English Edition
Dhivehi Edition
އެމްޑީޕީގެ ޖަލްސާއެއްގައި އަލީނިޒާރު ވާހަކަ ދައްކަވަނީ

އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނާއި ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅެއް އަޅައިފި ނަމަ އެކަމުގެ ސަބަބުން ނިކަމެތި ރައްޔިތުންނަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕައިނާއި މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ނިޒާރު ވިދާޅުވީ ކޮންމެ ކަމެއް ޖެހުނަސް އެންމެ ގާތުން ގާބިލުކަމާއެކު އެހީތެރިވާން އޮތް ގައުމަކީ އިންޑިއާކަމަށެވެ. އިންޑިއާ އަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވެސް ރާއްޖެއާ ގާތް ގުޅުމެއް ބާއްވައި، ކަމެއް ދިމާވެއްޖެ ނަމަ އެންމެ ފުރަތަމަ އެހީތެެރިކަން ފޯރުކޮށްދޭ ގައުމުކަމުގައި ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ. އިތުރަށް ނިޒާރު ވިދާޅުވީ ވަތަނީ ފިކުރު ބޮޑުތަނެއްގައި އެމީހުންނާ ދެކޮޅަށް ކަމެއް ކުރަނަމަ އެތަނެއްގެ ރައްޔިތުންވެސް ރާއްޖެއާއި ދެކޮޅަށް ތެދުވާނެކަމަށެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ އިންޑީއާ އައުޓް ކެޕްމެއިނާއި ގުޅިގެން އެ މަނިކުފާނަށް ފާޑުވިދާޅުވެ ނިޒާރު ވަނީ އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނާއި ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅެއް އަޅައިފި ނަމަ އެކަމުގެ ގެެއްލުން ރައީސް ޔާމިނަށް ލިބިވަޑައި ނުގެންފާނެ ކަމަށް ވިދާޅުވެފައެވެ. ވަކި ގައުމެއް ގޯސްކަން، ރައްޔިތުންނަށް ބުނެދޭން މަސައްކަތްކުރެއްވުމުން ދޭހަވަނީ ރައީސް ޔާމީންގެ ޒިންމާދާރުކަން ކުޑަ މިންވަރުކަން ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ނިޒާރު ވިދާޅުވީ އިންޑިއާ އާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ހިންގަވާ އިންޑިއާ އައުޓް ކެމްޕޭނަކީ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށްވެ ހުރެ އެމަނިކުފާނު ހިންގަވާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި ހިލޭ އެހީ އާއި އެކި ގޮތް ގޮތަށް ލޯނުގެ އެހީ ދެމުން އަންނަ ގައުމަކާއި ރާއްޖެއާ އޮތް ގުޅުން ކިލަނބުކުރަން ރައީސް ޔާމިން މަސައްކަތް ކުރައްވަނީ ސިޔަސީ މަންފާއެއް ހޯދުމުގެ ނިޔަތުގައި ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ،

މީގެ އިތުރުން ނިޒާރު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ސީޔާސީ އެއްވެސް ބޭފުޅަކު އަދި ހާއްސަކޮށް ރައީސްކަން ކުރައްވާފަ ހުންނެވި ބޭފުޅަކު ކުރަން ރަނގަޅު ކަމެއް ނޫން ކަން ފާހަގަކުރައްވާފައެވެ،