އައްޑޫގައި ހިންގާ އިކޯ ޓޫރިޒަމް މަޝްރޫއުއަށް އިންޑިއާއިން 11.4 މިލިއަން ރުފިޔާ ދީފި އެވެ.
އިންޑިއާގެ އެހީގައި އިކޯ ޓޫރިޒަމް “ހައި އިމްޕެކްޓް ކޮމިއުނިޓީ ޑީވެލޮޕްމަންޓް ޕްރޮޖެކްޓްސް”ގެ ނަމުގައި ހިންގާ މަޝްރޫއު އަށް ބޭނުންވާ ފައިސާގެ ތިން ވަނަ އިންސްޓޯލްމަންޓު ދީފައިވާއިރު މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ ދެ ވަނަ އިންސްޓޯލްމަންޓު ވަނީ މީގެ ކުރިން ސަރުކާރާއި ހަވާލުކޮށްފައެވެ. މި ގޮތުން ދެވަނަ އިންސްޓޯލްމަންޓުގެ 11.49 މިލިއަން ރުފިޔާ ސަރުކާރާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހާރުގެ ޖުލައި މަހު ތެރޭގައެވެ.
އިންޑިއާ ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ މި މަޝްރޫއުގެ ސަބަބުން އައްޑޫގައި ވަޒީފާގެ ފުރުސަތު އިތުރުވާނެ ކަަމަށެވެ.
އިންޑިއާ އާއި ރާއްޖެއާއި ދެމެދު ސޮއިކުރެވުނު އިކޯ ޓޫރިރިޒަމްގެ އެއްބަސްވުމުގެ ދަށުން އައްޑޫގެ ފަސް ސަރަހައްދެއްގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމާ އެކަމުގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި އެއްބަސްވުމުގެ ދަށުން މަޝްރޫޢުތަށް ކުރިއަށް ގެންދަނީ ހިތަދޫ، ފޭދޫ މަރަދޫގެ އިތުރުން މީދޫ އަދި ހުޅުދޫގައެވެ،
ކޮމިއުނިޓީ ބޭސްޑް އިކޯ ޓޫރިޒަމް ތަރައްޤީ ކުރުމުގެ މަޤްސަދުގައި ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތުގެ ތެރެއިން ހިތަދޫ ފަޅޯ ދަނޑިފަންނުގައި ޓޫރިޒަމް ޒޯން ޤާއިމު ކުރުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖީކޭ ޑިވެލޮޕްމަންޓާއި ހަވާލުކޮށްފައިވަނީ 150 ދުވަސް ތެރޭ ނިންމުމަށެވެ. މި މަޝްރޫއުއަށް ޖުމްލަ 6.9 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.
މަރަދޫ ވެންބޮޅަފިށި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އާއި، ފޭދޫ ދިގިހެރަ އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން ޤާއިމު ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ، އައިރިން އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއެވެ. މަރަދޫ ވެންބޮޅަފިށީގައި އިކޯ ޓޫރިޒަމް ތަރައްޤީކުރުމަށް 3.9 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާއިރު ފޭދޫ ދިގިހެރަ ތަރައްޤީކުރުމަށް 5.6 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ހުޅުދޫ މާފިށިގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން އަދި މީދޫ މުލިމަތި ޒޯން ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިދެ ޒޯންގެ މަސައްކަތް 45 ދުވަސް ތެރޭ ނިންމަން ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން މީދޫ ޒޯނަށް 3.5 މިލިއަން ރުފިޔާ ޚަރަދު ކުރާއިރު، ހުޅުދޫ ޒޯނަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވަނީ 3.7 މިލިއަން ރުފިޔާއެވެ.