ގއ. ކޫއްޑޫ ޕޯޓަށް އިމްޕޯޓް އޮޕަރޭޝަން ހިންގޭނެ ދުވަހެއް އަދިވެސް ނާންނަ ކަމަށް ގއ. ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހެޅުއްވި، ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ސަރަޙައްދީ ބަނދަރުތައް ބޭނުންކޮށްގެން ސަރަޙައްދީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، އެ މަސައްކަތް ހަލުވިކުރުމަށް އެދި ގޮވާލައި ހުށަހަޅާ ގަރާރަށް ބަހުސް ކުރައްވަމުން ސައުދު ވިދާޅުވީ ރާއްޖޭގައި ހިނގާ އެންމެ ވަރުގަދަ އެކްސްޕޯޓް އޮޕަރޭޝަން ހިންގަނީ ގއ. ކޫއްޑޫގައި ހުވަދޫ އަތޮޅުގައި ކަމަށާއި އެހެނަސް މި ޕޯޓަށް އިމްޕޯޓް އޮޕަރޭޝަން ހިންގޭނެ ދުވަހެއް އަދިވެސް ނާންނަ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ކޫއްޑޫ ބައިނަލްއަގުވާމީ ބަނދަރުން ނިމިދިޔަ އަހަރު އެކަނި ވެސް 53 ހާސް މެޓްރިކްޓަނުގެ މަސް ބޭރުކުރި ކަމަށާއި، ސީދާ ކޫއްޑޫއިން ތައިލެންޑަށް 20 ބޯޓަށް ލޯޑް ކޮށްގެން ފުރިކަމަށެވެ.
“ކޫއްޑޫ ބަނދަރުގައި އިމްޕޯޓުގެ ޚިދުމަތް ގާއިމް ކޮށްގެން ނޫނީ ރާއްޖޭގެ އިގްތިސާދު ފުޅާ ނުކުރެވޭނެ. ކޫއްޑޫގެ ޕޯޓަކީ އިންޓަނޭޝަނަލް އިމްޕޯޓް އޮޕަރޭޝަނެއް ހިންގޭނެ، ކޮންޓެއިނާ ސާވިސް ގާއިމް ކުރެވޭ ޕޯޓަކަށްވެގެން ނޫނިއްޔަކާ ރާއްޖޭގެ އިގުތިސާދު ފުޅައެއް ނުކުރެވޭނެ. އެ ތަނަކީ ވިހި ހާސް، އަހަރެއްގެ މައްޗަށް ފަންސާސް ހާސް ޓަނުގެ މަސް އެކްސްޕޯޓް ކުރާ ޕޯޓަކަށް ވެފައި އެތާނގައި ކޮންޓެއިނާ އޮޕަރޭޝަން ނުހިންގޭ ކަމަށް ވަންޏާ މި ޕޯޓުގެ އެއްވެސް ބޭނުމެއް ނެތް،” ސައުދު ވިދާޅުވިއެވެ.
ސައުދު ވަނީ ކޫއްޑޫގައި މިހާ ވަރުގަދަ އޮޕަރޭޝަނެއް ހިނގާ ޕޯޓް ބޭނުންކުރަނީ ހަމައެކަނި އެކްސްޕޯޓް ކުރުމަށް ޓަކައި ކަމަށާއި އިމްޕޯޓް އޮޕަރޭޝަން ކޮންޓެއިނަރުގެ ޚިދުމަތް ގާއިމް ކުރުމަށްޓަކައި، ހުވަދޫ އަތޮޅު ކުޑަތޯ ސުވާލު އުފައްދަވާފައެވެ.