English Edition
Dhivehi Edition

ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ލާމަސީލު ޒުވާނާ” ކޭމްޕް ފަށައިފިއެވެ.

މި ކޭމްޕަކީ ދިވެހި ފުލުހުންނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އައްޑޫ ސިޓީ ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީ ހައި ސްކޫލުގައި ކުރިއަށްދާ މި ކޭމްޕުގައި ޖުމްލަ 91 ޒުވާނުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ހިމެނެނީ 43 އަންހެން އަދި 48 ފިރިހެން ބައިވެރިންނެވެ.

މިއަދު އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުގައި، މި ކޭމްޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢީލްއެވެ. މިރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުލް ރަހުމާން އާއި އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބައެއް އިސްވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ކައުންސިލް މެމްބަރުންނާއި ކޭމްޕުގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

އުމުރުން 18 އަހަރުން މަތީގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކޭމްޕަކީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަގުޞަދުގައި ފުލުހުންނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ހިންގާ ކޭމްޕެކެވެ.

މި ކޭމްޕުގައި އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާއި، ފުރަތަމަ އެހީ އާއި އަލިފާނުގެ ހަދިސާތަކުގައި ޢަމަލުކުރަންވީ ގޮތްތަކާއި ސަވައިވަލް ޓެކްނިކްސް އާއި ރެޕަލިންގ އާއި ޑޮމެސްޓިކް ހައުސް ވަޔަރިންގ އާއި ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލީޑަރޝިޕްގެ ބައިތައް އުނގަންނައިދެވެއެވެ. މީގެއިތުރުންވެސް ނަފްސަށްކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުމުގެ އިތުރުންވެސް ތަފާތު ގިނަ ހަރަކާތްތަކާއި ބައިވެރިންނަށް މުހިންމު މަޢުލޫމާތު މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.

މި ކޭމްޕް ފުރިހަމަކުރާ ބައިވެރިންނަށް ކޭމްޕް ފުރިހަމަކުރި ލިޔުމުގެ އިތުރުން ކޭމްޕުގެ ތެރެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ފަޔަރ ސޭފްޓީ އާއި ބޭސިކް ހައުސް ވަޔަރިންގ އަދި ފަސްޓް އެއިޑް ފުރިހަމަ ކުރިކަމުގެ ލިޔުން ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ކޭމްޕު ފުރިހަމަކުރާ ބައިވެރިންނަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރިއަށް ގެންދާ އެޕަރެންޓިޝިޕް ޕްރޮގްރާމު ފުރުސަތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.