އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން 5 އަހަރުގެ ދައުރުގެ ބޮޑުބައި ނުދަނީސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ޖެހޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމް އިން ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައަކީ ‘ހެޔޮ ކިޔައިގެން’ ދޫދެވޭނެ ކަންކަމެއް ނޫންކަމުގައެވެ. އެހެންކަމުން މުއިއްޒު ހުވާ ކުރެއްވުމާ އެކު އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ދެ ކަމަކީ އިންޑީއާ ސިފައިން ރާއްޖެއިން ބޭލުމާ ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަބުރާ ހޯދުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބޭނުމަކީ “ވިޗްހަންޓް” އަކަށް ނުކުމެ އެންމެންގެ މައްސަލަތައް ބެލުން ނޫން ކަމަށާއި، އެހެންނަމަވެސް ކަނޑުން ސަރަހައްދެއް ގެއްލުން ފަދަ ކަންކަމަކީ ދަޢުލަތަށް ލިބުނު ގެއްލުން ކަމަށެވެ، އަދި އެފަދަ ކަންކަން ކޮންމެހެން ވެސް ބެލެން ޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް މިނިވަންކަމާއިއެކު ނޭވާ ލެވޭހައި ހިނދެއްގައި މި ވާހަކަތައް ދައްކަވާނެކަމަށެވެ.