English Edition
Dhivehi Edition
ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ޓްވިޓާ (މުޙައްމަދު އިސްމާއިލް)

އެންޓީކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކި ކުރުމަށް ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޮއިކޮޓް ކުރަން ނިންމައިފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނީ މަޖިލިސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ މެމްބަރުން މާލެއިން ބޭރުގައިވަނި ކޮށް އެ މެމްބަރުންނަށް ބައިވެރި ވުމުގެ ފުރުސަތު ނުލިބޭ ގޮތަށްކަމަށެވެ. އަދި މިޖަލްސާ ބާއްވަން ނިންމާފައިވަނީ މަޖިލީހުގައި އިދިކޮޅު ތަމްސީލުކުރާ މައިނޯރިޓީ އާއި މަޝްވަރާ ކުރުމެއް ނެތިކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ،

މައިނޯރިޓީގެ ބަހެއް ނުހޯދާ އެފަދަ ޖަލްސާއެއް ބާއްވައިގެން ބޮޑެތި ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ޚިލާފުކަމެއްކަން ފާހަގަކޮށް މި ބަޔާނުގައި ބުނެފައިވަނީ މިއީ ސަރުކާރުގެ ނުފޫޒު މިނިވަން މުއައްސަސާތަކަށް އިންތިހާއަށް އޮތްކަން ހާމަވެގެންދާ ކަމެއްކަމަށެވެ. އަދި އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމަކީ އެ މުއްއަސަސާގެ ބާރު ކަނޑުވާލާ، ޑިމޮކްރެޓިކް ހަމަތަކަށް މިސަރުކާރުން އެއްވެސް ކަހަލަ އިޙްތިރާމެއް ނުކުރާކަމުގެ ވަރަށް ބޮޑު ހެއްކެއްކަމުގައި މި ބަޔާނުގައިވަނީ ބުނެފައެވެ.

މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ތަޙްޤީޤީ އިދާރާއަކަށް ސަރުކާރުން މިހާރަށްވުރެ ވެސް ބޮޑަށް ނުފޫޒު ފޯރުވުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެ ބަޔާނުގައިވަނީ ސިފަކޮށްފައެވެ. އެހެންކަމުން މި ޖަލްސާ ކޯލިޝަނުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޮއިކޮޓް ކުރުމަށް ނިންމާފާވައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރަނީ ޒިންމާ އަދާ ނުކުރެވޭތީ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު އެވެ.