އައްޑޫގެ ޓޫރިޒަމް ޒޯނުތަކުގައި ގެސްޓް ހައުސް އާއި ޓޫރިސްޓް ހޮޓާ ހިންގުމަށް 23 މީހަކަށް ކުލީ ބިންތައް ދޫކޮށް، އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.
ބީލަން ކާމިޔާބުކުރި މީހުންނާއެކު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި ބިންތައް ކައުންސިލުގެ ފަރާތުން ޙަވާލުކޮށްދެއްވީ، މޭޔަރު ޢަލީ ނިޒާރެވެ.
ކައުންސިލުުން ބުނީ މިމަޝްރޫޢޫގެ ދަށުން އައްޑޫގެ 5 ސަރަހައްދެއް ފަތުރުވެރިކަމަށް ތަރައްޤީ ކުރާކަމަށާއި އޭގެތެރެއިން މިފަހަރު ބިން ދޫކޮށްފައިވަނީ ހިތަދޫ ޓުއަރިޒަމް ޒޯނުން 6 ބިމާއި ފޭދޫ ޓުއަރިޒަމް ޒޯނުން 2 ބިމާއި ހުޅުދޫ ޓުއަރިޒަމް ޒޯނުން 8 ބިން އަދި މީދޫ ޓުއަރިޒަމް ޒޯނުން 7 ބިމެއް ކަމަށެވެ.
މިއީ މިމަޝްރޫޢުގެ ދަށުން އައްޑޫން ފަތުރުވެރިކަމަށް ބިން ދޫކުރާ 3ވަނަ ފަހަރެވެ. އައްޑޫން މީގެ ކުރިން ވަނީ ޓޫރިޒަމަށް 3،000 އަކަފޫޓުގެ ފަސް ބިމަކާއި 5،000 އަކަފޫޓުގެ ބިމެއް އަދި 2،400 އަކަފޫޓުގެ ދެ ބިން ވެސް ދޫކޮށްފަ އެވެ.
އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރު ހާއްސަ ކޮންސެޕްޓެއް ވެސް އެކުލަވާލައިފަ އެވެ. އައްޑޫގައި އަލަށް ތަރައްގީކުރަން ރާވާފައިވާ ރިސޯޓުތަކާއި ހޮޓާތަކާއި އަދި އަވަށްތަކުގެ ޓޫރިޒަމް ޒޯންތަކުގެ ޕްލޭން ވެސް އެ ކޮންސެޕްޓްގައި ހިމަނާފައިވެ އެވެ.
އައްޑޫގައި ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދެކެވެ.