English Edition
Dhivehi Edition

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް އައްޑޫ ސިޓީގައި ބާއްވައިފިއެވެ.

ފުލުހުން، އިސްނަގައިގެން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު އާއި ކައުންސިލަރުންގެ އިތުރުން ފުލުހުންގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ފުލުހުން ބާއްވާފައިވާއިރު، މި ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދުއިސައްތައަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ކުޑަކުދިންނަށް ދިމާވާ އެކިކަހަލަ އަނިޔާތަކާއި، ތިމާވެއްޓަށް އަލިއަޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ކުރެހުންތައް ދައްކާލުމަށް ސ.އަތޮޅު މަދަރަސާގައި މި މަހުގެ 18 ވަނަ ދުވަހު އާޓް އެގްޒިބިޝަންއެއް ބާއްވާފައިވާއިރު މި އެގްޒިބިޝަން ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ބޭއްވުމަށްވެސް ފުލުހުން ވަނީ ނިންމާފައެވެ. މީގެ އިތުރުން އިޖްތިމާއީ އެކި މެސެޖްތައް ހިމެނޭ ބިލްބޯޑްތައް ސިޓީގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމުގެ ގޮތުން ބިލްބޯޑް އިފްތިތާހުކުރުމަށް ހާއްސަ ހަފްލާއެއްވެސް ވަނީ ބާއްވާފައެވެ. މި ހަފްލާގައި ކުޑަކުދިންގެ ދުވަހާއި ގުޅޭ ގޮތުން ހާއްސަ ލަވައެއް ނެރުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި ކަލަރ ރަން ބާއްވާފައިވާއިރު މި ހަރަކާތުގައި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ، ކުޑަކުދިންގެ ދުވަހާއި ގުޅިގެން ފުލުހުން ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.