އައްޑޫސިޓީގެ މީދޫ އަކީ މަސައްކަތްތެރި، އިޖްތިމާއީގުޅުން ވަރުގަދަ، އިލްމީ ބޭފުޅުން ގިނަ، އަދި ތަނުގެ ކުރިއެރުމަށް މަސައްކަތް ކުރާ ފުދުންތެރި ރައްޔިތުން ތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގައި މީގެ ކުރިން މީހުން ސިފަކުރަމުން އައިތަނެކެވެ. އެހެނަސް ޒަމާނަށް އަންނަމުން ދާ އޮއިވަރާ އެކު މީދޫގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ ކުރިމަގު ކަމުގައިވާ ޒުވާން ޖީލު މަސްތުވާތަކެތީގެ ވަބާގައި ޖެހި ރަށުތެރޭގައި ވައްކަމާއި ފޭރުމާއި މާރާމާރީފަދަ އިޖްތިމާއީ މައްސަލަތައް ގިނަވަމުން ދިއުމެވެ. ނަފްސާނީ ގޮތުން ދުޅަހެޔޮ ޖީލޭ މިކިޔާ ޖީލު ނެތިފަނާވަމުން ދާ ކަމުގެ ބިރު ހީވުމެވެ. ކޮންމެ ސަރުކާރެއް އަޔަސް އަދި ކޮންމެ އިންތިޚާބެއް ބޯމަތި ވިޔަސް ރައްޔިތުން އެންމެ ބޮޑަށް އެދެމުން އަންނަ ކަމަކީ މިކަންތައްތަކަށް ހައްލު ހޯދައިދީ، އިހު އޮތްފަދަ އުފާވެރި މީދޫ އެއް ލިބޭނެ ފަދައިން ރަށުގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާން ސަލާމަތް ކޮށްދިނުމެވެ.
ތަފާތު ގިނަ އިންތިޚާބުތަކެއް ބޯމަތިވެ، ފަހަރަކު އިންތިޚާބެއް ނިމިގެން ދާއިރު، ކުރިމަތީގައި ދެން އޮތީ ރައްޔިތުންގެ މަޖިލިސް އިންތިޚާބެވެ. މަޖިލިސް އިންތިޚާބުގައި ސިޔާސީ ވާދަވެރި ޕާޓީތަކުން އެކިއެކި ތަސައްވަރު ތަކާއެކު ރައްޔިތުންނާ ބައްދަލު ކުރަމުން އަންނަ އިރު މީދޫގެ އިޖްތިމާއީ މި ބޮޑު މައްސަލައަށް ހޯދޭނެ ހައްލާއެކު އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ރައްޔިތުންނާއި ކުރިމަތިލާން ނިކުންނެވި އެއް ކެންޑިޑޭޓަކީ އެރަށަށް އުފަން ހުނަރުވެރި ބޭފުޅެއް ކަމަށްވާ މުޙައްމަދު ސޮބްރީ (ސޮބާ) އެވެ.
2006 ވަނަ އަހަރުން ފެށިގެން ސިޔާސީ ދާއިރާގައ އިސްކޮށް މަސައްކަތް ކުރައްވަވަމުން އަންނަ ސޮބާ ފާހަގަ ކޮށްލެވެނީ މަސްތުވާ ތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކޮށްދީ މުޖުތަމައަށް ނެރެދިނުމުގައި މުޅި ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ ފަދަ މަސައްކަތް ކުރައްވަވާ ފަރާތެއްގެ ގޮތުގައެވެ. ނަފްސާނީ ގޮތުން މީހުންނަށް ދިމާވެފައި ހުންނަ ފަރާތްތަކުގެ ވާހަކަ އަޑުއަހައި، އެ މީހުންނަށް ސައިކޯސޯޝަލް ސަޕޯޓް ދިނުމުގެ މަސައްކަތް ކުރައްވަވާ އެހީތެރިއެއްގެ ގޮތުގައެވެ. މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރުމުގެ މަސައްކަތާއި ގުޅުން ހުރި ގާނޫނުތައް ޑްރާފްޓްކޮށް އެކަންތައް އިމްޕްލިމެންޓްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެޑްވަކޭޓް ކުރައްވަވާ ހުނަރުވެރި ބޭފުޅެއްގެ ގޮތުގައެވެ.
