English Edition
Dhivehi Edition

‘ހުވަނދު’ މިބަސް ކަންފަތުގައި ޖެހިލުމުން ހަމަގައިމުވެސް ކުރެވޭ އިހުސާސްތަކަކީ އުފާވެރި އިހުސާސްތަކެކެވެ. ބައެއް ފަހަރު އިހުސާސްތައް ދަތުރުކޮށްލަނީ އެކި ކުލަކުލައިގެ ފިނިފެންމަލުގެ ބަގީޗާއަކަށެވެ. އެހެން ނޫނީ މީރުވަސް ދުވާ އެހެނިހެން މާމެލާމެލީގެ ބަގީޗާއަކަށެވެ. ނުވަތަ މީރުވަހުން އެއްވަސް ވެފައިވާ އެފަދަ އެހެން މަންޒިލަކަށެވެ. ހިތަށް ގެނެސްދޭނީ ތާޒާކަމެވެ. ހަމަޖެހުމެވެ. ހަށިގަނޑަށް އިހުސާސްކުރެވިގެންދާނީ އަރާމުކަމެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ ހުވަނދަކީ ކޮންމެ އިންސާނެއްގެ ހިއްސުތަކަށްވެސް ސީދާ އަދި އެހާމެ އަވަހަށް އޭގެ އަސަރުކުރުވާ އެއްޗެކެވެ. އެއިން މީހާގެ މިޒާޖަށާއި ދުޅަހެޔޮކަމަށް ސީދާ އަސަރުތަކެއްކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭ އެއްޗެކެވެ.

ދިވެހި ބަހުގެ ރަދީފުގައި ހުވަނދުގެ މާނައަކީ މީރުވަސް ނުވަތަ މީރުވަސްދުވާ ތަކެއްޗެވެ. ‘ހުވަނދު ފަރުވާ’އަކީ ގަސްގަހާގެއްސާއި މާމެލާމެލިން ނަގާ އަތަރާއި ހުވަނދު ބޭނުންކޮށްގެން ދެވޭ ފަރުވާއެވެ. ހުރިހާވެސް މާނައަކާއި އެބަހާއި ގުޅިފައިވާ އިހުސާސްތަކެއް ގެންގޮސްދެނީ ވޭންތަކަށް ތަސައްލީއެއް ގެނެސްދީ, ފިކުރުތަކުން ދުރުވެ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ މަންޒިލަކަށެވެ.

ދިވެހީރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކަކީ ‘ހުވަނދު ފުވައްމުލައް’ ވުޖޫދުވެގެންއައި ތަނެވެ. ބްރޭންޑުގެ ފަހަތުގައިވާ ސިކުނޑިއަކީ އެރަށަށް އުފަން މުހައްމަދު އަފްރާހްއެވެ. އަފްރާހުގެ ‘ހުވަނދު ފުވައްމުލައް’ގެ ދަތުރު ފެށިގެން އައީ ދިވެހި ބޭހުގައި ބޭނުންކުރާ ޕަތްޕިލާވެލީގައިވާ ތެލުގެ ޝިފާވެރި ސިފަތައް ދެނެގަތުމަށް އަފްރާހް ފެށި ޒާތީ މަސައްކަތަކުންނެވެ. އަމިއްލަ އަށް ތަހައްމަލު ކުރި ހަމުގެ މައްސަލައަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދައި އެކަމަށް ލުޔެއް ނުލިބުމުން އަފްރާހް ނެގި ފިޔަވަޅަކީ ‘ހުވަނދު ފުވައްމުލައް’ އުފަންވުމުގެ އަސްލެވެ. ޑޮކްޓަރީ ބޭސްވެރިކަމުން ލުޔެއް ނުލިބުމުން އަފްރާހް މިސްރާބުޖެހީ ހަކީމީ ބޭސްވެރިކަމުގެ ދިގު ތާރީޚެއް އޮތް އޭނާގެ އާއިލާގެ އެފަންނުން އޭނާއަށް ލިބިދޭނެ ފުރުސަތުތައް ދިރާސާކުރުމަށެވެ.

