English Edition
Dhivehi Edition
ހުޅުމީދޫ ބަހާއުއްދީން މަގު ފޮޓޯ: އީމާން

އެއީ ލޯކަލް ކައުންސިލް އިންތިހާބަށް އެންމެ ފޯރިއާއި އެކު ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ، މުޅި ރާއްޖޭގައިވެސް ލޯކަލަ ކައުންސިލް އިންތިހާބުގެ ފޯރި އެންމެ ގަދަވެފައިވާ އެ ދުވަސްވަރު އައްޑޫ ސިޓީގެ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގައި ކައުންސިލް އިންތިހާބަށް ވުރެ ފޯރިއާއި އެކު ކެމްޕެއިން ކުރަމުން ދިޔައީ މުޅިން އެހެން ކަމަކަށެވެ. ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާ ޕެޓިޝަނެއްގައި ސޮއިކުރަމުން ދިޔައީ، އެއީ ކައުންސިލް އިންތިހާބަށްވުރެ މުހިއްމުކަމެއްކަމުގައި ދެކިގެންނެވެ.

އަފިރިންގެ ކައުންސިލް އަފިންނަށް

އައްޑޫ އަށް ސިޓީގެ ދަރަޖަ ދީފައި އޮތަސް ސިޓީއެއްގެ ގޮތުގައި ނުހިނގާތީ، އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ހުޅުދޫ އާއި މީދޫ އަށް ބޭނުން ވަނީ ރަށު ކައުންސިލެއް ކަމަށް ގަބޫލުކޮށް ‘ އަފިރިންގެ ކައުންސިލް އަފިންނަށް” މި ނަމުގައި ބޮޑު ކެމްޕެއިނެއް ފެށި އެލްޖީއޭ އާއި ރައްޔިތުންގެ މަޖިލީސް އަދި ރައީސް އޮފީހަށް ހުށަހަޅެމަށް ޕެޓިޝަނެއްގައި އޭރު ސޮއިކުރެވުނެވެ. މި މަސައްކަތުގައި އޭރު އިސްކޮށް ހަރަކާތްތެރިވެފައިވަނީ އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިންނެވެ.

އައްޑޫ އަކީ މީހުން ދިރިއުޅޭ ހަ ރަށުގެ މައްޗަށް އެކުލެވޭ ސިޓީއަކަށް ވާއިރު، އިރުމަތީ ފަރާތުގައި ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަދި ހުޅަނގު ފަރާތުގައި ގުޅިފައި އޮންނަ ހަތަރު ރަށާ ދެމެދު ދިހަ މޭލު ފުޅާ ކަނޑެއް އޮވެ އެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ލިބެންޖެހޭ މާލީ މަންފާތަކައި އިދާރީ ހިދުމަތްތަކުން މަހުރޫމުވެ، ކައިރިން ލިބެންޖެހޭ ގިނަ ހިދުމަތްތަކެއް ހޯދަން ކަނޑު ހުރަސްކޮށް ފޭދޫއަށް ގޮސް އެއްގަމު މަގުން ހިތަދޫއަށް ދާންޖެހުން ވެފައި ވަނީ ބޮޑު ތަކްލީފަކަށެވެ،

ސަރުކާރުގެ ކަމާއި ބެހޭ މުވައްސަސާތަކަށް އޭރު ފޮނުވި މި ޕެޓިޝަންގައި ބުނެފައިވަނީ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދައި، އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ވެސް ގާނޫނީގޮތުން ލިބިދޭ އެންމެހާ ބާރުތަކާއި އިހްތިޔާރުތަކާއި ހައްގުތައް ހޯދައިދިނުމަށްކަމަށެވެ.

ލާމަރުކަޒީ ނިޒާމު

ލާމަރުކަޒީ ނިޒާމު ތައާރަފުކުރެވި، އިދާރީގޮތުން އަތޮޅުތަކައި ރަށްތައް ހިންގުމަށް ގެނެވުނު ބަދަލުތަޖުގެ ތެރެއިން އައްޑު އަތޮޅު ސިޓީއެއްގެ ގޮތުގައި ހަމަޖެއްސީ 2011 ވަނަ އަހަރު އެވެ. އޭރު ސިޓީއަކަށް ވެވެނީ އާބާދީގައި 30،000 މީހުން ހަމަވެގެން ކަމަށްވާއިރު، އައްޑޫ ސިޓީގެ އާބާދީ 30،000 އަށް އެރީ ހުޅުދޫ އަދި މީދޫގެ 7000 މީހުން ވެސް ހިމަނައިގެން ނެވެ ނަމަވެސް 10،000 މީހުންގެ އާބާދީއެއް ހަމަވާ ތަންތަނަށް ސިޓީއެއްގެ ދަރަޖަ ލިބޭއިރު، ހުޅުދޫ އާއި މީދޫ ނުލައި ހަމައެކަނި ހިތަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ވެސް ގާނޫނީ ހުރަހެއް ނެތެވެ.