އަމިއްލަ ރަށުގެ މަދަރުސާއިން ތައުލީމީ ޙަޔާތް ފެއްޓެވި ޞޮބާ އަކީ ސްކޫލްގައި ވެސް ލީޑަރޝިޕްގައި އިސްކޮށް އުޅުއްވި ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ސާނަވީ ތައުލީމަށް ފަހު ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިޔުޓިން އާއި އެޗް އާރުގެ ދާއިރާއިން ތައުލީމު ހާސިލް ކުރައްވަވައި އެދާއިރާގައި މަސައްކަތް ކުރެއްވުމަށް ފަހު ދިރިއުޅުމަށް އައި ބޮޑެތި ބަދަލު ތަކަކާ އެކު މަސްތުވާތަކެތީގެ ދާއިރާއިން ތައުލީމް ހާސިލްކޮށް، އިންޓަނޭޝަނަލް ސޮސައިޓީ އޮފް ސަބްސްޓެންސް ޔޫޒް ޕްރޮފެޝަނަލްސް (އައި އެސްއެސްޔޫޕީ) އިން ރިކަވަރީ ކޯޗް އަދި ރިކަވަރީ ދާއިރާއިން ތައުލީމް ޙާސިލް ކުރައްވަވާ ޞޮބާ ވަނީ އިންޓަނޭޝަނަލް ޔުނިވަރސަލް ރީކަވަރީ ސިލަބަސް ނިންމާފައެވެ. އަދި ޔޫއެސް ރިކަވަރީ ކޯޗް، ޕިއަރ ސަޕޯޓް ޕްރޮފެޝަނަލެއް ގެ ގޮތުގައި ކޮމިޔުނިޓީގައި މަސައްކަތް ކުރައްވަމުންނެވެ.
އަމިއްލަ ހަޔާތެއްފެށި ހިސާބުން ޞޮބާ ވިޔަފާރި އާއި ދިމާއަށް މިސްރާބުޖަހައި ހިތްވަރާއެއްކޮށް އެ މަސައްކަތް ފެށިއެވެ. ކުޑަގޮތަކަށް އޭރު ފެށި ރިސޯޓްސަޕްލައި، ހާޑުވެއަރ އާއި ލަކުޑި ވިޔަފާރި އާއެކު މިހާރު ޞޮބާގެ ވިޔަފާރި ކުންފުނި “ފިންސް ޕްރައިވެޓް ލިމިޓެޑް” އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރާ މަޝްހޫރު ކުންފުންޏެކެވެ. ހަމަ އެއާއެކު ފުޑްއެންޑް ބެވަރެޖް އާއެކު ޞޮބާވަނީ ޒުވާނުންގެ މެދުގައި މަގުބޫލު ޖަޕަނީޒް ބްރޭންޑެއް ކަމަށްވާ ރަމެން ހައުސްގެ ރަމެން ނޫޑްސް ކެފޭ އެއް ރާއްޖޭގައި ހުޅުވައި އެ ވިޔަފާރި ފުޅާ ކުރަން ފަށާފައެވެ. ހުޅުމާލޭގައި ހުޅުވި އައުޓްލެޓަށް ފަހު ޞޮބާ މިހާރު ގެންދަނީ މާލޭގައި ދެވަނަ އައުޓްލެޓް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.
ޞޮބާގެ ސިޔާސީ މަސައްކަތް ފެށިގެން ދިޔައީ މަލްޓިޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފްވި ހިސާބުންނެވެ. އޭރު މަޖިލިހުގެ މީދޫ ދާއިރާގެ ގޮނޑިއަށް ޑރ އަފީފް ވާދަކުރެއްވެވި އިރު ކެމްޕެއިންގައި ޞޮބާ ވަނީ އިސްކޮށް މަސައްކަތް ކުރައްވަވާފައެވެ. އޭގެ ފަހުން ކެމްޕެއިން ގިނަ ހަރަކާތްތަކެއްގައި އިސްކޮށް މަސައްކަތް ކުރެއްވެވި ޞޮބާ ވިދާޅުވީ ކެމްޕެއިންތަކުގެ ތެރެއިން ދާއިރާގައި ހުރި ގިނަ މައްސަލަތަކެއް އެނގިގެން ދިޔަ ކަމަށެވެ.
