English Edition
Dhivehi Edition
ޕީއެންސީ ޕްރައިމަރީގެ ތެރެއިން
ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގައި 11،300 އަށް ވުރެ ގިނަ މީހުން ވޯޓު ލައިފިއެވެ.
މިއީ ސީދާ ޕްރައިމަރީއެއްގައި މިހާ ގިނަ ބަޔަކު ވޯޓުލީ ފުރަތަމަ ފަހަރު ކަމަށާއި މިއީ ރެކޯޑެއް ކަމަށް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވިއެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދިޔަ މި އިންތިހާބުގައި 44 ދާއިރާއެއްގެ ޕްރައިމަރީ ވަނީ ބާއްވާފައެވެ. މާލޭގައި ރަށްރަށުގެ ވޯޓު ފޮށިތައް ބަހައްޓާފައި ނުވި ނަމަވެސް، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ. ނަމަވެސް މާލޭގައި ފޮށި ނުބެހެއްޓުމުގެ ސަބަބުން ބައެއް މެންބަރުންނަށް ވޯޓުލުމުގެ ފުރުސަތު ނުލިބުނުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރިއިރު، އޭގެ ތެރޭގައި ކައުންސިލްތަކަށް ވާދަކުރާ 183 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 121 މީހުން ހިމެނެއެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓަށް ޕްރައިމަރީއެއް މިއަދު ބާއްވާފައި ނުވާތީ، އެ ސިޓީގެ ޓިކެޓު މުޝްރިފް އަލީއަށް ވަނީ ކަށަވަރުވެފައެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭގެ ވަގުތެއްގައި އިއުލާނު ކުރާނެ ކަމަށް ޕީއެންސީން ބުނެއެވެ. އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.