English Edition
Dhivehi Edition
ރައީސް ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ބައްދަލުކުރެއްވުން ފޮޓޯ ރައީސް އޮފީސް

ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރަށް ތާއީދު ހޯދުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެދުނު 10:30 އެހާއިރު ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމަށްފަހު، މީޑިއާތަކާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް އިބޫ ވިދާޅުވީ ކުޑަ ދުވަސްކޮޅަކަށްފަހު ރައިސް ނަޝީދާއި ބައްދަލުވީއިރު، ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅިގެން ވަހަކަ ދައްކަވާފައިވާނެކަމަށެވެ.

ރައީސް ވިދާޅުވީ ދެވަނަ ބުރަށް ތާއީދު ހޯދުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާއިރު އެކަމުގެ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް، ނިޒާމީ ވޯޓުގެ މަސައްކަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެއްބަސްވެ ވަޑައިގެންނެވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“މިހާރު އިހަށް އިތުރު ތަފްސީލުގެ ވާހަކަ ނުދައްކާ، ދެވަނަ ބުރުގެ ވޯޓު ނިމުމުގެ ކުރިން އެއަށް ނުދިއުމަށް، އެ ވާހަކަ ނުދެއްކުމަށް، އަދި އޭގެ ފަހުން ހަމަ ނިމުމާއިއެކީގައި، އަދި ކޮންމެ ގޮތަކަށް އިންތިހާބު ނިމުނުކަމަށް ވީނަމަވެސް އޭގެ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާނަން.” ރައީސް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުނުކޮށް ނިއުޓްރަލްކޮށް ދަ ޑިމޮކްރެޓްސްއިން އޮތް ނަމަވެސް ރައީސް ނަޝީދު އެމަނިކުފާނުގެ އަމިއްލަ ހައިސިއްޔަތުން ރައީސް ސާލިހަށް ތާއީދުކުރައްވާނެކަން ހިއްސާކުރެއްވިތޯ ސުވާލުކުރުމުން ރައީސް ވިދާޅުވީ އެ މަޝްވަރާވެސް ކުރެވުނުކަމަށެވެ. ނަމަވެސް ތަފްސީލު ހާމަކުރައްވާނީ ފަހުންކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާ ބައްދަލުކުރައްވާ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުތަކާއި އަދި ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓުގެ މަސައްކަތް ރިޔާސީ އިންތިޚާބަށްފަހު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.