2022 އާއި 2023 ނިމިގެންދާއިރު އައްޑޫސިޓިގެ ޓޫރިޒަމް ޒޯންތަކުން އެކަނިވެސް 5000 ހާއި ގާތަށް އެނދު އުފެެއްދޭނެ ކަމަށް އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
2022 ވަނަ އަހަރަށް އައްޑޫސިޓީގެ ތަސައްވަރާއި ގުޅޭ ގޮތުން “އޭއޯ ނިއުސް” އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި މޭޔަރ ނިޒާރު ވިދާޅުވީ އައްޑޫސިޓީގެ އިގްތިސާދު ރަނގަޅު ކުރުމުގެ ގޮތުގައި އައްޑޫސިޓީގެ ޓޫރިޒަމް ރަނގަޅު ކުރުމަކީ އަދި އާންމު ރައްޔިތުން ޓޫރިޒަމް ދާއިރާގައި ހިމަނައި އާންމު ރައްޔިތުންގެ ހިއްސާ އޮންނަ ގޮތަށް ޓޫރިޒަމް ތަރައްގީކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެމަސައްކަތް ކުރުމަށް ކައުންސިލުން ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން އައްޑޫގެ 5 ސަރަހައްދެއްގައި ޓޫރިޒަމް ޒޯން ތަރައްގީކޮށް ކުރިއަށް ދާކަމަށާއި ޒޯން ތަކުގެ ލޭންޑް ސްކޭޕިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.
“ފެނާއި ކަރަންޓް ލުމުގެ މަސައްކަތް ފެނަކައިން ދަނީ މިހާރު އެދަނީ ކުރަމުން. ބައެއް ޒޯން ތަކުގައި އާންމު ފަރާތްތަކަށް ލިބިފައި ހުރި ޕްލޮޓްތަކުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް އެބަދޭ. އެހެންވީމާ ގަބޫލު ކުރެވެނީ 2022 އާއި 2023 ނިމިގެންދާއިރު އައްޑޫސިޓިގެ ޓޫރިޒަމް ޒޯންތަކުން އެކަނިވެސް 5000 ހާއި ގާތަށް އެނދު އުފެެއްދޭނެ ކަމަށް” މޭޔަރ ވިދާޅުވިއެވެ.
އިތުރަށް މޭޔަރ ވިދާޅުވީ އައްޑޫސިޓީގެ އެއާޕޯޓު ތަރައްގީވެގެން އަންނާނީ އައްޑޫސިޓީގެ ޓޫރިޒަމް ތަރައްގީވެވިގެން ކަމަށާއި އެގޮތުން 8000 (އަށްހާސް) އާ ގާތަށް އެނދު ތަރައްގީކުރުމަކީ ސަރުކާރުގެ ވެސް އަދި އައްޑޫސިޓީ ކައުންސިލްގެ ވެސް ޕްލޭނެއް ކަމަށެވެ.
ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓިގެ ބަންދުކޮށްފައި އޮތް 2 ރިސޯޓާއި ގުޅޭގޮތުން މޭޔަރ ވިދާޅުވީ ހެރެތެރެ ރިސޯޓު ހުޅުވުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެންމެ ލަސްވެގެން ޖެނުއަރީ 15 ގައި އެރިސޯޓު އޮންނާނީ ހުޅުވިފައިކަމަށެވެ. އަދި ޝަންގްރިއްލާ ރިސޯޓުގެ މަސައްކަތް ވެސް މިހާރު މިވަނީ ފެށިފައި ކަމަށާއި އެތަން ވެސް އަވަހަށް ހުޅުވޭތޯ ބަލަމުންދާ ކަމަށެވެ.
“މިހުރިހާ މަސައްކަތާ އެއްކޮށް އައްޑޫގެ ބިން ހިއްކައި ނިމޭއިރު އައްޑޫގައި 5 ރަށެއް ޓުއަރިޒަމަށް އުފައްދާނެ. މީގެ ތެރެއިން ވެސް އައްޑޫގެ ޓޫރިޒަމްގެ ސިނާއަތަށް ވަރަށް ބޮޑު ފައިދާ ތަކެއް ލިބިގެން ދާނެ” މޭޔަރ ނިޒާރު ވިދާޅުވިއެވެ.