ބަލާލި ކޮންމެ ދިމާލަކުން ފެންނަމުން ދިޔައީ އުފާވެރި މަންޒަރެކެވެ. ހުދު ދޮންދޫނި ތަކެއް ފަދަ ތުއްތު ކުދިންތައް ހުދު ޓީޝާޓުގައި ތިބިއިރު ކޮންމެ ކުއްޖެއްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ. ގިނަ ދުވަސްތަކެއް ފަހު މައިންބަފައިންނާއި ގާތް އެކުވެރިންނާއެކު އެކު ބޭރުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކުދިން ތިބީ ކެތްމަދުވެފައެވެ. ވެހިކަލްތަކަށް ނުވަދެވޭ ގޮތަށް މަގުތައް ބަންދުކޮށްފައިވާއިރު މިނިވަން ކަމާއެކު ކުދިން އެކިކޮޅު ކޮޅު މައްޗަށް ދުވަމުން ދިޔައީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. ކުދިންގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުގެ ސަބަބުން މައިންބަފައިންވެސް ތިބީ އެ ވަގުތުކޮޅު އެ ކުދިންނަށް ހާއްސަކޮށް، އެ ކުދިން މިނިވަންކަމާއެކު ދޫކޮށްލާފައެވެ. “މަންމާ. އަދަކީ އަފިރިންގެ ދުވަސް ދީ” ތުއްތުކުއްޖަކު ކޮށްލި މި ސުވާލާއެކު މިފަދަ ދުވަހެއްގެ އިންތިޒާރުގައި އެކުދިން ތިބޭތާ ލައްކަ ދުވަސްވެއްޖެކަން އިހްސާސްކުރެވިގެން ދިޔައެވެ.
މިދައްކަނީ މިއަދު ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފުލުހުން އިސްނަގައިގެން ހުޅުދޫ މީދޫގައި ބޭއްވި ކަލަ ރަންގެ ވާހަކައެވެ. މިއީ ހުޅުމީދޫގައި ކުޑަކުދިންގެ ދުވަސް މިހާ ކުލަގަދަކޮށް ފާހަގަކުރާ ފުރަތަމަ ފަހަރެވެ. މިދުވަހުގެ މުނާސަބަތުގައި ފުލުހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކޮންމެ ހަރަކާތަކީ އެ ކުދިންނަށް މުޅިން އާ ތަޖުރިބާއެކެވެ. އާ ކަންތައްތަކެވެ. ޓީވީ އިން ނޫނީ ސޯޝަލް މީޑީއާ އިން ނޫނީ މިފަދަ ހަރަކާތްތަކެއް އެ ކުދިންނަށް ފެނިފައެއް ނުވެއެވެ. މިއީ އެފަދަ އުފާވެރި ތަޖުރިބާއެއް އެކުދިންނަށް ކުރެވުނު ފުރަތަމަ ފަހަރެވެ. އެކުދިން ތިބީ މިފަދަ އުފާވެރި އާކަންތައްތައް ބޭނުންވެފައިކަން އެންމެ ބޮޑަށް އެގިގެން ދިޔައީ ކަލަރ ރަންއަށް ކުދިން ދިން ޝައުގުވެރިކަމެވެ.
ކަލަރ ރަންގައި ހުޅުދޫ މީދޫގެ 100 އަށް ވުރެ ގިނަ ދަރިވަރުންނާއި ބެލެނެވެރިން ބައިވެރިވިއިރު މިއީ މި ދެ އަވަށުގައި ކަލަރ ރަން އެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެކި ކުލަތަކުން މުޅި މަގު ޖަރީވެފައިވާއިރު، ކުދިންގެ ހުދު ޓީޝާޓާއި މޫނުގައިވެސް ވަނީ ރީތި ޑިޒައިންތައް ހެދިފައެވެ.ބައެއް ކުދިން އުފާވެރިކަމާއެކު މައިންބަފައިންނާއި އާއިލާ މީހުންގެ ގެއަށް ކުލަޖަހަމުން ދިޔައިރު ސްކޫލްގެ ޓީޗަރުންނާއި ރަހްމަތްތެރިންގެ ގައަށް ކުލަޖެހުމަށްވެސް ބައެއް ކުދިން ހާއްސަ އިސްކަމެއް ދިނެވެ. ކޮންމެ ކުއްޖަކުވެސް އެކުއްޖަކު ދަންނަ އެންމެންގެ ގައަށް ކުލަ ޖަހަމުން ދުވަމުން ދިޔައިރު އެ ކުދިންގެ އެއްވެސް ހިޔާލެއް ފިކުރެއް ނެތެވެ. މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދުވެދުވެ އެ ކުދިން ވަރުބައްޔެއް ނުވިއެވެ.
ރަން ފެށުނުއިރު ކުދިން ދެއްކި ޖޯޝާއި ފޯރި އިތުރުވެގެން ދިޔައީ އެ ދައަވަށުގެ ކުދިންނަށް ތައާރަފްވެގެންދިޔަ މުޅިން އާ މޫނާ އެކުގައެވެ. އިއްޔެ ބޭއްވި ބިލްބޯޑް އިފްތިތާހުކުރުމުގެ ހަފްލާގައި ކުޑައިރުކޮޅަކަށް ފެނިގެން ދިޔަ ރޮބޯމޭން އާއި އެކު އެކުދިން ހޭދަކުރި އުފާވެރި ވަގުތުކޮޅު ތަކުރާރުކުރުމުގެ ފުރުސަތު މިއަދު އަނެއްކާވެސް ލިބިގެން ދިޔައެވެ. 2015 ވަނަ އަހަރު އުފަންވި މި ކެރެކްޓާ ހަމަލޮލުން ބަލާލުމުގެ ފުރުސަތު ކުދިންނަށް ލިބިގެން ދިއުންވެގެން ދިޔައީ އެ ކުދިންގެ ފެވެރިޓް ކެރެކްޓާގެ ލިސްޓަށް އާ ނަމެއް އިތުރުވެގެން ދިޔަ އުފަލަކަށެވެ. ރޮބޯމޭން އާއި އެކު ކުދިން ނަށަމުންދިޔައިރު އެ ފޯރީގައި ބައިވެރިނުވާ ބެލެނެވެރިއެއްވެސް ނެތެވެ،
އެއްވެސް ކުއްޖަކު ބާކީނުކޮށް މުޅި މުޖްތަމައު ބައިވެރިކޮށް ފުލުހުން މި ކުރި މަސައްކަތަކީ ހަގީގަތުގައިވެސް ވަރަށް ފުރިހަމަ، ތައުރީފް ހައްޤު މަސައްކަތެކެވެ. ކުދިންގެ ‘އަދަކީ އަފިރިންގެ ދުވަސް’ ގައި ހަގީގީ ކުލަޖައްސާލާދީ، ހުޅުމީދޫ އަށް އުފާވެރި އީދެއް ގެނެސްދިން ފުލުހުންނަށް ސާބަހާއި ޝުކުރު ހައްގެވެ.