ލާމަރުކަޒީ ނިޒާމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމާއި، ކޮންމެ ރަށަކަށް ވެސް އެރަށެއްގެ ކަންތައްތައް އަމިއްލައަށް ނިންމުމުގެ ބާރާއި އިހްތިޔާރު ދިނުން ކަމަށް ވާއިރު، އެ ނިޒާމުގެ ފުރިހަމަ ބޭނުން މި ދެ ރަށުގެ ރައްޔިތުންނަށް ހިފެން އަންނަނީ އެ ބާރާއި އިހްތިޔާރު ދެ ރަށުގެ އިދާރީ ދާއިރާތަކަށް ލިބިގެންކަމަށް ދެ ރަށުގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

ހުޅުދޫ މީދޫ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުން، ހުޅުދޫ އާއި މީދޫއަށް ވަކި ކައުންސިލެއް ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ރޫހާ އެއްގޮތަށް، އެ ދެ ރަށުގެ ރައްޔިތުންނަށް އެންމެ ކައިރިން ހިދުމަތް ދެވޭނެ ގޮތާއި، ދެ ރަށުގެ މަސްލަހަތާ ގުޅޭ އެންމެހައި ކަންކަމުގެ އިހްތިޔާރާއި ބާރު ރައްޔިތުންނަށް ލިބިގަތުމަށެވެ.

ސިޓީއިން ވަކިވާން ބޭނުންވީ ކީއްވެ؟

ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ގާތުން ލިބިގަތުމަށްޓަކައި ހުޅުދު އާއި މީދޫގެ ރައްޔިތުން މަހްރޫމްވެފައިވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ، އައްޑޫ އަތޮޅު ސިޓީއަކަށް ބަދަލުވެ، ސިޓީގެ އިދާރީ ހުރިހާކަމެއް ހިންގަމުން އަންނަނީ ކުރިންވެސް އަތޮޅު ވެރިކަން ކުރި ހިތަދޫގަ އެވެ. މުޅި އަތޮޅު ސިޓީއަކަށް ބަދަލުވެ، ހުޅުދޫ އާއި މީދޫއަށް ދޭންޖެހޭ ހިދުމަތްތައް ވެސް ދެމުން އަންނަނީ ހިތަދޫގައި ހިންގާ ސިޓީ ކައުންސިލުގައި މަޝްވަރާ ކުރެވި މެޖޯރިޓީން ފާސްވާ ގޮތަކަށެވެ. މި ގޮތަށް އޮތުމުގެ ސަބަބުން ސިޓީ ކައުންސިލުގައި ހުޅުދޫ އާއި މިދޫގެ ދެ ކައުންސިލަރުން ތިބި ނަމަވެސް، ކައުންސިލުން ކަންކަން ނިންމަނީ ވޯޓަކުން ކަމަށްވާތީ ވަރަށް މަދު ފަހަރެއްގައި މެނުވީ ހުޅުދޫ އާއި މީދޫގެ މަސްލަހަތަށާއި ތަރައްގީއަށް ރިއާޔަތްނުކުރެވޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މީގެ އިތުރުން ހުޅުދޫ މީދޫ ގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫއުތައްވެސް، ސިޓީ ކައުންސިލުން ނިންމަން ޖެހޭ މުހިއްމު ނިންމުންތައް ނުނިމި، ލަސްވާކަމަށް އެ ދެ އަވަށުގެ ރައްޔިތުން ތުހުމަތު ކުރެއެވެ. މީގެ އިތުރުން ޒަމާނުއްސުރެ މި ދެ ރަށާއި މެދު ސިޓީ ކައުންސިލް ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާތަކަކީވެސް އާ ވާހަކަތަކެއް ނޫނެވެ. ހުޅުދޫ އާއި މީދޫގެ ރައްޔިތުން ތަޖުރިބާކުރި ގޮތުގައި، މިދިޔަ ދިހަ އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެ ދެ ރަށަށް ހާސިލްވާންޖެހޭ ކަންކަން ހާސިލްވެ ތަންފީޒުވެފައެއް ނުވެއެވެ،

