަރައްޤީއަށް ހިންގޭ ބައެއް މަޝްރޫޢުތައް ފަށްޓަވައި ދެއްވައި، އަދި މިހާރު ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވައި ލެއްވުން އޮންނާނެއެވެ. އެގޮތުން،ދާދި މިދާކަށް ދުވަހު ނިމިގެންދިޔަ، އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ގެ ނިންމުމާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ކުނިން ހަކަތަ އުފެއްދުމަށް ހިންގޭ ޕްރޮޖެކްޓްގެ އިތުރުން މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްދާގޮތް އެމަނިކުފާނު ބައްލަވައި ލައްވާނެއެވެ.

2 ދުވަހަށް ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި، ބުރާސްފަތި ދުވަހުގެ ރޭ އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައިވެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ކެންޕޭން ފޯރި ، އެމްޑީޕީން އައްޑޫސިޓީގައި ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެމަނިކުފާނުގެ ރަނިންމޭޓް އަސްލަމްއާއި އެމްޑީޕީގެ ސަޕޯޓަރުންގެ ޙަރަކާތްތައް މެދު ނުކެނޑި އައްޑޫގައި ހިންގަމުންދާއިރު މިވަގުތު ދަ ޑިމޮކްރޭޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އެޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބުވެސްވަނީ މިއަދު އައްޑޫސިޓީއަށް ވަޑައިގެންފައެވެ.