English Edition
Dhivehi Edition

ވީ ވައުދުތަކާއި އެއްގޮތަށް މި ސަރުކާރުން ކުރިއަށް ގެންދާ ކަންކަން ފެނި، ބުނާނެ އެއްޗެއް ނޭންގި، ދައްކާނޭ ވާހަކައެއް ނެތުމުން ދެން އިދިކޮޅު ފަރާތްތަކުން ހަދަމުން ގެންދަނީ ބުހުތާނު ދޮގު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކޮންމެ ދުވަހަކު އާންމުކުރާ ރައީސްގެ ޖަވާބު ޕްރޮގްރާމްގައި މިއްޔެ އާންމުކުރި ވީޑިއޯއެއްގައި ރައީސް ވިދާޅުވީ މި ސަރުކާރުން ކުރަމުން ގެންދާ ކަންކަން ފެނި، އެކަމަށް ދޭނެ ޖަވާބެއް ނެތުމުން އިދިކޮޅު ފަރާތްތަކުން އަމިއްލަ އަށް ދޮގުތައް ހަދައި ވާހަކަތައް އުފަން ކުރަމުންދާ ކަމަށާއި ރިޔާސީ އިންތިހާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގައި ލިޔެފައިވާ ކަމަށާއި އެމަނިކުފާނަކީ އެއްވެސް ކަމެއް ފޮރުވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވި ދޮގު ހަދަނީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެމަނިކުފާނަކީ ދޮގު ހައްދަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ކޮންމެ ވާހަކައެއް ވެސް ދައްކަވަނީ މާތްﷲ ދެކެ ދެނެވޮޑިގެންވާނެކަން ހަނދާނުގައި ބަހައްޓައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ ކޮންމެ މައުޟޫއަކަށް ބަލާލި ނަމަވެސް ފެންނަނީ އިދިކޮޅު ފަރާތްތަކުން ކަންކަން އޮޅުވާލައި ވާހަކަތައް އުފަންކުރާ މަންޒަރުކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ދޮގުހަދާ، އޮޅުވާލައިގެން ރައްޔިތުންނަށް ދެރައެއް ދޭނޭ މީހެއް ނޫންކަމަށާއި މަސައްކަތް ކުރާނީ އަދި ކުރަމުން ގެންދަނީވެސް ރައްޔިތުންނަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އަޑުއިވޭ ކޮންމެ ވާހަކައެއް ތެދަކަށް ނުވެދާނޭ ކަމަށާއި އެހެން ކަމުން ތަނަކުން މީހަކު އަދި ވާހަކައެއް ދެއްކިޔަސް، ނުވަތަ ވާހަކައެއްގެ އަޑު އިވުނަސް އޭގެ ތެދު ދޮގު ބަލަންޖެހޭނޭ ކަމަށެވެ. އެހެނީ ދީނުގައި ވެސް ބާރުއަޅުއްވާފައިވަނީ އެކަން އެގޮތަށް ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.