އޭރު ދެކެވުނު ވާހަކަތައް

އޭރު މި ވާހަކަތަކާއި ގުޅިގެން މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ހުޅުދޫ މީދޫ ސިޓީއިން ވަކިވުމުން އައްޑޫ އަތޮޅު އުފެދި، އަތޮޅު ކައުންސިލް އުފެދިގެންދާނެ ކަމަށެވެ. އަދި އަތޮޅު ކައުންސިލް ހުންނާނީ ހިތަދޫގައި ކަން ފާހަގަކުރަމުން ރޮޒައިނާ ވިދާޅުވީ އޭރުން އަނެއްކާވެސް ހުޅުދޫ އަދި މީދޫގެ ބެލެނިވެރިކަން އަތޮޅު ކައުންސިލްގެ ދަށަށް ދާނެ ކަމަށެވެ .މިކަމާއި ގުޅޭ އިތުރު ތަފްސީލް ދެއްވަމުން ރޮޒައިނާ ވިދާޅުވީ މިހާރުގެ ޤާނޫން އޮންނަ ގޮތުން ސިޓީވެސް، އަތޮޅެއް ތެރޭ އޮތުމުން ސިޓީވެސް ވާނީ އަތޮޅުގެ ބަޔަކަށް ކަމަށެވެ.”އަދި އަތޮޅުގެ ރަށަކަށް ނިސްބަތްނުވާ ތަންތަން ދާނީ އަތޮޅު ކައުންސިލްގެ ދަށަށް” ރޮޒައިނާ ވިދާޅުވިއެވެ.

ސަރުކާރަށް ލިބޭ އާމްދަނީ، ލިބިގެންދާނީ އާބާދީގެ ނިސްބަތަށް ބެލުމަށްފަހު ކަމަށާއި ދެ ރަށް ވަކިން އޮންނަ ނަމަ ދެ ރަށަށްވެސް ވަކިން ލިބިގެންދާނެކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ސިޓީ އިން ވަކިވާން ބޭނުންނަމަ އެކަންވެސް ކުރަންޖެހޭ ކަމަށާއި މި ކަމުގައި ރައްޔަތުން ދެކޭ ގޮތް ބަލަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ރޮޒައިނާ ވަނީ މި ކަމުގައި ރައްޔިތުން ކުރިއަށް ދާގޮތަކަށް ރައްޔިތުންނާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އޭރު، ހުޅުދޫ ދާއިރާގެ ކުރީގެ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވީ އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް މަސައްކަތްކުރަމުން ދަނީ އައްޑޫ ސިޓީ މީދޫ މީހުން ކަމަށާއި އެ އެ މަސައްކަތުގައި ހުޅުދޫ މީހުންގެ ބައިވެރިވުން ކުޑަކަމަށެވެ. އަދި ހުޅުދޫއިން ލިބޭ ޚިދުމަތްތައް ރަނގަޅުކުރުމަކީ އެއީ އެ ރަށުގެ ހުރިހާ ރައްޔިތުންވެސް ކުރާ އުންމީދެއްކަމަށާއި އެހެންނަމަވެސް ސިޓީ އިން ވަކިވެގެން އެކަން ކުރެވޭނެކަމަށް ގަބޫލެއް ނުކުރައްވާކަމަށް ޝުކުރީ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ބަސް

އޭރުވެސް އައްޑޫ ސިޓީ ކައުންސިލުން ބުނަމުން ދިޔައީ ސިޓީ އިން ވަކިވުމަކީ ހައްލެއް ނޫންކަމަށެވެ. އަދި ހުޅުދޫ މީދޫ ރައްޔިތުންނާއި މެދު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް އޭރު ކައުންސިލުން ތަކުރާރުކޮށް ބުނަމުން ދިޔައިރު މޭޔަރު ކަމަށް ވާދަކުރެއްވި، އަދި މިހާރުގެ މޭޔަރު އަލީ ނިޒާރުވަނީ މި ތަފާތުކުރުންތައް ނައްތާލާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ. އަދި އެއްވެސް ހިދުމަތަކުން ހުޅުދޫ މީދޫގެ ރައްޔިތުން މަހްރޫމް ނުވާނެކަމުގެ ޔާގީންކަން ދެއްވާފައިވާއިރު، އައްޑޫ ސިޓީ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތް ބްރިޖަކުން ގުޅުވާލާނެ ކަމަށްވެސް ކެމްޕެއިން ދުވަސްވަރު މޭޔަރު ނިޒާރު ވަނީ ވައުދުވެފައެވެ.

