ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ މީހަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހު ބާއްވަން ނިންމައިފިއެވެ.
ށ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ދާއިރާއަށް ވާދަކުރާނެ އެމްޑީޕީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި ދުވަހު ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 10:00އިން ހަވީރު 5:00އަށް އެދާއިރާ ނިސްބަތްވާ ރަށުގެ އިތުރުން މާލޭގެ އެމްޑީޕީ ހަރުގޭގައެވެ.
ކޮމަންޑޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ފުރިހަމަ ކުރުމަށްފަހު މި މަހުގެ 21 ވަނަ ދުވަހުގެ 16:00 ކުރިން އެމްޑީޕީގެ އީމެއިލް ([email protected])އަށް ފޮނުވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު, މިދިޔަ ހޯމަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވެފައިވާއިރު އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.