މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ 2022 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
އެމްޓީސީސީ ގެ މިއަހަރުގެ ޢާންމު ޖަލްސާ ވަނީ އޮންލައިން ޕްލެޓްފޯމް “ފަހިވޯޓު” މެދުވެރިކޮށް މިއަދު ބާއްވާފައެވެ. އެ ޖަލްސާގައި ބައިވެރިވެފައިވަނީ 5,540,192 ހިއްސާ ހިމެނޭ، 47 ހިއްސާދާރުން ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެ ޖަލްސާގައި ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ވަނީ، ހިއްސާދާރުންގެ ތާއިދާއެކު ފާސްކޮށްފައެވެ. އެގޮތުން “ކުންފުނީގެ ގާނޫނު” ތަސްދީގުކުރި ފަހުން، އެމްޓީސީސީއަކީ އެ ގާނޫނާ އެއްގޮތް ކުރުމަށްފަހު، ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދު ފާސްކުރި ފުރަތަމަ ޕަބްލިކް ލިސްޓަޑް ކުންފުނި ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މީގެ އިތުރުން އެ ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންނަށް 2022 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ ކޮންމެ ހިއްސާއަކަށް ހަތަރު ރުފިޔާ ބަހާގޮތަށް ވަނީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.