English Edition
Dhivehi Edition
އެމްޓީސީސީ ގެ ބަހެއް ބްރިޖް މަތިން ދުއްވާފައި ދަނީ

މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވެސް އަންނަމަހުން ފެށިގެން ތިން ކެޓަގަރީއަކަށް ހިލޭ ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ، އަންނަމަހުން ފެށިގެން ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބަހުގެ ހިދުމަތް ހިލޭ ލިބިގެންދާނެ ކަމަށެވެ.އެމްޓީސީސީން މިވަގުތު އަތޮޅުތެރޭގައި ބަހުގެ ހިދުމަތް ދެމުން ގެންދަނީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫ އާއި ދެމެދު ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ދެވޭ ބަހުގެ ހިދުމަތެވެ.

އަންނަ އަހަރު އައްޑޫ ސިޓީ، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ފެންވަރު ރަނގަޅު ބަސްތަކެއް ގެނައުމަށް އެމްޓީސީސީ އިން މަސައްކަތްކުރަމުން އަންނައިރު އެމްޓީސީސީ އިން ބުނީ އައު ބަސްތައް ލިބުމާއެކު ފުވައްމުލަކާއި ލ. އަތޮޅުގެ ރަށްތަކުގައިވެސް ބަހުގެ ހިދުމަތް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ލިބިގެންދާނެ ކަމަށެވެ.

އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ލ. އަތޮޅާއި މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ.