މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރާ ގާނޫނުއަސާސީގެ 6 ވަނަ އިސްލާހު ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް، ވެރިކަންކުރާ ޕީއެންސީން މަރުހަބާ ކިޔައިފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަކީ އެއްވެސް އަސާސީ ހައްގަކަށް އުނިކަން އަންނާނެ ކަމެއް ނޫންކަން ކޯޓުގެ ހުކުމުން ކަށަވަރުވެފައިވާ ކަމަށެވެ.
ޕީއެންސީން ބުނި ގޮތުގައި އެންޓި-ޑިފެކްޝަން ގާނޫނަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރެސީތަކުގައިވެސް އަމަލުކުރާ އިންޓަނޭޝަނަލް އުސޫލެކެވެ. މި އިސްލާހުގެ ސަބަބުން މަޖިލީހުގެ އިސްތިގުރާރު ހިފެހެއްޓި، ސިޔާސީ ޕާޓީތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ޕާޓީން ބުންޏެވެ. އަދި މީގެ ސަބަބުން އިންތިހާބީ މެންޑޭޓަށް ބަދަލެއް ނާންނާނެކަން ކޯޓުން ސާފުކޮށްދީފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން މަޖިލީހުން ފާސްކުރި މި ބަދަލަކީ ސިޔާސީ މައިދާނުގައި ހިނގާ ކޮރަޕްޝަން ހުއްޓުވައި، މަޖިލީހުގެ ނަޒާހަތްތެރިކަން ކަށަވަރުކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޕީއެންސީން ބުންޏެވެ. އެ ޕާޓީން އިތުރަށް ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވިސްނުންފުޅަކީ ސިޔާސީ ނިޒާމު އިސްލާހުކޮށް ގައުމަށް ހަމަޖެހުމާއި ތަރައްގީ ގެނައުން ކަމަށެވެ.