އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ސިޓީގައި 8000 އެނދު ގާއިމުކުރުމަށް، ހިފައިފައިވާ އަމާޒަށް ވާސިލްވެވޭނެ ކަމަށް އައްޑޫ ސިޓީ ގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި 8000 އެނދު ތަރައްގީ ކުުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް މިހާރު މަސައްކަތައް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ހިތަދޫ ޓުއަރިޒަމް ޒޯން، ފޭދޫ ޓުއަރިޒަމް މަރަދޫ ޓުއަރިޒަމް ޒޯންގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި އެއީ ގާތްގަނޑަކަށް 1200 އެނދުކަމަށެވެ. އަދި ލިންކް ރޯޑަށް ގެންނަ ބަދަލާއެކު ހަންކެޑެ ރިސޯޓަށް 1000 އެނދު އިތުރު ވެގެންދާނެކަމަށްވެސް އަލީ ނިޒާރު ވިދާޅުވިއެވެ. މީގެ އިތުރުން ގަމުގައި އިތުރު ހޮޓަލެއް އަޅަން ނިންމައި ބިޑިންގެ މަސައްކަތްތައް ކުރިއަށްދާކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.،
އައްޑޫގެ ފަސް ރަށެށްގައި މިހާރުވެސް ބިން ހިއްކުމުގެ މަސައްކަތްކުރިއަށްދާ ކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ އޭރުން ކޮންމެ ރަށަކަށް އަށް ހެކްޓަރުގެ ބިން ލިބިގެންދާނެކަމަށެވެ.
އަލީ ނިޒާރު މިހެން ވިދާޅުވެފައިވާއިރު އައްޑޫ ސިޓީގެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ކޮވިޑް19 އާއި ގުޅިގެން ޝަންގްރިއްލާ ވިލިނގިލި ރިސޯޓާއި ކެނެރީފް އައިލޭންޑް ރިސޯޓު ބަންދު ކުރުމަށްފަހު އެ ދެ ރިސޯޓް އަދިވެސް ހުޅުވޭނެ ވަކި ތާރީހެއް ނޭގުމެވެ. ސަރުކާރުން ވަނީ މި ދެރިސޯޓު އަލުން ހުޅުވުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް މި ދެ ރިސޯޓު ހުޅުވޭނެ ވަކި ތާރީހެއް ސަރުކާރުން އިއުލާންކޮށްފައެއް ނުވެއެވެ.