“ރަށުން ފުރައިގެން ދިޔަތާ 5 އަހަރު ފަހުން އެނބުރި ރަށަށް ދިޔައިރު ފާހަގަ ކުރެވުނު ވަރަށް ގިނަ މައްސަލަތައް. ކުޑަ އިރު ދިރިއުޅުނު އުފާވެރި، ރައްކާތެރި ވެއްޓެއް ނޫން ރަށުގައި އޮތީކީއެއް. މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ގިނަ. މީހުން ތިބެނީ ގޭގޭގެ ދޮރު ތަޅުލައި ބަންދުކޮށްގެން ބިރުވެރިކަމެއްގެ ތެރޭގައި. ރަށުތެރޭގައި ވައްކަމާއި ފޭރުން އެހާ ގިނަ” ޞޮބާ ކިޔައިދެއްވިއެވެ.
މަސްތުވާތަކެއްޗާއި ގުޅިގެން ސަބްކަލްޗަރ ގެ ގޮތުގައި އާލާވަމުން ދިޔަ މި މައްސަލަތަކަށް ޙައްލު ހޯދައި ދެއްވުމަކީ ޞޮބާގެ އެންމެ ބޮޑު އުއްމީދެވެ.
“އަމިއްލަ ވިޔަފާރިއާއި އާއިލާ ދޫކޮށް ސިޔާސީ ދާއިރާގައި ކެމްޕެއިން ޓީމުތައް ގޮވައިގެން އިސްކޮށް މަސައްކަތް ކުރުމުގެ އެއްބޭނުމަކީ ސޮސައިޓީއަށް ކަމެއް ކޮށްދިނުން. މީހުން އެހެންމީހުންގެ މަތިން ހަނދާން ހުންނަނީ މީހާގެ ޓައިޓަލް އަކަށް އަދި މުސާރައަކަށް ނޫން. ނަސްލަކަށް އަދި އަސްލަކަށް ނޫން. އެމީހެއްގެ ފުށުން މުޖުތަމައަށް ދިން އެއްޗެއް އެހެންމީހުން ހަނދާން ހުންނާނީ. އަޅުގަނޑަކީ އަމިއްލަ އެދުމެއް ނެތި އެހެންމީހުންނަށް ދޭ މީހެއް. އަމިއްލަ ނަފްސަށް މަސައްކަތް ކުރަން ފެށިފަހުން އަބަދުވެސް އަޅުގަނޑު މަސައްކަތް ކުރަނީ އަޅުގަނޑުގެ ފުށުން މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތަކެއް ކޮށްދެވޭތޯ” ޞޮބާ ކިޔައިދެއްވެވިއެވެ.
ކޮވިޑް 19 އާއި ގުޅިގެން ޕެންޑަމިކްގައި ވިޔަފާރި ހުއްޓުމަކަށް އައި ދުވަސްވަރު ޞޮބާ މަސައްކަތް ކުރެއްވެވީ އެ ޙާލަތުގައި، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންނަށް ދިމާވަމުން ދިޔަ މައްސަލަތަކަށް ހައްލު ގެނެސްދީ އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން ނެޝަނަލް ޑްރަގް އެޖެންސީގައި އާފްޓަރ ކެއަރ ކޯޑިނޭޓަރ އެއްގެ ގޮތުގައި ޞޮބާ މަސައްކަތް ކުރެއްވެވިއެވެ.