ހުޅުދޫ މީދޫ އާއި މެދު ތަފާތުކުރުންތައް ނުގެންގުޅޭ ވާހަކަ ތަކުރާރުކުރައްވަމުން މޭޔަރު ނިޒާރު ވިދާޅުވީ ހުޅުދޫއާއި މީދޫ އަށް ތަފާތުކޮށްގެން އެ ދެ ރަށަށް ގެއްލުންވާ ގޮތަށް އައްޑޫ ސިޓީ ކައުންސިލުން އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށެވެ. އަދި އައްޑޫ ސިޓީގެ ރަށްތަކަށް ހިދުމަތް ދިނުމުގައި ކައުންސިލަށް އިދާރީ ގޮތުން ވެސް އަދި އެހެން ގޮތްގޮތުން ވެސް ދަތިތައް ހުރިކަން ފާހަގަކޮށް ނިޒާރު ވިދާޅުވީއެ ދަތިތަކާ ގުޅިގެން ރަށްތަކަށް ހިދުމަތް ދިނުމަށް ކައުންސިލަށް ގޮންޖެހުންތައް އެބަހުރިކަމަށެވެ. އަދި އެ ގޮންޖެހުންތަކުގެ ސަބަބުން ހުޅުދޫއާއި މީދޫގައި ކުރަންޖެހޭ ބައެއް ކަންކަން ނުވެ ހުރިކަންވެސް ނިޒާރު ގަބޫލުކުރައްވައެވެ.

އަނެއްކާވެސް ‘އަފިރިންގެ ކައުންސިލް އަފިންނަށް’

އައްޑޫ ސިޓީ ހުޅުދޫ މީދޫ ސިޓީއިން ވަކިނުކުރެވޭނެކަމަށް ކަނޑައެޅުމާއި އެކު އޭރު އެ ވާހަކަތައް މަޑުމަޑުން ހުއްޓިއްޖެއެވެ، ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރަމުން ދިޔަ މީހުންގެ އަޑުވެސް މަޑުވެފައިވަނިކޮށް އަނެއްކާވެސް މި ވަނީ އެ ވާހަކަތައް ފެންމަތިވެފައެވެ، މި ފަހަރު އެ ވާހަކަ ފެށިގެން ދިޔައީ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި ހަމައިންނެވެ. ހުޅުދުއާއި މީދޫ އައްޑޫ ސިޓީ ކައުންސިލުގެ ދަށުން ވަކިކުރަން އާންމުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފެއްޓެވީ ރޮޒައިނާ އެވެ. ރޮަޒައިނާ ވިދާޅުވީ އެ ދެ ރަށް އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮވެގެން އެދެރަށުގެ ރައްޔިތުންނަށް ވަނީ ފައިދާ ތޯ ނުވަތަ ގެއްލުން ތޯ ބަލަންޖެހިފައިވާ ކަމަށެވެ. ހުރިހާ ކަމެއްގައިވެސް އެދެރަށުގެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައިވާއިރު ހުޅުދުއާއި މީދޫ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ވަކިކުރުމަކީ ރައްޔިތުން އެދޭ ގޮތްނަމަ، އަންނަ ފެބްރުއަރީ މަސް ތެރޭ އެކަމަށް ބޭނުންވާ ގާނޫނީ އިސްލާހުތައް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ

ރޮޒައިނާގެ ވާހަކަތަކާއެކު އަނެއްކާވެސް މި ދެ ރަށުގެ ރައްޔިތުންނަށް އާ އުއްމީދެއް ލިބިގެން ދިޔައެވެ. ‘އަފިރިންގެ ކައުންސިލް އަފިންނަށް’ގެ އަޑު ގަދަވެ ސޯޝަލް މީޑިއާގައިވެސް މި ވަނީ ބަހުސްކޮށް ކެމްޕެއިން ފެށިފައެވެ. އޭރު މިކަމާއި ދެކޮޅު ހެދި ގިނަ މީހުންވެސް މިއަދު މިކަމާއި އެއްކޮޅަށް ދަނީ ކެމްޕެއިން ކުރަމުންނެވެ. ދެން އުފެދޭ ސުވާލަކީ ސިޓީ އިން ވަކިވުމުން މި ދެ ރަށަށް ލިބިގެންދާނީ ފައިދާތޯ ނުވަތަ ގެއްލުންތޯއެވެ؟ ޖަވާބު ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.