އަފްރާހުގެ މިތަޖުރިބާ ދަތުރު ވަރަށްވެސް ކާމިޔާބެވެ. އޭނާގެ ޚިދުމަތްތެރިކަމުގެ ސަބަބުން އޭނާގެ ހަމުގެ ހާލަތަށް ލުއި ދިނުމުގެ އިތުރުން މިފަދަ މައްސަލަތައް ތަހައްމަލުކުރަމުން އަންނަ އެހެން މީހުންނަށް ވެސް އުއްމީދީ ނަތީޖާތަކެއް ލިބިދެމުން އަންނަ ތެލެއް އޭނާ އުފެއްދި އެވެ. އޭނާގެ ހޯދުމުގެ ގާބިލްކަން އަމިއްލައަށް ދެނެގަނެ، ލިބުނު ފަހި ފުރުސަތެއްގެ ބޭނުން ހިފައި މި ތެޔޮ ރާއްޖެއިން ބޭރުގެ ލެބޯޓްރީއެއްގައި ވަރަށް ފުރިހަމައަށް އޭނާ ތަހުލީލުކުރުވިއެވެ. ތަހުލީލުގެ ނަތީޖާއެއްގެ ގޮތުގައި އެތެލަކީ ހަންގަނޑުގެ އެކި ކަހަލަ މައްސަލަތަކަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް (ކޮސްމެޓިކް އިންގްރިޑިއެންޓް) ގެ ގޮތުގައި ސައިންސްގެ އަލީގައިވެސް ސާބިތުކުރެވުނެވެ.

މިހާސިލުކުރެވުނު ކާމިޔާބީއާއެކު ‘ހުވަނދު ފުވައްމުލަކުގެ ދަށުން އުފައްދާފައިވާ މަރުކާ ތަމަނޫ އުފެދުނެވެ. މިއާއިއެކު އާންމުކޮށް ދިމާވާ ހަންގަނޑުގެ މައްސަލަތަކަށް ހާއްސަ ތެލަކާއި ނާރުގެ މައްސަލަތަކަށް ހާއްސަކުރެވިގެން ތަމަނޫ މަރުކާގެ ދަށުން 3 ބާވަތެެއްގެ ތަމަނޫ އުފެއްދުން ބާޒާރަށް ނެރެވުނެވެ. އެއީ:

1- ތަމަނު އޮއިލް (ހަމުގެ ފަރުވާ):

 

މިއީ އާންމުކޮށް ޖެހޭ ހަމުގެ ބަލިތަކަށް ފަރުވާއަކަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ ތެލެކެވެ. އެގޮތުން ހަމުގެ ފަށަލަތަކުގައި ޖަރާސީމު ހެދި ދުޅަވުމާއި (އެންޓި އިންފްލެމޭޓަރީ, ބެކްޓީރިއާ ތަކުގެ ސަބަބުން ހަންގަނޑަށް ދިމާވާ މައްސަލަަތަކަށް ފަރުވާ އަދި ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށް، އުމުރުން ދުވަސްވުން ލަސްކޮށްދީ، ކެންސަރުން ރައްކާތެރިކޮށްދޭ މާއްދާތައް ކަމުގައިވާ އެއެންޓި އޮކްސިޑެންޓް ފުނަގަހުގެ މަދުން ހަދާ މި ތެލުގައި ހިމެނެއެވެ.

މިތެޔޮ ހަންގަނޑުގައި އުނގުޅުމުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި ހަންގަނޑަށް ފަސޭހަކަމާއި އޮމާންކަން ލިބުމާއި އާ ޓިޝޫ އުފެއްދުމާއި ހަންގަނޑުގެ ސިއްޚަތު ރަނގަޅުކުރުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން ހަމުގެ އިންފްލެމެޓަރީ ބަލިތައް ކަމައްވާ ޑާމެޓައިޓިސް, ސޯރިއޯސިސް އަދި އެކްޒީމާއިން ރަނގަޅުވުމަށް އެހީވެދެއެވެ. އަދި އެކްނީ (އޮށާޅަ) އިން ސަލާމަތް ކޮށްދިނުމާއި ހަންގަނޑު އަވަހަށް ރަނގަޅުވުމަށް އެހީވެދިނުމުގެ އިތުރުން ބައެއްކަހަލަ ލަކުނުތައް ފިލުވައިދިނުމާއި ހަނގަނޑު ހިކުމުން ސަލާމަތްކޮށްދިނުމުގައިވެސް މިތެޔޮ އަދާކުރާ ދައުރު ބޮޑެވެ.

2- ތަމަނު ނިއުރޯޕަތީ (ނާރު ތެޔޮ):

ޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގައި ބޭނުން ކުރަމުން އައިސްފައިވާ މި ތެލަކީ ނާރުގެ ގޮށް ރަގަޅުކޮށް، ނާރުދޫކޮށް، އެކަންކަމާ ވިދިގެން އަންނަ އައްސިއަށް ޚާއްސަ ތެލެކެވެ. މިތެޔޮ ބޭނުންކޮށްގެން ނާރުގެ ގޮށް ރަގަޅުކޮށް، ނާރުދޫކޮށް، އެކަންކަމާ ވިދިގެން އަންނަ އައްސިއަށް ފަރުވާ ލިބެއެވެ.

