މިއަދަކީ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުއެވެ. މި ދުވަހާ ގުޅިގެން ކުދިންނަށް ހާއްސަކޮށް ސްކޫލުތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ ސަރުކާރުގެ އިދާރާތަކުންވެސް ގިނަ ހަރަކާތްތަކެއް އަންނަނީ ބާއްވަމުންނެވެ. ކުދިން އުފާކޮށްދިނުމުގެ ބޭނުމުގައި ކުޑަކުދިންގެ ހަވީރާ، ކުދިންނަށް ހާއްސަކޮށް އެކި މުބާރާތްތައް ބާއްވަމުން އަންނައިރު މި ދުވަހާ ގުޅިގެން ހަދިޔާ ބަދަލުކުރުމުގެ ހަރަކާތްތައްވެސް އަންނަނީ ބާއްވަމުންނެވެ.
އެހެންނަމަވެސް މި އާޓިކަލްގައި ދައްކަން މިއުޅެނީ ކުޑަކުދިންގެ ދުވަހުގެ ވާހަކައެއް ނޫނެވެ. އަދި މި ދުވަހަށް ހާއްސަކޮށް ބާއްވާ ހަރަކާތްތަކުގެ ވާހަކައެއްވެސް ނޫނެވެ. ދައްކަން މިއުޅެނީ ‘ހަދިޔާ ބަދަލުކުރުމުގެ’ ވާހަކައެވެ. މިހާރު ކޮންމެ މުނާސަބު ދުވަހަކާ ގުޅިގެންވެސް ސްކޫލުތަކުގައި ވަރަށް ފޯރިއާއި އެކު ކުރަމުން އަންނަ ހަދިޔާ ބަދަލުކުރުމުގެ ހަރަކާތަކީ ކުރަން އެންމެ ރަނގަޅުކަމެއްތޯއެވެ؟ މި ހަދިޔާ ބަދަލުކުރުމާއެކު ކުދިންނަށް ލިބިގެންދަނީ އުފާވެރިކަން ތޯއެވެ؟ މިކަމުގެ ސަބަބުން ބެލެނެވެރިން ކުރިމަތިލާންޖެހެނީ ކިހާވަރެއްގެ ކަންތައްތަކަކާ ތޯއެވެ؟
ހަދިޔާ ބަދަލުކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ހަދިޔާއެއް ލިބުމަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންވެސް އުފާވާ ކަމެކެވެ. ހަދިޔާ ދިނުމަކީ ރީތި އާދައެއްގެ އިތުރުން ގުޅުން ބަދެހިވެގެންދާ ކަމެކެވެ. އެހެންނަމަވެސް މިހާރު ސްކޫލުތަކުން މިކަން ކުރާ ގޮތް ރަނގަޅޭ ބުނެވޭނެ ޖާގައެއް ނެތެވެ. ” ސްކޫލުން މި ބުނަނީ 15 ރުފިޔާ ނުވަތަ 20 ރުފިޔާގެ ހަދިޔާއެއް ގެންނަން. މި ޒަމާނުގަ އެ އަދަދަށް ރަނގަޅު ހަދިޔާއެއް ހެދުމަކީ އުދަގޫކަމެއް. އެކަމަކު ދެތިން ކުދިން ތިބޭ ޕޭރެންޓުންނަށް ވިސްނާލާއިރު މިއީ ހަމަ އެންމެ ރަގަޅު އަދަދުކަމަށްވެސް ވެދާނެ. ދެން މި އަދަދަށް ފިޓްވާ ހަދިޔާއެއް ހަދަން ބަލާއިރު ރަނގަޅު އެއްޗެއް ނުލިބުނީމަ ބައެއް ޕޭރެންޓުން ހަދާ ގޮތަކީ އެ ރޭންޖެއް ފިޓް ނުވިޔަސް ވަރިހަމަކަމަށް، ތަންކޮޅަށް އަގު ބޮޑު އެއްޗެހި އަޅާލަނީ. ބައެއް ޕޭރެންޓުން އެ އަދަދަށް ފިޓްކޮށްލަނީ. އެހާ ހިސާބުން ކުދިންގެ މެދުގައި ހިތްހަމަނުޖެހުންތައް އުފެދިގެންދަނީ” ސްކޫލުގެ ބެލެނެވެރިއަކު ބުންޏެވެ.
