ސެޕްޓެމްބަރު 15، 2026 ގައި ބޭއްވުނު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ސިޔާސީ ހަރަކާތަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މެހުމާނެއްގެ ގޮތުގައި ވަޑައިގަތުމަކީ ދިވެހި ސިޔާސީ މައިދާނުގައި ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ ކަމެކެވެ۔ އެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ނަޝީދަށް މަރުހަބާ ދަންނަވައި އިހުތިރާމާއެކު ސަލާމް ކުރައްވާފައެވެ۔
އިދިކޮޅު މައި ޕާޓީގެ އިސް ވެރިޔަކު، ވެރިކަން ކުރާ ޕާޓީގެ ބޮޑު ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމުން، އެމްޑީޕީގެ ބައެއް އާންމު މެންބަރުންނާއި ސަޕޯޓަރުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ތާއިދުކުރާ ފަރާތްތަކާއި މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ މީހުންގެ ނުރުހުންވެސް ވަނީ ނަޝީދުއަށް އަމާޒުވެފައެވެ.
އެގޮތުން ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް އުފުލަންޖެހި އަދި ވަޒީފާތަކުން މީހުން ވަކިކުރަމުންދާ މި ދަނޑިވަޅު އިދިކޮޅު އެންމެ ބޮޑު ސިޔާސީ އިން މިފަދަ ހަފްލާއެއްގައި ބައިވެރިވުމަކީ ރައްޔިތުންގެ މޫނުމަތީގައި ޖެހި އެތިފަހަރެއްކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ. ސޯޝަލް މީޑިއާގައި މިކަމާއި ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކުން ބުނަމުން ދަނީ ސިޔާސީ ހުރިހާ ވެރިންވެސް ތިބެނީ ‘ސިއްރު ކޯލިޝަނެއް’ގައި ކަމަށާއި ރައްޔިތުން މަގުމައްޗަށް ނެރެ ކުޅެމުންދަނީ ހުސް ޑްރާމާކަމުގައެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ވަރުގަޑު ފާޑުކިޔުންތަކެއް ކިޔުއްވަމުން އަންނަ ދަނޑިވަޅެއްގައި، މިފަދަ ހަފްލާއަކަށް ވަޑައިގަތުމަކީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ ބާރު ކުޑަވެގެންދާނެ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރިއެވެ.

ނަޝިދު އަށް ތައުރީފުކުރާ ފަރާތްތަކާއި ވެރިކަން ކުރާ ޕީއެންސީގެ ސަޕޯޓަރުން ވަނީ މިއީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިންވެސް އެކުވެރިކަމާއި އިހުތިރާމް އިސްކުރުމުގެ ރޫހު ދެއްކުވައިދިން ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ގިނަ ބަޔަކު ވަނީ އެކަމަށް ތައުރީފުކޮށްފައެވެ۔ ސިޔާސީ ހިޔާލު ތަފާތުވުންތަކާ އެކުވެސް، ގައުމީ އަދި ޕާޓީތަކުގެ ރަސްމީ ދައުވަތުތަކަށް އިޖާބަދެއްވުމަކީ ރައީސް ނަޝީދުގެ ހުރި ސިޔާސީ ތަސައްއްރުކަން އަންގައިދޭ ކަމެއްގެ ގޮތުގައި އެމަނިކުފާނަށް ތައުރީފުކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
މީގެކުރިންވެސް ނަޝީދުއަކީ އިދިކޮޅު ސިޔާސީ ހަރާކަތްތަކަށް ލިބޭ ދައުވަތު ގަބޫލުކުރައްވާ ބޭފުޅެއްކަން ފާހަގަކޮށް ގިނަ ބަޔަކުވަނީ ދާދިފަހުން ތިނަދޫގައި ބޭއްވި ހަފްލާއެއްގައި ރައީސް އަބްދުﷲ ޔާމީން އާއި އެކުވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވާފައެވެ. މި ޒިޔާރަތަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ވާދަވެރިކަމުގެ ތެރެއިންވެސް އިހުތިރާމްކުރުމުގެ ސަގާފަތެއް ގާއިމުކުރުމަށް ލިބުނު މުހިންމު ފުރުސަތެއްކަމުގައެވެ.