English Edition
Dhivehi Edition
ރައީސް ސޯލިހު

މި ސަރުކާރުން ވެރިކަމަށް އައި ފަހުން ޑޮލަރުގެ އަގު ދަށްވެއްޖެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތުގައި ރައީސް ސޯލިހު ވިދާޅުވީ ޑޮލަރުގެ އަގު ދަށްވިކަމަށް ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް. އެގޮތުން ޑޮލަރުގެ ރޭޓް 17.50 ރުފިޔާއަށް ވެއްޓިފައިވާ ކަމަށް ބުނި ނަމަވެސް ވޭތުވެދިޔަ ކޮންމެ އަހަރެއްގައި ވެސް ޑޮލަރުގެ ރޭޓް ހުންނަނީ އެ ޜޭޓްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރުގެ މި ދުވަސްވަރަށް ބެލިއިރު ޑޮލަރުގެ ޜޭޓް ހުރީ 16.70 ލާރީގައި ކަމަށް ރައީސް ވިދާޅުވި. އަދި މިހާރު މާ ފަހުރުވެރިކަމާއެކު ވާހަކަ ދައްކާއިރު ރޭޓް ހުރީ 17.50 ގައި ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.

ހަމަ އެހެންމެ 2022 ވަނަ އަހަރު ޑޮލަރު ރޭޓް ހުރީ 16.20 ގައި ކަމަށް ވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މިއީ ތޮބީއީ ގޮތުން ރާއްޖޭގެ ރެވެނިއު އެންމެ މަތިވާ ދުވަސްތަކަށް ކަމަށް ވާތީ މިއީ މިކަން އާންމުކޮށް ވަމުން އަންނަ ގޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބޭނުންވަނީ ވީހާވެސް ދަށްކޮށް ޑޮލަރު ލިބޭގޮތަށް އޮތުން ކަމަށާއި, އެހެން ނަމަވެސް ރައްޔިތުންނަށް އޮޅުވާލައިގެން މާބޮޑެތި މަސައްކަތެއް ކޮށްދީގެން ޑޮލަރު ދަށްކުރިކަމަށް ސަރުކާރުން ދެއްކުމަކީ ރަނގަޅުގޮތެއް ނޫންކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވާއިރު, ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ވަރަށް ބޮޑަށް މަތިވެގެން ދިޔައިރު، މިހާރު އެ ހާލަތު ދަނީ މަޑުމަޑުން ބަދަލުވަމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ބުދަ ދުވަހު ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިރު ރާއްޖޭގެ އިގްތިސާދު އޮތް ހާލަތުން އަރައިގަތުމަށް އެމަނިކުފާނު ކުރެއްވި ޕްލޭންތަކާ ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި ކަމަށެވެ.

މި ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ޑޮލަރުގެ ރޭޓް މައްޗަށް ދާން ފަށާފައި އޮތް ނަމަވެސް ރޯދަ މަހާއި އުމްރާ އާއި ހައްޖަށް ދިއުމުގެ އިތުރުން ރާއްޖެއަށް އެތެރެ ކުރާ މުދާ އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ޑޮލަރުގެ ރޭޓް ދަށަށް ދާކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޑޮލަރު ރޭޓު ދަށަށްދާނެ ކަމަށާ އެކަން ހާސިލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ރޭޓް، މިހާރު ވަނީ 17.40 ވެއްޓިފަކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ހަފްތާގެ ތެރެގައި އިމިގްރޭޝަނުންވެސް ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 7 ބިދޭސީއަކު ހައްޔަރުކޮށް ޑީޕޯޓުކޮށްލާފައެވެ.