English Edition
Dhivehi Edition

ގއ.ކޫއްޑޫގައި ކޭނިން ފެކްޓްރީއެއް ގާއިމުކޮށް ދެއްވާ އެއްވެސް ކޮންޓްރޯލެއް ނެތި މަސްގަތުމުގެ ގާބިލުކަން ކޫއްޑޫގައި ހަމަޖައްސައިދިނުމަށް ގޮވާލާ ހުވަދޫ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ބަޔާނެއް ނެރެވިއެވެ.

އެ ކައުންސިލްގައި ހިމެނޭ 10 ކައުންސިލަރުން ސޮއިކޮށް މި މަހުގެ 27 ވަނަ ދުވަހު ނެރުނު ބަޔާނުގައި ވަނީ ގއ.ކޫއްޑޫގައި ގާއިމްކޮށްފައިވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަތުމުގެ ކެޕޭސިޓީ އިތުރުކޮށް ކޫއްޑޫ ތަރައްޤީކުރުމުގެ މަސައްކަތް ފެއްްޓުން އަވަސްކުރުމަށް އެކިލެވެލްތަކުގައި މަސައްކަތްކުރެވިފައިވާކަން ފާހަގަކޮށްފައެވެ

. އެހެންނަމަވެސް ކޫއްޑޫ ތަރައްޤީއަށް މިހާތަނަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާކަން ފާހަގަކޮށް ކައުންސިލްގެ ބަޔާނުގައި ބުނީ ކޫއްޑޫގައި ކޭނިން ފެކްޓްރީއެއް ގާއިމުކޮށްދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއްކަމަށެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް އެކަން ތަންފީޒުވެފައިނުވާތީ ގއ.ކޫއްޑޫގައި ކޭނިން ފެކްޓްރީއެއް ގާއިމުކޮށް ދެއްވާ އެއްވެސް ކޮންޓްރޯލެއް ނެތި މަސްގަތުމުގެ ގާބިލުކަން އިތުރުކޮށް މަސްވެރިންގެ ޝަކުވާތަކަށް އަވަސް ހައްލެއް ގެނެސްދިނުމަށް ގޮވާލާފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، އައިސް ޕްލާންޓް ބެހެއްޓިފައިވާ ރަށްތަކުގައި ޕްލާންޓްކެޕޭ ސިޓީ އިތުރުކޮށް އަވަސްކޮށްދިނުމާއެކު އައިސް ޕްލޭންޓް ބެހެއްޓިފައި ނެތް ރަށްރަށުގައި އައިސް ޕްލާންޓް ބެހެއްޓުމާއި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީކުރުމަށް ރާވާފައިވާ ކަންތައްތައް އަވަސްކުރުމަށް ގޮވާލާފައެވެ.

މި ދުވަސްކޮޅަކީ މުޅިރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށްވާއިރު، ހާއްސަކޮށް މި ދުވަސްވަރު ދެކުނު މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.