3- ތަމަނު ސިއޭޓިކާ (އުރުގަންސާ ތެޔޮ):

މިތެލަކީ އުރުގަންސާ (ބުރަކަށީގެ ތިރިން ފައިގެ ކޮޅަށް ހުންނަ މައި ނާރު)ގެ ވޭނަށް ޚާއްސަ ތެލެކެވެ.

4- ތަަމަނު އެބްރިކޯޝަން:

މިއީ ޖެހިތަދުވާ ތަންތަނާއި ދުވަސްވީ ތަދުތަކާއި ކުޅިވަރުގެ ސަބަބުން ކުރިމަތިވާ ތަދުތަކަށް ބޭނުން ކުރާ ތެލެކެވެ.

މި އުފެއްދުންތަކަކީ ތަދުތަކާއި ނުތަނަވަސްކަމަށް ގުދުރަތީ ފަރުވާތައް ފޯރުކޮށްދިނުމަށް ހުވަނދު ފުވައްމުލަކުން ކުރާ މަސައްކަތުގެ ހެކިތައް ކަމުގައިވާއިރު ތަމަނޫގެ ހުށަހެޅުންތައް އެހާ ހިސާބުން އަދި ނިންމައެއް ނުލައެވެ. ހަމުގެ ފަރުވާއަށް ތަމަނޫ ތެޔޮ ބޭނުން ކުރަމުން އަންނަ ކަސްޓަމަރުންގެ ފަރާތުން އެ ތެލުގެ ވަހާއި މެދު ލިބުނު ބައެއް ފާޑުކިޔުންތައްވެގެން ދިޔައީ ތަމަނޫގެ އިތުރު އުފެއްދުންތަކެއްގެ އުފަންވުމަށެވެ. އެގޮތުން ތެލުގެ ވަސް ކަނޑުވާލުމަށް މާމެލާމެލީގެ ހުވަނދުން މީރުވަސް އެކުލެވޭ ތެޔޮ އުފެދިގެންއައެވެ. މީރު ވަހުން އެކަނި ފަރުޖައްސާލުމުގެ ބަދަލުގައި އަފްރާހް ވަނީ އެތެލުގެ ވަސް ކަނޑުވާލާ މީރު ހުވަނދުގެ ވަހަށް ބަދަލުކުރުމުގައި ބޭނުންކުރާ މާމެލާމެއްޔާއި ފަތްޕިލާވެއްޔަކީ ވަހުގެ އިތުރުން ބޭނުންކުރާ މީހުންނަށް އެހެނިހެން ފައިދާތަށްވެސް ލިބިދޭނެ ތެޔޮތަކެއްކަން ކަށަވަރުކޮށްފައެވެ.

އެގޮތުން މާވަސްތަކެއް އެކުލެވޭ ތިން ތެޔޮ ތަމަން ރެޑަންޓް، ތަމަން ކަމް، އަދި ތަމަން ސެރަނިޓީ ހުވަނދުންވަނީ ތައާރަފްކޮށްފައެވެ. މި ވަސްތަކަކީ ހަމައެކަނި ހިތްގައިމު މީރުވަސްތަކަކަށްވުރެ ސިކުނޑިއާއި ހަށިގަނޑަށް ހަމަޖެހުމާއި ބެލެންސް ގެނައުމަށް އެހީތެރިވެދޭ ވަސްތަކެކެވެ.

ހުވަނދު ފުވައްމުލަކުގެ ކާމިޔާބީއަކީ ސަގާފީ ޢިލްމާއި, ޢިލްމީ ދިރާސާތަކުގެ ބޭނުންކޮށް، ކުރިއަރުވައި، ޒަމާނީ ބޭނުންތައް ފުއްދައިދެމުންވެސް ސަގާފީ ތަރިކައަށް ޝަރަފުވެރިކަންދޭ އާ އުފެއްދުންތަކެއް އުފެއްދިދާނެ ގޮތުގެ ވިދާ މިސާލެކެވެ. އަފްރާހުގެ ތަސައްވުރަކީ އާންމު ބަލިތަކަށް ގުދުރަތީ ހައްލެއް ހޯދައިދިނުމުގެ އިތުރުން ހުރިހާ ދިވެހީންގެ ހެޔޮ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ކުރިއަރަމުން އަންނަ ވިޔަފާރިއަކަށް މަގުފަހިވެފައިވާ ވިޔަފާރިއަކަށް ހުވަނދު ފުވައްމުލައް އަބަދުވެސް ވެގެންދިއުމެވެ. ތަމަނޫ އުފެއްދުންތައް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީޓުކުރި މެދުވެރިކޮށް ހުވަނދު ފުވައްމުލަކުން އަންނަނީ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ގޭބިސީއަކަށް ޑެލިވަރީކޮށްދެމުންނެވެ.