މާލެއާއި ވިލިމާލެއާ ދެމެދު ކަނޑުއޮޅިން ދަތުރު ނުކުރުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލެއާއި ތިލަފުއްޓާއި ދެމެދު ބުރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން ގުޅީފަޅާއި ތިލަފުއްޓާއި ދެމެދު ކަނޑުގައި ތަނބުޖެހުމުގެ މަސައްކަތް މި ހަފްތާގެ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން ބުރާސްފަތި ދުވަހުން ފެށިގެން ގުޅީފަޅާއި ތިލަފުއްޓާއި ދެމެދު ކަނޑުއޮޅި ބަންދުވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ކަނޑު އުޅަނދުފަހަރު އެ ސަރަހައްދުން ދަތުރު ނުކުރުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
މީގެ އިތުރުން މާލެއާއި ވިލިމާލެއާ ދެމެދު ކަނޑުއޮޅި އަދި ވިލިމާލެއާ ގުޅީފަޅާއި ދެމެދު ކަނޑުތައްވެސް ބަންދު ކޮށްފައިވާތީ އެ ސަރަހައްދުންވެސް ދަތުރު ނުކުރުމަށް ވަނީ އަންގާފައެވެ.