“ޕެންޑަމިކް ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ގަލޮޅު ދަނޑުގައި ޑިޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމުކޮށް 800 ވަރަކަށް މީހުންނަށް ކޮވިޑްތެރޭގައި ފަރުވާހޯދައިދީ އަދި ސެޝަންތައް ނަގައިދީ، މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރެދިނުމަށް މަސައްކަތް ކުރެވުނު”
ޕެންޑަމިކް ނިމުމުން ރައީސް ޞޯލިޙްގެ ސަރުކާރުގައި ރައީސްގެ ސީނިއަރ ސިޔާސީ މަގާމަކަށް ޞޮބާ ބަދަލުކުރެއްވިއެވެ. އެގޮތުން ފަރުވާގެ ނިޒާމުގައި އެންމެ އިސްބޭފުޅެއްގެ ގޮތުގައި ޞޮބާ ވަނީ މަސައްކަތް ކުރައްވަވާފައެވެ.
“ފުރަތަމަ ފަހަރު ރައީސް ޞޯލިޙްވެރިކަމަށް ވަޑައިގެންނެވި ފަހަރު ކެމްޕެއިންގައި އިސްކޮށް މަސައްކަތް ކުރިން. އޭރު މީދޫ ޒުވާނުން ހިތަދޫ އަށް ޔޫރިން ސްކްރީން ކުރުމަށާއ ފަރުވާ ސެޝަންތަކަށް ކުރަންޖެހޭ ދަތުރު ތަކުގެ މައްސަލަ އެއީ ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން. ކެމްޕެއިންގެ ތެރެއިން އެކަމަށް މަސައްކަތް ކޮށްފަހުން އެންޑީއޭގައި މަސައްކަތް ކުރި އިރު މީދޫގައި ޑިޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމު ކުރުމަށް އަދި ޕްރޮޖެކްޓް އިމްޕްލިމެންޓް ކުރުމަށް ގިނަ މަސައްކަތް ކުރެވުނު. އޭގެ ފަހުން މާލޭގައި މެތަޑޯންޕައިލެޓް ޕްރޮގްރާމް ލޯންޗް ކުރީ. އެ ޕްރޮގްރާމްގެ ދަށުން މީދޫގެ ޒުވާނުންނަށް މެތަޑޯން ފަރުވާ ލިބޭނެ ގޮތް އޭރުގެ ހޮސްޕިޓަލްގެ ސީއީއޯ އެކު ކުރެވުނު މަސައްކަތުން ފެށި ކުރިއަށް ގެންދެވުނު. ” ދާއިރާގެ ރައްޔިތުންނަށްޓަކައި ޞޮބާ އަށް މިހާތަނަށް ވެވުނު ކާމިޔާބު މަސައްކަތް ތަކާ ގުޅޭ ގޮތުން ކިޔައިދެއްވަމުން ވިދާޅުވިއެވެ.
މީގެ އިތުރުން ގއ. ވިލިނގިލީގައި ކޮމިޔުނިޓީ ބޭސްޑް ފެންވަރުގެ ނިޒާމް ފަށާފައިވަނީ އޭރު ޞޮބާ ކުރެއްވެވި މަސައްކަތުގެ ތެރެއިންނެވެ. އެއީ މަސްތުގެ އެކިކަހަލަ ވަބާގައި ޖެހިފައިތިބި މީހުން އެމީހުންގެ ރަށުގައި ، އާއިލާއާއި މުޖުތަމައުގެ ތެރޭގައި ތިބެ އެފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ ފަރުވާގެ ވައްތަރެކެވެ.
“ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން މުޅި ރާއްޖެއަށް ތައާރަފްކުރި އެމްޑީޕީގެ މަސްތުވާތަކެތީގެ ޕޮލިސީ ހެދުމުގެ މަސައްކަތް އަޅުގަނޑު ކުރިން. އަދި ކުޑަހުވަދޫގައި ޕޮލިސީ ލޯންޗް ކުރުމުގައި އަޅުގަނޑު ބައިވެރިވިން” ޞޮބާ ވިދާޅުވިއެވެ.
ޞޮބާ ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބާއި ހަމައަށް ދިޔައިރު މީދޫގައި އެކަނިވެސް އެކްޓިވްކޮށް މަސްތުވާތަކެތި ބޭނުންކުރާ ގާތްގަނޑަކަށް 50 ޒުވާނުން ތިބިކަމަށެވެ.
