ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޒުވާނުން އިސްނަގައިގެން އަންނަ ހޮނިހިރު ދުވަހު ސައިކަލު ބުރެއް ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެމްގެ ޒުވާނުންގެ ގޮފީގެ މެމްބަރު ހުސައިން ނާއިސް ވިދާޅުވީ ޒުވާނުން އިސްނައިގެން ބާއްވާ މި ސައިކަލު ބުރަކީ ރައީސް އަބްދުﷲ ޔާމީން މިނިވަންވަޑައިގަތުމުން އުފާފާޅުކުރުމުގެ ގޮތުންނާއި އަދި އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަވާތީ އަޑު އުފުލުމުގެ ގޮތުން ބާއްވާ ސައިކަލު ބުރެއް ކަމަށެވެ.
އަންނަ ހޮނިިހިރު ދުވަހު ހަވީރު 03:45 ގައި ޕީޕީއެމްގެ އޮފީސް ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ މި ސައިކަލު ބުރުގައި ވިހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެ ކޯލިޝަނުގެ ޒުވާނުންގެ ގޮފިން ވަނީ އެދިފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް “އިންޑިއާ އައުޓް”ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ހިންގަމުން އަންނަ ހަރަކާތްތައް ފުޅާކުރަމުން އަންނައިރު ރައީސް ޔާމީންވެސް ވަނީ މި ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ، މި ގޮތުން މި ހަރަކާތް އަތޮޅު ތެރޭގައި އިތުރަށް ފުޅާކުރުމަށް ރައީސް ޔާމީން އާއި ޕީޕީއެމްގެ ލީޑާރ ޝިޕުން ރާއްޖޭގެ އެކި ރަށްތަކަށް ޒިޔާރަތް ކުރުމަށް ވަނީ ނިންމާފައެވެ.