English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލް ކައިވެނި ކޮށްފިއެވެ.

ރާޖަސްތާނުގެ ސަވާއީ މަދޫޕޫރުގެ ފޯޓް ބަރްވަރާގައި ސިކްސް ސެންސަސްގައި ބޭއްވި މި ކައިވެނީގެ ހަފްލާއަކީ ފަހުގެ ތާރީހެއްގައި ބޮލީވުޑްގެ ތަރިއަކު ބޭއްވި އެންމެ ސެކިއުރިޓީ ވަރުގަދަ ‘ސިއްރު’ ކައިވެންޏެވެ. މި ދެ ތަރިންގެ ކައިވެނި ހަފްލާއަށް ދިޔަ މީހުންނަށް ފޯނު ބޭނުން ކުރުން މަނާކޮށްފައިވާއިރު، ކައިވެނީގެ ފޮޓޯތައް ނެގުންވެސް ވަނީ މަނާކޮށްފައެވެ.

މި ކައިވެނީގެ އެއްވެސް ފޮޓޯއެއް އަދި މިހާތަނަށް މީޑިއާއަށް ލިބިފައިނުވާއިރު މި ކައިވެނީގެ ހަފްލާގައި ބައިވެރިވި މެހެމާނުންގެ ލިސްޓުވެސް ވަނީ ސިއްރުކޮށްފައެވެ. ކެޓްރީނާ އާއި ވިކީ މިހާ ‘ސިއްރު’ ކައިވެންޏެއް ކުރަންޖެހުނު ސަބަބާއި ބެހޭ ގޮތުން ގިނަ ބަޔަކު ސުވާލުކުރަމުން އަންނައިރު، ކައިވެނީގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާންގެ ބޮޑީގާޑް ގެންދިއުމުންވެސް ގިނަ ބައެއް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ކެޓްރީނާއާއި ވިކީ ގެ ކައިވެނީގެ ރަސްމިއްޔާތުތައް ނިމި ހަނީމޫނަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު މިކަމާއި ގުޅޭ އިތުރު ތަފްސީލެއްވެސް އަދި މީޑިއާގައި ހާމަކޮށްފައެއް ނުވެއެވެ.