“މަސްތުވާތަކެތި ބޭނުންކުރުމަށްފަހު ހުއްޓާލާފައި ތިބި ޒުވާނުން އެބަތިބި ވަޒީފާގެ ފުރުސަތު ނުލިބިފައި. އެހެން އެވަނީ ގާނޫނީ ގޮތުން އެކަމަށް ހައްލެއް ހޯދިފައި ނެތުމުގެ ސަބަބުން. ވަށައިޖެހޭ ކޮމްޕްރިހެންސިވް ނިޒާމެއް ނެތް. ހުރިހާ ސަރުކާރަކުން ވެސް ވަރަށް ބޮޑަށް އިހުމާލުވެފައި އޮތް ދާއިރާއެއް މަސްތުވާތަކެތީ މައްސަލައަކީ. ސަބަބަކީ އެ މައްސަލަތަކަށް އެޑްރެސްކޮށް އަޑު އުފުލާނެ ބަޔަކު ނެތްކަން. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުން ތިބީ އެ ކަމަށް އެމީހުންގެ އަޑު އުފުލައި މަސައްކަތް ކުރެވޭނެ ޙާލަތެއްގައެއް ނޫން. ކޮންމެވެސް ބަޔަކު ނިކުމެ އެމީހުންނަށްޓަކައި މި މަސައްކަތް ކޮށްދޭން އެބަޖެހޭ” ޞޮބާ ކިޔައިދެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަކީ ގައުމީ މައްސަލައެއްކަމަށާއި ބޭރުގެ އެހީތެރިކަމާއި އެކު މިހާރު ރާއްޖޭގައި އޮތް ނިޒާމުގެ ތެރެއިން ކުރެވިދާނެ ކަންތައް އެނގޭ ކަމަށް ޞޮބާ ވިދާޅުވިއެވެ. އަދި އެންޑީއޭގައި މަސައްކަތް ކުރި އިރު މިހާރު އޮތް ގާނޫނަށް ގެންނަން ޖެހޭ އިސްލާހްތަކާއި ބެހޭގޮތުން މަސައްކަތް ވެސް ކުރެވުނު ކަމަށާއި އެހެނަސް މި މަޖިލިސް ނިމިގެން ދާއިރު އެ ގާނޫނު އިސްލާހަކަށް އަދި މަޖިލިހުގެ ތަޅުމަކަށް ނުދާކަން ޞޮބާ ފާހަގަ ކުރެއްވެވިއެވެ،
ޞޯބާ ވިދާޅުވީ ރައީސް ޞޯލިޙްގެ ސަރުކާރުގައި ކޮލަބްރޭޓިވް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އޭގެ ތެރެއިން ވެސް އަލަށް ޑިޒައިން ކުރި “ފަރުވާގެ ނިޒާމް ” ލޯންޗުކޮށް ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި އެ ޕްރޮގްރާމް ޑިޒައިން ކޮށް ޕްރޮގްރާމް ލީޑް ކުރީ ޞޮބާ ކަމަށް ވިދާޅުވިއެވެ.
“މިހާރު އެ ނިޒާމު އޮތީ މާލޭގައ އެކަނި. އަޅުގަނޑު ބޭނުން މީދޫ އަށް އަދި މުޅި ރާއްޖެއަށް ވެސް މި މަސައްކަތް ފުޅާކުރަން. މުޖުތަމައު ފެށޭ ހިސާބަކީ ގޭގޭގެ އާއިލާގެ ބަދަހި ކަމާއި. ބަދަހި އާއިލާއެއް އޮތިއްޔާ ބަދަހި މުޖުތަމައެއް އޮންނާނެ. ދުޅަހެޔޮ އާއިލާއެއް އޮތިއްޔާ ދުޅަހެޔޮ މުޖުތަމައެއް އޮންނާނެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހުންނަށް ދިމާވެފައިވާ މައްސަލަތަކަށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދޭން އަޅުގަނޑު އަބަދުވެސް ހުންނާނަން” ގެންނަން ބެނުންވާ ބަދަލު ތަކާގުޅޭ ގޮތުން ޞޮބާ ކިޔައިދެއްވެވިއެވެ.