އާންމުކޮށް ސްކޫލުގައި ދޭ ހަދިޔާ، އެތަނުގައި ތިބެގެން ކުދިން ބަލަން ބޭނުންވެއެވެ. ހަދިޔާ ކަނޑާލާއިރު ބައެއް ކުދިންނަށް ވަރަށް ރަނގަޅު ހަދިޔާ ލިބެއެވެ ބައެއް ކުދިންނަށް އެއްގޮތަކަށްވެސް ކަމުނުދާ ނުވަތަ އެ ކުދިންގެ އުމުރާ ނުގުޅާ، ހަދިޔާ ލިބެއެވެ. “އަޅުގަނޑުގެ ދަރިފުޅަށް ލިބުނީ އެ ކުއްޖާ ނުވެސް ކާ އެއްޗެއް ހަދިޔާއަކަށް. ވަރަށް ދެރަވެގެން އުޅުނު. އަޅުގަނޑު ވަރަށް ވިސްނައިދިނިން އެކި ކުދިންނަށް ދެވޭނީ އަދި ލިބޭނީ އެކި އެއްޗެހިކަން. އެކަމަކު ކުޑަކުއްޖެއްވީމަ އެކަން ގަބޫލުކުރަން އުދަގޫވީ. އެކުވެރި ކުދިންނަށް ރަނގަޅު ހަދިޔާ ލިބިފަ އޭނައަށް ވަރަށް އާދައިގެ ކުޑަކުޑަ އެއްޗެއް ލިބުމުން އެކަން އެ ވަގުތު ބަލައިގަންނަން އުދަގޫވި” ކުރިން ވާހަކަ ދެއްކި ބެލެނެވެރިޔާ ބުންޏެވެ.
ކުދިން އުފާކޮށްދިނުމުގެ ބޭނުމުގައި ދިން ހަދިޔާއިން އެ ކުއްޖާއަށް ލިބިގެން ދިޔައީ އިތުރު ހިތްދަތިކަމެކެވެ. އެހާ ހިސާބުން ތިމާއަށް ލިބުނު ހަދިޔާ އާއި އެހެން ކުދިންނަށް ލިބުނު ހަދިޔާ އަޅާކިޔާލެވެނީއެވެ. “ސްކޫލުތަކުން މިކަން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ. ހަދިޔާ ބަދަލުކުރުން ރަނގަޅު. އެކަމަކު މިހާރު މި ހަދާ ގޮތަށް ވަކި ރޭންޖެއްގެ ތެރެއިން ހަދިޔާ ހެދުން ހުއްޓާލަންޖެހެނީ. ހުރިހާ ކުދިންނަށް އެއްކަހަލަ އެއްޗެއް ލިބޭ ގޮތަށް ސީދާ ގެންނަން ވީ ހަދިޔާ ބުނަންވީ. މިސާލަކަށް ހުރިހާ ކުދިންވެސް ވާހަކަ ފޮތެއް ހަދިޔާއެއްގެ ގޮތުގައި ޕާރުސަލްކޮށްގެން ގެންނާށޭ ބުނެފި ނަމަ އެންމެން ގެންނަނީ ވާހަކަ ފޮތް. އޭރުން ހުރިހާ ކުދިންނަށްވެސް ހަދިޔާ ލިބިފަ އަދި ކުދިންނަށް އެކައްޗެއް ލިބުނީ. ކުދިން އުފާވެ، ހިތްހަމަނުޖެހުމެއް ނައަންނާނެ.” ހަދިޔާ ބަދަލުކުރުމުގައި ހެދިދާނެ ރަނގަޅު ގޮތެއް ހިއްސާކުރަމުން ބެލެނެވެރިއަކު ބުންޏެވެ.
މިކަމުގައި ސްކޫލެކޭ އެއްފަދައިން ބެލެނެވެރިންގެ ޒިންމާވެސް ވަރަށް ބޮޑެވެ. ހަދިޔާއެއް ދޭއިރު ދީފައިވާ ރޭންޖަށް ފިޓްކުރަން ވިސްނަންޖެހެއެވެ. އަދި އެ އަދަދަށް ހަދިޔާއެއް ހަދާއިރު، އެއީ ކުއްޖާއަށް ބޭނުންތެރި ކުއްޖާއަށް އުފާވެރި ކުއްޖާގެ އުމުރާ ގުޅޭ ފަދަ ހަދިޔާއެއްތޯ ބަލަންޖެހެއެވެ. ކޮންމެއަކަސް. ހަދިޔާ ބަދަލުކުރާއިރު ވަކި ސައިޒެއްގެ ވަކި އަދަދަކަށް ފިޓްވާ ހަދިޔާ ގެންނަން ބުނުން ހުއްޓާލަންޖެހޭކަމަށް ގިނަ ބެލެނެވެރިން އެއްބަސްވެއެވެ. ކުދިންނަށް ހަދިޔާ ދޭންވީއެވެ. ހަދިޔާ ބަދަލުކުރަންވީ އެވެ. އެކަމަކު އެކަން ކުރަންޖެހެނީ ހުރިހާ ކުދިންނަށްވެސް ހަމަހަމަކަމާއެކު ކުރެވޭ ފަދަ ގޮތަކަށެވެ.