ސަރުކާރުން އަލަށް ތައާރަފުކުރާ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލެއަށް ފުޅާކޮށް، އެ ރަށަށް އިލެކްޓްރިކް ފަސް ކާރު ހާއްސަކުރަން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލޭގައި ތައާރަފުކުރާ ޓެކްސީ ލައިންގެ ހިދުމަތް ފެށޭއިރު ވިލިމާލޭގެ ރައްޔިތުންނަށް ވެސް ފަސް ކާރުން އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ޓެކްސީ ހޯދަން ފަސޭހަކޮށްދީ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފަށާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ވިލިމާލޭގައި ބޭނުންކުރަން ނިންމާފައިވަނީ ކަރަންޓުން ދުއްވާ އުޅަނދުތަކަކަށް ވުމާއެކު، މިއީ އެ ރަށުގެ މާހައުލާ ގުޅޭނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. “މިއީ އިލެކްޓްރިކް ޓެކްސީ ތަކަކަށްވާތީ މި ރަށުގެ މާހައުލާއި މި ރަށުގެ ރައްޔިތުންގެ ފަސޭހަކަމާއި މި ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ކަމެއްކަމީ ޝައްކެއް އޮތް ކަމެއް ނޫން،” މިނިސްޓަރު ވިދާޅުވިއެވެ.
މި ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ. ހާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް 24 ގަޑިއިރު ދޭން ނިންމާފައިވާ މި ހިދުމަތުގައި ބޭނުންކުރާނީ 100 ޕަސަންޓު ތިމާވެއްޓާ ރައްޓެހި ތިން ސައިޒެއްގެ އުޅަނދެވެ.
ސަރުކާރުގެ ޓެކްސީ ލައިނަށް ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ 150 ކާރު ގެންނަން ނިންމާފައިވާއިރު، އޭގެ ތެރެއިން 60 ކާރު މިހާރު ވަނީ މާލެ ގެނެސްފައެވެ. ބާކީ އޮތް 90 ކާރު މި މަހުގެ 29 ވަނަ ދުވަހު ރާއްޖެ ގެންނާނެއެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ހިދުމަތާއެކު މުޅި ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލެއް އަންނާނެއެވެ.