މީދޫގައި ފަހަކަށް އައިސް ކެންސަރުގެ ބަލިމީހުން ގިނަވަމުން އަންނަ ކަމަށާއި އެކަމަށް ރަނގަޅު ދިރާސާއެއް ހެދިފައ ނެތްކަން ޞޮބާ ފާހަގަ ކުރެއްވެވިއެވެ. އަދި އެއީ ދުޅަހެޔޮ މުޖުތަމައަކަށް ކުރުން މުހިއްމު ކަމެއްކަމަށް ޞޮބާ ވިދާޅުވިއެވެ. ހަމަ އެއާއެކު މީދޫ އަކީ ދަނޑުވެރިކަން ކުރާ ރަށަކަށް ވުމާއެކު ދަނޑުވެރިންނަށް އެމީހުންގެ މަސައްކަތް ފުޅާ ކުރުމުގައި ބޭނުންވާ ކަންކަން ފެސިލިޓޭޓް ކޮށް އެ މަސައްކަތް ކުރިއެރުވުމަކީ ވެސް މުހިއްމު ކަމެއްގެ ގޮތުގައި ޞޮބާ ފާހަގަ ކުރެއްވެވިއެވެ.
“ދާއިރާގެ އިޖުތިމާއީ، ނަފްސާނީ މައްސަލަތައް ވަރަށް ސާފުކޮށް އަޅުގަނޑަށް އެނގޭ. އަދި އެކަން ހައްލު ކުރެވޭނެ ގޮތް ވެސް އެނގޭ. އެ ރިސޯސް ވެސް އަޅުގަނޑުގެ އަތުގައ އެބަހުރި. މީދޫ އަކީ ކުޑައިރު އޮތްފަދަ މީދޫ އަކަށް ވާން އަޅުގަނޑު ބޭނުން. ބިރެއް ނެތި އަމާން ކަމާއެކު މަގުމަތީގައ އާއިލާތައް އުފާވެރިކަމާއެކު އުޅޭނެ ފަދަ މާހައުލެއް ގާއިމު ވާތަން ދެކެން ބޭނުން. ހުރިހާ ކަމަކީ ފައިސާ ކަމަށް ނުބަލައި ގުޅިގެން މަސައްކަތް ކުރާ ބަޔަކު ދިރިއުޅޭ އުފާވެރި ތަނަކަށް މީދޫ ހަދަން ބޭނުން.” މީދޫ އާއި ގުޅޭ ގޮތުން ޞޮބާ ދެކޭ ތަސައްވުރަކީ ކޮބައިން ހާމަކުރައްވަވަމުން ކިޔައިދެއްވިއެވެ.
ޞޮބާ ވިދާޅުވީ އުމްރާނީ ގޮތުން ކުރަން ޖެހޭ ގިނަ މަސައްކަތް ތަކެއް މިހާރުގެ މެމްބަރު ރޮޒޭ ވަނީ މީދޫ އަށް ކޮށްދެއްވަވާފައި ކަމަށާއި ބޮޑަށް ފޯކަސް ކުރަން ބޭނުންވަނީ ނަފްސާނީ ދުޅަހެޔޮ ކަމާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ކަމަށެވެ.
“މީދޫގެ އެންމެންނަށް އެނގޭނެ އެކަމުގައި އިޚްލާސްތެރިކަމާއެކު އުޖޫރައެއް ނެތި އެމަސައްކަތް ކޮށްދޭނެމީހެއްކަން އަޅުގަނޑަކީ. މިހާތަނަށް އަޅުގަނޑު ވަނީ އެކަންތައް ކޮށްދީފައި އަދި ކޮށްދެމުން.”
ދުޅަހެޔޮ މުޖުތަމައެއް ގާއިމު ކުރުމަށް މަސައްކަތް ކުރެއްވުމުގެ އަޒުމުގައި “ދާއިރާގެ ދިރުމަށް” ސްލޯގަން އާއެކު ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރުމަށް ޞޮބާ މިހާރު ބޭނުންވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ވުމެވެ!!