English Edition
Dhivehi Edition
"ލާމަސީލު ޒުވާނާ" އިފްތިތާހު ކުރުމަށް 28 ނޮވެމްބަރު 2019 ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރާއްޖެއެމްވީ

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ގުޅިގެން އިންތިޒާމްކުރާ “ލާމަސީލު ޒުވާނާ 2020” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލާމަސީލް ޒުވާނާ ކޭމްޕަކީ ޢުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން، ޒުވާނުންނަކީ ކިޔަމަންތެރި ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާހައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާޤު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޙަރަކާތެއް ކަމަށެވެ.

އަދި އެ ކޭމްޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 12 ޖެނުއަރީ 2020 އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ދ. ވާނީ ގައި ކަމަށްވެސް އެ ޔޫތު މިނިސްޓްރީ އިން ބުނެއެވެ.

އެ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މުޅިރާއްޖެއަށް ހުޅުވާލައިގެން ކޭމްޕްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ޒުވާނުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ 100 ބައިވެރިއަކަށް ފުރުޞަތު ދެވޭ ގޮތަށް ކަމަށާއި، އެއީ ދެޖިންސްގެ ޒުވާނުންނަށް ހުޅުވާލެވިގެން ކުރިއަށްގެންދެވޭ ކޭމްޕެއް ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ޔޫތު މިނިސްޓްރީ އިން ބުނީ އެ ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފޯމް https://forms.gle/6LLAwo3AZUyhpn1g9 ލިންކުންނާއި އެ މިނިސްޓްރީ އިން އަދި މާފަންނު އިޖުތިމާޢީ މަރުކަޒު، ކައުންސިލްގެ އިދާރާތަކުންނާއި އަތޮޅު ތަކުގައި ޤާއިމް ކުރެވިފައިވާ އިޖުތިމާޢީ މަރުކަޒުތަކުން ލިބޭނެ ކަމަށެވެ.

އެ ކޭމްޕްގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 24 ޑިސެމްބަރ 2019 ގެ 14:00 އެވެ. އެފޯމާއެކު މެޑިކަލް ރިޕޯޓް އާއި، އައި.ޑީ.ކާޑު ގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒް ގެ ފޮޓޯއެއްވެސް ހުށަހަޅަން ޖެހޭނެއެވެ.