ސަރުކާރު ހިންގާ ޕާޓީން ގައުމަށް ގެއްލުންވާ ފަދަ ނުރަނގަޅު ކަމެއް ކުރި ނަމަވެސް، ވަގުތުން ތެދުވެ އެ ވާހަކަ ދައްކައި އިސްލާހުކުރަން ބުނަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޒިންމާދާރު ސިޔާސީ މަސައްކަތެއްގެ އެންމެ މުހިންމު ބަޔަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ބަޔާންކޮށްދީ، ރަނގަޅު މަގު ދެއްކުން ކަމަށެވެ. އެހެންކަމުން ވެރިކަން ކުރާ ފަރާތުން ކުރާ ކަންކަމުގައި ވެސް ކުށެއް ނުވަތަ ގައުމަށް ގެއްލުންވާ ފަދަ ކަމެއް ފެނިއްޖެ ނަމަ، އެކަމަކާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ސިޔާސީ ގޮތުން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ސިޔާސީ މައިދާން ފުރޮޅެމުން އައި ގޮތުން ޒުވާނުންނަށް އެ މަސައްކަތް ސިފަވެފައި އޮތީ ހަޑި އަދި ގާތްވާން ވެސް ނުވާ އެއްޗެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ހަގީގީ ސިޔާސީ މަސައްކަތުގައި ނުރަނގަޅު ކަންކަން ހުންނަން ނުޖެހޭނެ ކަމަށާއި، މި ވިސްނުން ބަދަލުކުރެވޭނީ ގައުމީ މަސްލަހަތު އެންމެ ކުރިއަށް ނެރެގެން ކަމަށް ވެސް ވިދާޅުވި އެވެ.
“އެންމެ ފުރަތަމަ ގައުމު އިސްކުރަންޏާ ދާނީ ދިވެހީންގެ ރާއްޖެއަށް. އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ސިޔާސީ މަސައްކަތް ކުރާނަމަ ވަރަށް ސާފުތާހިރު ސިޔާސީ މަސައްކަތެއް އެއީ،” ގައުމު އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވި އެވެ.
ސިޔާސީ ފިކުރު ތަފާތުވެ އެކި ޕާޓީތަކަށް މީހުން ނިސްބަތްވުމަކީ މައްސަލައެއް ނޫން ކަމަށާއި، އެހެން ނަމަވެސް އެންމެންނަކީ ވެސް ފުރަތަމަ ދިވެހިންކަން ހަނދާންކުރަން ޖެހޭނެ ކަމަށް ރައީސް ބަޔާންކުރެއްވި އެވެ. އަދި ކޮންމެ ފިކުރެއްގައި ހުރި ނަމަވެސް ގައުމަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުން ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.