އައްޑޫ ސިޓީ ކައުންސިލުން ޑރ މުހައްމަދު މުއިޒްގެ ޒައާމަތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީ ކައުންސިލުގެ މެޖޯރިޓީ އަކީ އެމްޑީޕީ ކަމަށްވެފައި، އަލަށް އިންތިހާބުވި ރައީސް އަށާއި ޕީއެންސީގެ ސަރުކާރަށް އެއްބާރުލުން ނުދޭނެ ކަމަށް ބުބެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
އެހެންނަމަވެސް މޭޔަރު ވިދާޅުވީ ކައުންސިލް ތަކުގެ ޒިންމާއަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮއްދިނުން ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން މުއިޒްގެ ޒައާމަތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ސަރުކާރާ ގުޅިގެން އައްޑޫގެ ތަރައްގީ އަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޔަގީންކަން އިންތިހާބީ ރައީސް އަށް ދެއްވާފައިވާނެ ކަމަށް ވެސް މޭޔަރ ނިޒާރު ވަނީ ވިދާޅުވެފައެވެ.
މޭޔަރ ނިޒާރު ވަނީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކައުންސިލާއި ގުޅުވައި ފިތުނަ ވެރި ދޮގުވާހަކަތައް ފަތުރަން މަސައްކަތް ނުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.
އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށާފައި ވާއިރު، އެސިޓީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަަނަށް އެ ސިޓީގައި ކުރިއަށް ގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ.
އިންޑީއާގެ އެފްކޯންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ދާ މި މަޝްރޫއުގައި އައްޑޫ ސިޓީއިން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު ހިއްކާ ނިމިފައި ވާއިރު މިހާރު ކުރަމުން ދާ މަސައްކަތަކީ އެ ސަރަހައްދުގެ ލޭންޑްސްކޭޕިން މަސައްކަތެވެ.
މީގެ އިތުރުން އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމާއި އައްޑޫ އަވަށްތަކުގެ މަގު ހެދުމުގެ މަސައްކަތްވެސް މި ސަރުކާރުން ކުރަމުން އަންނައިރު ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީގެ މުޅި ޖުމްލަ ނަތީޖާއަށް ބަލާއިރު މެޖޯރިޓީ ހޯދާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ.