English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

މޯލްޑިވްސް ޕޮލީސް ސަރވިސްއިން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ “ލާމަސީލު ޒުވާނާ” ޕްރޮގްރާމުގެ ބައިވެރިންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ފަޔަރ ފައިޓިންގ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ލާމަސީލު ޒުވާނާ ޕްރޮގްރާމްގެ ތެރެއިން އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި 18 އަހަރާއި 45 އަހަރާ ދެމެދުގެ 90 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

އެމްއެންޑީއެފް އިން ބުނީ މި ސެޝަންތަކުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ. މިގޮތުން އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު، އަދި އަލިފާންނިވި ބޭނުން ކުރާނެ ގޮތާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. މީގެއިތުރުން، އަލިފާން ނިންވާނެ ގޮތުގެ އަމަލީ ފަރިތަކުރުންތަކެއް ވެސް މި ސެޝަންތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ލާމަސީލު ޒުވާނާ ކޭމްޕަކީ ދިވެހި ފުލުހުންނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އައްޑޫ ސިޓީ ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. އައްޑޫ ސިޓީ ހައި ސްކޫލުގައި ކުރިއަށްދާ މި ކޭމްޕުގައި ޖުމްލަ 91 ޒުވާނުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ހިމެނެނީ 43 އަންހެން އަދި 48 ފިރިހެން ބައިވެރިންނެވެ.

އުމުރުން 18 އަހަރުން މަތީގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކޭމްޕަކީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަގުޞަދުގައި ފުލުހުންނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ހިންގާ ކޭމްޕެކެވެ.