ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި އައްޑޫސިޓީގެ މީދޫ ދާއިރާއަށް ވާދަ ކުރެއްވުމަށް މުޙައްމަދު ސޮބްރީ (ސޮބާ) ފޯމު ހުށަހަޅުއްވަވައިފިއެވެ.
2006 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވަވަމުން އަންނަ ޞޮބާ ޕްރައިމަރީގައި ވާދަކުރައްވަވަނީ “ދާއިރާގެ ދިރުމަށް” ސްލޯގަން އާއެކު ގައެވެ.
ފޯމް ހުށަހެޅުއްވުމަށް ފަހު އަމިއްލަ ދާއިރާގެ އެމްޑީޕީ މެމްބަރުންނާއެކު އިއްޔެ ހަވީރު މީދޫގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޞޮބާ ވިދާޅުވީ އެމްޑީޕީގެ މެމްބަރޝިޕް އިތުރުކުރުމަށާއި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އެހީވެ ޕާޓީގެ ފިކުރު ވަރުގަދަކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވަވާނެ ކަމަށެވެ. އަދި ހަމަ އެއާއެކު ޕާޓީ އިން ކޮންމެ ކެންޑިޑޭޓަކު ޓިކެޓް ކާމިޔާބު ކުރެއްވެވި ކަމުގައި ވިޔަސް އެކެންޑިޑޭޓަކަށް ތާއީދު ކޮށް މަޖިލިހުގެ މީދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވަވާނެ ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރެއްވުމަށް މާލެއާއި އަމިއްލަ ދާއިރާގައި ދޮރުން ދޮރަށް ކެމްފެއިން ކުރައްވަވަމުން މިހާރު ގެންދަވާއިރު ޞޮބާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނާއި އަދި އެހެން ކެންޑިޑޭޓުންނާއި ޓީމް ދައްކާ އެކުވެރިކަމާއި އެއްބައިވަންތަ ކަމަށް ޝުކުރުވެރިވާ ކަމަށެވެ.
“މީދޫ ރައްޔިތުން އަޅުގަނޑުގެ ގޮތުގައި ބަލައިގަތް ކަމީ އަޅުގަނޑުގެ މީދޫ ތަސައްވަރު ގެ މަންޒަރު އިތުރަށް ފުރިހަމަ ވެ އުއްމީދު ވަރަށް އާވެ ދާއިރާގެ ދިރުމަށް ލިބުނު އިތުރު ދިރުމެއް. އެކަމަށްޓަކައ ދާއިރާގެ މެމްބަރުންނަށް ޝުކުރުވެރިވަން” ޞޮބާ ވިދާޅުވިއެވެ.
އެމްޑީޕީގައި އިސް ސަފުގައި ހީވާގި ކަމާއެކު މަސައްކަތް ކުރައްވަވަމުން ގެންދަވާ ޞޮބާ އަކީ، މަސްތުވާތަކެތީގެ މައްސަލަތަކަށް ޙައްލު ހޯދައިދެއްވަވާ އެދާއިރާގައި ފާހަގަ ކޮއްލެވޭފަދަ ގިނަ މަސައްކަތްތަކެއް ރާއްޖެއާއި އަދި އަމިއްލަ ރަށުގައި ކުރައްވަވަމުން، ޔޫއެސް ރިކަވަރީ ކޯޗެއްގެ އިތުރުން ޕިއަރ ސަޕޯޓް ޕްރޮފެޝަނަލެއް ގެ ގޮތުގައި ކޮމިޔުނިޓީގައި މަސައްކަތް ކުރައްވަމުންއަންނަ ބޭފުޅެކެވެ.
އެމްޑީޕީގެ ޓިކެޓުގައ ދާއިރާގެ ގޮނޑިއަށް ހޮވިއްޖެނަމަ އެންމެ އިސްކަމެއްގެ ގޮތުގައި މަސައްކަތް ކުރައްވަވާނީ މަސްތުވާތަކެތީގެ މައްސަލައަށް އޮތް ޙައްލު ތަކަށް ވަކާލާތުކޮށް އެކަމުން މުޖުތަމައު ސަލާމަތް ކުރުމަށް މިހާރު ކުރާ މަސައްކަތް ވަރުގަދަކޮށް މަޖިލިހުގެ ތެރެއިން އެކަމަށް މަސައްކަތް ކުރުމަށް ކަމަށްވެސް ޞޮބާ ވިދާޅުވިއެވެ.
ޞޮބާއާއެކު މީދޫ ދާއިރާގެ ގޮނޑިއަށް، އެމްޑީޕީގެ ޕްރައިމަރީގައި އިތުރު 3 ބޭފުޅުން ވާދަކުރައްވަވައެވެ.